އެމްއާރުއެމްގެ ރައީސްކަމަށް އިންތިހާބު ކޮށްފިނަމަ ދެމިހުންނާނަން: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ނަމުގައި އުފައްދަވަން މިއަދު މަސައްކަތް ފެއްޓެވި ސިޔާސީ ޕާޓީގެ ރައީސް ކަމަށް އެ މަނިކުފާނު އިންތިހާބު ކޮށްފިނަމަ އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މައުމޫނު ރިފޯމް މޫވްމަންޓްގެ ނަން މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމަށް ބަދަލުކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްްކަތް ފެށިކަން އިއްލާން ކުރުމަށް ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނު މަގާމަކަށް އިންތިހާބު ކޮށްފިނަމަ ގާބިލިއްޔަތު ހުރި މިންވަރަކުން ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"ބަޔަކު އަޅުގަނޑު ކަމަކަށް އިންތިހާބު ކޮށްފިއްޔާ، އެކަމަކީ އަޅުގަނޑަށް ކުރެވޭ ކަމެއް ވެއްޖެއްޔާ އަޅުގަނޑުގެ ގާބިލިއްޔަތު ހުރި މިންވަރަކުން އެކަމުގައި ދެމި ހުންނާނަން،" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، ގައުމުދެކެ ލޯބި ވުމުގައި ގައުމަށް ހެޔޮ އެދުމުގައި އަދި ގައުމަށް ހިދުމަތް ކުރުމުގައި ވަކި އުމުރެއް ނޯންނާނެ ކަމަށެވެ.
"ﷲ އެމީހަކު ލެހެއްޓެވިހާ ދުވަހަކު ހިދުމަތުގައި ދެމި ކުރުމަކީ އެމީހެއްގެ ހައްގެއް،" ރައީސް މައުނޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ފެށުނީއްސުވެސް އެމަނިކުފާނުގެ އަޒުމަކީ ގައުމަށް ހިދުމަތް ކުރެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ