ސާކު މިހާރަށް ވުރެ ހަރަކާތްތެރިވާން ވެއްޖެ: އުމަރު

މެމްބަރު ގައުމުތަކުގެ މެދުގައި ސާކުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ވެއްޖެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މި ސަރަހައްދުގެ އަށް ގައުމު ނިސްބަތްވާ ސާކް ޖަމިއްޔާ އާ ގުޅޭގޮތުން ރާއްޖޭގެ ނޫސްވެރިންނާއި އެޑިޓަރުންނަށް މައުލޫމާތު ދިނުމަށް ޝީ ބިލްޑިންގައި ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރަހައްދީ ގައުމުތަކުން އުއްމީދު ކުރާ ފެންވަރަށް އެ ޖަމިއްޔާ ކުރިއަރަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އާބާދީގެ 21 ޕަސެންޓާއި އިގްތިސޯދުގެ ތިން ޕަސެންޓް މި ސަރަހައްދުގެ ގައުމުތަކުން ހިއްސާ ކުރާއިރު، ދުނިޔެއަށް މިހާރަށް ވުރެ މި ގައުމުތަކުން ހުޅުވެން ޖެހޭކަން ފާހަގަ ކުރެއްވި އެވެ. "ސަރަހައްދީ އެހެން ޖަމިއްޔާތައް ކަމަށްވާ، ޔޫރަޕިއަން ޔޫނިއަން އާއި އާސިއާން ގައުމުތައް ފަދައިން ސާކުގެ ގައުމުތަކުން ވެސް އެއްބައެއްގެ ގޮތުގައި ތެދުވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރަހައްދީ އެހެން ޖަމިއްޔާތަކަށް ވުރެ ސާކުން، ގައުމުތަކުގެ މެދުގައި ހާސިލް ކުރަން ޖެހޭ ކަންކަން ގިނަ ކަމަށެވެ. އެގޮތުން ގައުމުތަކުގެ އިގްތިސޯދާ ގުޅޭގޮތުން ކަވަރު ކުރަން ޖެހޭ ބައިތައް ގިނަކަން ފާހަގަ ކުރެއްވި އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ބައިވެރިވަނީ އޭނާ ވިދާޅުވީ މިނިވަން ގައުމުތަކެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް މިހާރުގެ ދުނިޔޭގައި ކުރިއަރައި ދާނީ ގައުމުތައް ވީހާ ވެސް ބޮޑަކަށް ގުޅިގެން، އެއް ބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ނޫސްވެރިންނަށް އަމާޒުކޮށްގެން ސާކުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި މި ބައްދަލުވުމުގެ މަގްސަދަކީ ސާކުގެ ހަބަރުތަކާއި ހަރަކާތްތަކަށް މީޑިއާތައް ހޭލުންތެރިކުރުވައި، އެކަންކަން ކަވަރު ކުރުމަށް ހިއްވަރު ދިނުމެވެ. ސާކުގެ ގައުމުތަކުގެ ގޮތުގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނާއި އަފްޣާނިސްތާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ