ކަފާލާތުގެ ދަށުން ސޯނިއާ އާއި ރާހުލް ކޯޓުން ދޫކޮށްލައިފި

ނިއު ދިއްލީ (ޑިސެމްބަރު 19) - އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމަަށްވާ ސޯނިއާ ގާނދީ އާއި ރާހުލް ގާނދީ އިއްޔެ ދިއްލީގެ ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ. އިންޑިއާގައި މިހާރު ވަރަށް ބޮޑަށް ސަމާލުކަން ހުއްޓިފައިވާ މައްސަލައާ ގުޅޭ ގޮތުން ކޮންގްރެސް ޕާޓީގެ އެންމެ ސީނިއާ ދެ ލީޑަރުން ބުނެފައި ވަނީ މިއީ އެ މީހުންނާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެެގެން ހިންގާ ސިޔާސީ ބަދަލު ހިފުމެއް ކަަމށެވެ. ސޯނިއާ އާއި ރާހުލްއާ އެކު ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގާއި ކޮންގްރެސްގެ ސީނިއާ އެހެން ލީޑަރުން ވެސް ކޯޓަށް ވަޑައިގެންނެވި އެވެ. ތަޖްރިބާކާރުން ބުނަނީ މިއީ މި މައްސަލަ ސިޔާސީވެފައިވާ މިންވަރު އަންގައިދޭ ކަމެއް ކަަމަށެވެ. ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގާއި ސޯނިއާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިއާ އާއި ދަރިކަލުން ރާހުލް ދިއްލީގެ ޕަޓިއަލާ ކޯޓަށް ހާޒިރު ކުރީ ނެހްރީ-ގާނދީ އާއިލާ އިން ނެރެމުން ދިޔަ ނޫހެއް ގަތުމަށް ޕާޓީން ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ބީޖީޕީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެެ. ދެހާސް އަށް ވަނަ އަހަރު ޝާއިއު ކުރުން ހުއްޓާލި ނޭޝަނަލް ހެރަލްޑް ނޫސް ކޮންގްރެސް ޕާޓީން ވަނީ 2010 ވަނަ އަހަރު ގަނެފަ އެވެ. ސޯނިއާ އާއި ރާހުލް ކޯޓަށް ހާޒިރު ކުރާތީ ގިނަ ބަޔަކު ވަނީ ކޯޓު ބޭރަށް އިއްޔެ ޖަމާވެފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ނެރެފަ އެވެ. ކޯޓުގައި ސޯނިއާ އާއި ރާހުލް ހޭދަ ކުރެއްވީ ފަސް މިނިޓެވެ. މި މައްސަަލަ މިހާރު ވަނީ ފެބްރުއަރީ 20 އަށް ލަސްކޮށްފަ އެވެ. ދިފާއީ ވަކީލް ކަޕިލް ސިބާލް ވިދާޅުވީ މިއީ ކަނޑައެޅިގެން ސިޔާސީ ބަދަލު ހިފުމެއް ކަމަށެެވެ. އަދި ކޯޓުގައި ކޮންމެ މީހަކަށް 50،000 ރުޕީސް ބެހެއްޓި ކަަމށް ވަކީލް ވިދާޅުވި އެވެ. އަދި މި ފައިސާ އަށް ވަނީ ސޯނިއާގެ ދަރިކަނބަލުން ޕްރިޔަންކާ ގާނދީ އާއި ކުރީގެ ދިފާއީ ވަޒީރު އޭ.ކޭ އެންތަނީ ޒިންމާވެފަ އެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ބީޖޭޕީގެ ލީޑަރު ސުބްރަމާނިއަމް ސްވާމީ އެވެ. އަދި އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި ސޯނިއާ އާއި ދަރިކަލުން ވަނީ ނޭޝަނަލް ހެރަލްޑް ނޫހުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްފަ އެވެ. ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯނިއާ ވިދާޅުވީ ހަގީގަތް ހާމަވާނެ ކަމަށެެވެ. އަދި ކޮންގްރެސް އަށް އަމާޒުވާ ހަމަލާތަކާއި ފާޑުކިޔުންތަކާ މެދު އެންމެވެސް ސަމާލުވެ ތިބި އެކަމަނާ އެދިވަޑައިގެންނެވި އެވެ. ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގާއި ރާހުލް ކޯޓުގޭ ބޭރުގައި. --ފޮޓޯ:އޭއެފްޕީ "އެ މީހުންގެ ހުރިހާ ހަމަލާއެއް ދަނީ އަޅުގަނޑުމެންނާ އަމާޒު ކުރަމުން. އެ ކަން ކުރުމަށް ސަރުކާރުގެ ހުރިހާ އެޖެންސީއެއް ދަނީ ބޭނުން ކުރަމުން،" ސޯނިއާ ވިދާޅުވި އެވެ. ބީޖޭޕީން ބުނީ މި މައްސަލަ އަކީ އެ ޕާޓީއާ ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށާއި މައްސަަލަ ހުށަހެޅީ ސްވާމީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެެ. މަންމޯހަން ސިންގް ވިދާޅުވީ ކޮންގްރެސް ޕާޓީ އޮތީ ސޯނިއާ އާއި ރާހުލްގެ ފަހަތުގައި ކަމަށެވެ. ކޮންގްރެސް ޕާޓީން ބުނެފައި ވަނީ 1938 ވަނަ އަހަރު ބޮޑު ވަޒީރު ޖަވާހަރްލާލް ނެހްރޫ ފެއްޓެވި ނޫސް އަލުން ނެރެން ބޭނުންވާ ކަމަށެވެ. މި ނޫސް ވަނީ އިނގިރޭސިންގެ އަތްދަަށުން 1947 ވަނަ އަަހަރު މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި ގައުމީ ރޫހު އާލާކުރުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ