މެމްބަރު އިބްރާހީމް ރަޝީދު ފަސް ދުވަހަށް ގޭގައި ބަންދުކުރުމަށް އަމުރުކޮށްފި

ފުލުހުން ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު (ބޮންޑޭ) ފަސް ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން އަމުރުކޮށްފި އެވެ.
ރޭ ދަންވަރު 12:20ހާއިރު ކޯޓް އަމުރެއްގެ ދަށުން، ފުލުހުން ބަލަމުންގެންދާ މައްސަލައަކާގުޅިގެން ހައްޔަރުކުރި ބޮންޑޭގެ ބަންދާމެދުގޮތެއް ކަނޑައެޅުމަށް މިއަދު މެންދުރު ފަހު ބޭއްވި ޝަރީއަތުގައި ފުލުހުން ހުށަހެޅި ހެކިތަކަށް ރިޔާއަތްކޮށް ގާޒީވަނީ ބޮންޑޭ ފަސް ދުވަހަށް ގޭގައި ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކެފޭއެއްގައި އިންނަވަނިކޮށެވެ.
އަވަސް އިންތިހާބަކަށް ގޮވާލައި ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ހުންނަވަނިކޮށް ވަރަސް ގިނަ ފަހަރު ވަނީ ބޮންޑޭ ހައްޔަރުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ސައިކަލް ބުރެއްގެ ތެރެއިން ފުލުހުން ވަނީ ބޮންޑޭ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ މީހަކު އޭނާގެ ބުރަކަށީގައި ދަތްއެޅިކަމަށް ބުނި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ މައްސަލަ ނަންގަވާ އެވާހަކަ ދައްކަވާފައެވެ. ފުލުހުންގެ މީހަކު ބޮންޑޭގައިގައި ދަތްއެޅިކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ މުޒާހަރާގެ ތެރޭގައި މެމްބަރުންނަށް އަނިޔާކުރިކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވަނިކޮށް ފުލުހުން ބުނެފައިވަނީ އެފަދަކަމެއް ނުހިނގާކަމަށާއި އަނިޔާނުކުރާކަމަށެވެ.
ބޮންޑޭގައިގައި ދަތްއެޅިކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކުރިއިރު ދަތްއަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވަނީ މީޑިއާގައި އާންމުވެފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޖުލައި 30 ގައި އެމްޑީޕީން ބޭއްވި ސައިކަލް ބުރުގައި ފުލުހަކަށް ގެއްލުން ދިން ކަމަށް ބުނެ ހޯދާފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ