މާޅޮސް އާދަޔާ ހިލާފަށް ގިރާތީ ވެލި ބަސްތާ ޖަހަން ރައްޔިތުން ނުކުމެއްޖެ

ބ. މާޅޮސް އާދަޔާ ހިލާފަށް ގިރާތީ ރަށުގެ ރައްޔިތުން ނުކުމެ ގޮނޑުދޮށުގައި ވެލިބަސްތާ ޖަހަން ފަށައިފި އެވެ. އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމާ އެކު މާޅޮހު އުތުރު ފަރާތް ގޮނޑުދޮށް ގިރަން ފެށި ގޮތަށް އަދިވެސް ނުހުއްޓެ އެވެ. މިހާރު ހުއްޓުމެއް ނެތި އެ ރަށް ގިރާތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ، ރަށް ގިރުން ހުއްޓުވުމަށް ރަށުގެ ކައުންސިލާއި ރައްޔިތުން ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައްޔިތުން ނުކުމެ ކަހައި އެއްކުރަމުން ދަނީ އުތުރު ފަރާތަށް ވަޔާ އެކު އަރާފައި ހުރި ވެއްޔެއެވެ. އެ ވެލި ބަސްތާތަކަށް އަޅައިގެން ގޮސް ގޮނޑުދޮށުގައި ޖަހަނީއެވެ. އެކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ. މާޅޮހު އުތުރު ފަރާތު ގޮނޑުދޮށް ގިރާތީ ރައްޔިތުން ވެލިބަސްތާ ޖަހަން ނުކުމެ -- ޝުޖާއު ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ. އެކަމަކު، އުތުރުފަރާާތު ގޮނޑުދޮށާ އެންމެ ކައިރީގައި ހުރި ގެއާއި މޫދާ ދެމެދު އޮތީ 20 އަކަށް ފޫޓު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގޮނޑުދޮށުގައި ހުރި ބައެއް ރުއްތައް ވެއްޓިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. "އެހެން އަހަރުތަކާ އަޅާ ބަލާއިރު މިހާރު ހިނގައްޖެ ގާތްގަނޑަކަށް ވިއްސަކަށް ފޫޓު. މިހާރު ހައެއްކަ އަހަރު ވެއްޖެ މިވަރަށް ނުގިރާ،" ޝުޖާއު ވިދާޅުވިއެވެ. މާޅޮހު އުތުރު ފަރާތު ގޮނޑުދޮށް ގިރާފައި -- ގިރަން ފެށުމާ އެކު އެންވަޔަރަމެންޓް މިނިސްޓްރީ އާއި ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ. ދިރާސާއެއްކޮށްގެން ވިޔަސް ރަށް ގިރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ބަޖެޓު ކުރަން ޕްލޭނިން މިނިސްޓްރީގައިވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ވަކި ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ގިރައި ވޮޑޭ ރަށްތަކެކެވެ. އެކަމަކު، މިހާރު ބައެއް ރަށްތައް ގިރަމުން ދަނީ އާދައާ ހިލާފަށް ކަމަށް އެ ރަށްރަށުގެ މީހުން ބުނެ އެވެ. އެގޮތުން ބ. އަތޮޅުގެ ދަރަވަންދޫ އާއި، ކެންދޫ އާއި ކުޑަރިކިލާއި ރ. އަތޮޅު ފައިނު ދަނީ އާދައާ ހިލާފަށް ގިރަމުންނެވެ. މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. ބަލަބަލާ ތިއްބާ ރަށްތައް ގެއްލެނީ! ސަލާމަތްވާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ