މޫސުން ގޯސް، ބ އަތޮޅާއި ތ އަތޮޅާ ދެމެދަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ބ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، މިއަދު 11:45 އިން ހަވީރު 17:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
ވީއެފްޕީ އާ ވާހަކަ ދައްކަމުން މީޓިއޮރޮލޮޖީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަގަޅުވާނެކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ. އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ