ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ފައުންޑޭޝަން" އިން އިއުލާނުކުރި 10 ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
އެ ފައުންޑޭޝަނުން ބުނީ، މާސްޓާސް ފެންވަރަށް ކިޔަވަން ހުޅުވާލި ފުރުސަތަށް އަންނަ އާދިއްތަ ދުވަހާ ހަމައަށް މިހާރު ފުރުސަތު އޮންނާނެ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން، މިއަދަކީ އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފަހު ދުވަހެވެ.
އިންޑިއާގެ ގާޑަން ސިޓީ ޔުނިވާސިޓީގައި ކިޔެވުމަށް މައުމޫން ފައުންޑޭޝަނުން ދެނީ ކޯސް ފީގެ އެއްބަ އެވެ. އަނެއް ބައި ހަރަދުކުރަން ޖެހޭނީ އަމިއްލައަށެވެ.
މައުމޫން ފައުންޑޭޝަންގެ އެހީގައި ކިޔަވަން ޖާގަ ދެނީ މައިގަނޑު ފަސް ދާއިރާއަކުންނެވެ. އެއީ ޑިގްރީ ފެންވަރަށް ކިޔެވުމަށް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ، ކޮމްޕިއުޓާ އެޕްލިކޭޝަން ދާއިރާ، ބަޔޯޓެކްނޮލޮޖީގެ އިތުރުން ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސް އަދި ފިޒިއަތެރޮޕީގެ ދާއިރާ އެވެ. މާސްޓާސް ހާއްސަކޮށްފައިވަނީ ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމަންޓަށެެވެ.
އެއިން ކޮންމެ ދާއިރާއަކުން ވެސް ދޭން ހަމަޖައްސާފައިވަނީ ދެ ފުރުސަތެވެ.
މީގެ އަށް އަހަރު ކުރިން މައުމޫން ފައުންޑޭޝަން އުފެއްދީއްސުރެ، އެ ތަނުން އަންނަނީ މަތީ ތައުލީމް ހާސިލްކުރަން ސްކޮލަޝިޕް ދެމުންނެވެ. އެ ފައުންޑޭޝަންގެ އެހީގައި 25 ދަރިވަރަކު ކިޔެވުން ނިންމާފައިވާއިރު، މިހާރު ވެސް ބައެއް ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕަށް ހުޅުވާލިއިރު، ރައީސް މައުމޫން ހުންނެވީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ ދޮޅު އަހަރަށް ޖަލަށް ލައިފިފަ އެވެ. އެމަނިކުފާނަށް ކުރާ އެހެން ދެ ދައުވާއެއްގެ އަޑުއެހުންތަކެއް ކްރިމިކަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ