ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓަކީ، މިއަދު ހަވީރު 5:00 އިން މިރޭ 10:00 އާއި ހަމައަށް ނެރެފައިވާ އެލާޓެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، މިރޭ 8:00 އިން މާދަމާ ހެދުނު 8:00 އާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ މޫސުން މިވަގުތު ގޯސްވެފައި ވުމުން މިރޭ 10:00 އާއި ހަމައަށް ވައިޓް އެލާޓެއް ނެރިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ މޫސުން މިވަގުތު ހުރި ގޮތއް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، މެދުތެރެއާއި ދެކުނަށް ނިސްބަތްވާ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ބޯކޮށް ވާރޭވެހި ، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ