ސްކޫލް ކްރިކެޓް ލީގް: އިއްޔެގެ މެޗްތައް ތާޖުއްދީނަށާއި އިމާދުއްދީނަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ސްކޫލް ކްރިކެޓް ލީގްގައި އިއްޔެ ވެސް ވަނީ ދެމެޗެއް ކުޅެފަ އެވެ. އެގޮތުން އިއްޔެ ކުޅުނު ދެމެޗެގެ ތެރެއިން ފުރަތަމަ މެޗް ނުވަ ވިކެޓުން ތާޖުއްދީން ސުކޫލް ކާމިޔާބު ކުރި އިރު، ދެ ވަނަ މެޗް ދެ ލަނޑުން ކާމިޔާބު ކުރީ އިމާދުއްދީން ސުކޫލެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ކަލާފާން ސުކޫލާ ވާދަކޮށް ނުވަ ވިކެޓުން ތާޖުއްދީން ސުކޫލުން މެޗް ކާމިޔާބު ކުރި އިރު މި މެޗްގައި ފުރަތަމަ ޓޮސް ދިމާވުމުން ކަލާފާން ސުކޫލް ކުޅެންއަރާ ތިން ކުޅުންތެރިއެއް ނުބައިނުވެ 33 ލަނޑުހެދި އެވެ. އަދި މިމެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި ކަލާފާން ސުކޫލްގެ އިބްތިޝާމް އާއި 8 ލަނޑު ހެދި ނަހުޒާން އެވެ. އަދި ޖަވާބުގައި ތާޖުއްދީން ސުކޫލް ކުޅެންއަރާ އެއް ކުޅުންތެރިއަކު ނުބައިވެނެގެން 34 ލަނޑުހެދި އެވެ. އަދި މިމެޗްގައި ތާޖުއްދީން ސުކޫލުން އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި އަހުމަދު އިކްރަމް އެވެ.
މީގެއިތުރުން އިއްޔެ ކުޅުނު ދެވަނަ މެޗްގައި ވިލިމާލޭ މުހިޔިއްދީން ސުކޫޅާއި ވާދަކޮށް ދެ ލަނޑުން އިމާދުއްދީން ސުކޫލް މެޗް ކާމިޔާބު ކުރިއިރު، ޓޮސް ދިމާވެގެން އިމާދުއްދީން ފުރަތަމަ ކުޅެންއަރާ ތިން ކުޅުން ތެރިން ނުބައިވެގެން 52 ލަނޑު ހެދިއެވެ. އަދި މިމެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި އިމާދުއްދީން ސުކޫލްގެ ސަވާފެވެ. އަދި ޖަވާބުގައި މުހިޔިއްދީން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުން ތެރިން ނުބައިވެގެން 50 ލަނޑުހެދިއެވެ. އަދި މިމެޗްގައި މުހިޔިއްދީން ސުކޫލުން އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑު ހެދި ނުއާޒެވެ.
މިމުބާރާތުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެގޮތުން އެދުވަހުގެ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގިޔާޒުއްދީން ސުކޫލާއި ތާޖުއްދީން ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ