ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަޑައަޅައިފައިވާ މެންބަރުގެ މައްސަލަ ލަސް ވަމުންދާތީ މި މައްސަލަ އަވަސްކޮށްދޭން އިދިކޮޅު 4 ލީޑަރުން ސޮއިކުރައްވާ ސްޕްރީމް ކޯޓަށް ހުށައެޅި ސިޓީ ބަލައިގެންފި ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
މިއަދު މެންބަރުންގެ މައްސަލައިގައި ސްޕްރީމް ކޯޓަށް އިދިކޮޅު މެންބަރުންނާ އެކު ވަޑައިގެން ސިޓީ ހުށައެޅުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަޑައަޅައިފައިވާ މެންބަރުގެ މައްސަލަ ލަސް ވަމުންދާތީ މި މައްސަލަ އަވަސް ކޮށްދޭން އިދިކޮޅު 4 ލީޑަރުން ސޮއިކުރައްވާ ސްޕްރީމް ކޯޓަށް ހުށައެޅި ސިޓީ ބަލައިގެންފި ކަމަށާއި މަދުވެގެން 3 ދުވަސް ތެރޭ ސިޓީ އަށް ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
" އަޅުގަނޑުމެން މިއަދު ހުށައެޅި ސިޓީ ވަނީ ސުޕްރީމް ކޯޓުން ބަލައިގެންފައި. އުންމީދު މިކުރަނީ 3 ދުވަސް ތެރޭގައި ސިޓީއަށް ޖަވާބެއް ލިބޭނެ ކަމަށް " އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މަޖިލީހަށް ނުވަދެވޭ ގޮތް ހަދާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި އެތަށް ރައްޔިތުންގެ ހައްގުތަށް ގާނޫނާ ހިލާފަށް ހުއްޓުވާފައި ވާކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެއްދިއްޖެ ހިނދެއްގައި އެކަމުގައި ފަހުބަސް ބުނާ ތަނަކީ ސުޕްރީމް ކޯޓް. އެހެން ކަމުން އަޅުގަނޑުމެން މިވަނީ ސްޕްރީމް ކޯޓަށް ސިޓީ ހުށައަޅާފަ" އިބޫ ވިދާޅުވިއެވެ.
ނޫސްވެރިނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މި މައްސަލަ އަކީ ކުޑަ މައްސަލަ އެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ އެތަށް ހާސް ރައްޔިތުންނާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ސިޓީ އަށް އެޕްރޫވަލް ލިބުނުހާ އަވަހަކަަށް މި ސިޓީ މީޑިއާގައި އާންމު ކުރައްވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ގޮނޑީގެ މައްސަލައިގައި ހުށަހެޅި ސިޓީ ސުޕްރީމް ކޯޓުން ބަލައިގެންފި - އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ