ކުރީގެ މަޖިލިސް މެމްބަރު ސަޢުދުވެސް ހައްޔަރުކޮށްފި

މިމަހުގެ 24 ވަނަ ދުވަހު ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ހުސައިން ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަޢުދު ހައްޔަރުކުރީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސަޢުދު ހޯދުމަށް ފުލުހުން، ރޭ ނޯޓިސްއެއް އާންމުކުރުމުން، މިއަދުގެ ވަގުތެއްގައި ސަޢުދު ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.
ސައުދު ހޯދުމަށް ފުލުހުން ރޭ އޭނާގެ ފޮޓޯ އާންމުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހުވެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ސައުދު ދޫކޮށްލާފައެވެ.
ސައުދުއާ ޙަވާލާދީ މީޑިއާތަކުން ބުނެފައިވަނީ އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި އޭނާ އުޅުއްވަނީ ފުލުހުންނަށް ފިއްލަވައިގެން ނޫންކަމަށެވެ. އަދި އޭނާ ހުރިތަން ގާނޫނީ ވަކީލުން މެދުވެރިކޮށް އިއްޔެ ފުލުހުންނަށް އަންގާފައިވާނެ ކަމަށްވެސް ސަޢުދު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ރޭގެ ވަގުތެއްގައި ސަޢުދު ހޯދުމަށް ސަޢުދު ދިރިއުޅުއްވާ ގެއަށް ދިޔައިރު ގޭގައި ނޫޅުއްވައެވެ. މިކަމާއި ގުޅިގެން އޭނާ ވިދާޅުވީ އެވަގުތު ހުންނެވީ ގެއިން ބޭރުގައިކަމަށެވެ.
ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން، ގޮނޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި ސައުދުވެސް ހިމެނެއެވެ.
ސައުދު ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަނުމުގެ ކުށުގައެވެ. އެ މައްސަލައިގައި ބައެއް މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވާއިރު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ