ޔޫއެންގެ ޖެނެރަލް އެސެމްބުލީގައި ދުންޔާ ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް: މައުމޫން

އދ.ގެ 70 ވަނަ ޖެނަރަލް އެސަމްބްލީގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށް ކުރީގެ ރައީސް އަދި ދުންޔާގެ ބައްޕާފުޅު މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިނިސްޓަރު ދުންޔާ ޔޫއެންގެ ޖެނެރަލް އެސެމްބުލީގައި ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށާއި އެކަމަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫނަކީ އދ.ގެ ޖެނެރަލް އެސެމްބުލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ތަގުރީރު ކުރެއްވި ބޭފުޅާއެވެ. Congratulations Dunya on an excellent statement at UN General Assembly yesterday. Proud of you! pic.twitter.com/Kz34xcLSiO — Maumoon Abdul Gayoom (@maumoonagayoom) October 4, 2015 އދ.ގެ 70 ވަނަ ޖެނަރަލް އެސެމްބުލީގައި ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު ދުންޔާ ވަނީ އދ.ގެ މަގުސަދުތައް ހާސިލު ކުރަން ބޭނުން ނަމަ އެޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައިފަ އެވެ. ދުންޔާ ވިދާޅުވީ އދ. އަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށާއި އެޖަމާއަތް އެގޮތުގައި އޮތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އދ.އަކީ ދުނިޔޭގެ ހާލަތު ބަދަލުކޮށް ރަނގަޅު ބޮޑު ބަދަލެއް ދުނިޔެއަށް ގެނައުމަށާއި އަދި މިހާރު ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭ ފަދަ ތަނަކަށް ހެދުމަށް ޓަކައި އެ ޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަށް މައްސަލަތަކުން އަރައިގަންނަން ބޭނުންކަމުގައިވާ ނަމަ މައްސަލަތަކަށް ހުރިހާ ދިމާލަކުން ބަލަން ޖެހޭ ކަމަށާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް ރޭވުންތެރިކަމާ އެކު ތަފާތުގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް ޓަކައި އިންސާނިޔަތައް ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ހިމެނޭގޮތަށް "ސަލާމަތްތެރިކަމުގެ އުސޫލްތައް" އަލުން މުރާޖާކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. ދިވެހީންގެ ސަލާމަތްތެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވަމުން އަންނަ އިރު ރައްޖޭގެ ހައްގުތައް ގެއްލި ގައުމެއްގެގޮތުގައި ދެމިއޮތުމަށް ހުރަސް އެޅެމުންދާ ކަމަށް ދުންޔާ ވިދާޅުވި އެވެ. ފޮރިން މިނިސްޓަރު ޑިޕުލޮމެޓިކު ދާއިރާއަށް ނުކުމެވަޑައިގެންފައި ވަނީ މީގެ އަށް އަހަރު ކުރިން ނެވެ. ޑިޕުލޮމެޓިކު ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން މިނިސްޓަރު ދުންޔާ އުޅުއްވީ ޔޫއެފްޕީއޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ