ގާސިމް އިބްރާހީމްގެ ބަންދަށް 15 ދުވަސް ޖަހައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެވަނަ ފަހަރަށް ހައްޔަރުކުރީ ރޭ މެންދަމު 12:10 ހާއިރު އެވެ. ގާސިމް ހައްޔަރުކުރީ އެމަނިކުފާނުގެ ގެކޮޅު މާފަންނުވިލާގައި ހުންނަވަނިކޮށެވެ. ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރަން ނިންމާފައިވަނީ 4:15 ގައެވެ.
ގާސިމް އިބްރާހީމް ރޭ ހައްޔަރުކުރަން ނެރުނު އަމުރުގައި ބުނެފައިވާ ހައްޔަރުކުރަން ބޭނުންވާ ސަބަބު:
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީއާއި ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން ކ. މާލެ / މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަމުންދާތީއާއި، މިކަންތައްތަކަކީ މިހާރު ތަހުގީގުކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ ގާސިމް އިބްރާހީމް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ އެހެކި ނައްތާލުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށާއި އަދި ގާސިމް އިބްރާހީމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ