މައުމޫން ފެކްޝަން އިން 200 ވަރަކަށް ކެންޑިޑޭޓުން ނުކުންނާނެކަމަށް ބެލެވެން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ޕީޕިއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް 250 އަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށް ޕީޕީއެމްގެ އިންތިހާބް ކޮމިޓީގެ މެންބަރު އަލި ރަޝީދު ވިދާޅުވެއްޖެއެވެ.
ރަޝީދު މިގޮތަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ޕާޓީގެ އާންމު މެންބަރުންނަށް އޮޅޭ ގޮތަށް މައުލުމާތު ލިބިފައި ވާތީ އެކަމާއި ގުޅިގެން މިއަދު މައުމުން ފެކްޝަންގެ ފަރާތުން ޕީޕީއެމް އޮފީސް ހ. ތެމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
ޕީޕީއެމްގެ އިންތިހާބް ކޮމިޓީގެ މެންބަރު އަލި ރަޝީދު ވިދާޅުވީ މި ޕްރައިމަރީގައި ވާދަކުރުމަށް ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާކަމަށާއި، މިހާތަނަށް އައިއިރު 250 އަށްވުރެ ގިނަ ފަރާތްތަކުން ޕްރައިމަރީގައި ވާދަކުރުމަށް ފޯމްލާފައިވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް މިއަދު ހަބަރެއް ލިބިފައިވާ ގޮތުން ވިއްޔާ އެންމެ ފަރާތަކުން ކުރިމަތިލާން ބޭނުންނުވެގެން އެންމެ ފަހުން ފޯމް އަބުރާ ގެންދަވާފައި ވަނީ. އެހެން ހުރިހާ ބޭފުޅުންގެ ފޯމްތައް އަޅުގަނޑުމެންގެ އަތުގަ އެބަހުރި ޕްރޮސެސް ކުރަމުގެ މަގުމަތީ މިހާރު ދަނީ". ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަންކަން ކުރިއަށް ގެންދަވާނީ އިންތިހާބު ކޮމިޓީގެ ފަރާތުންކަމަށެވެ.
"ޕާޓިގެ އިންތިހާބް ކޮމިޓީއަކީ ފުރަތަމަ ބޭއްވުނު ގައުމީ ޖަލްސާއިން (ޖެނުއަރީ 17 2013)ގައި ބޭއްވުނު ގައުމީ ޖަލްސާއިން އިންތިހާބްކޮށްފައި އޮތް ގައުމީ އިންތިހާބް ކޮމިޓީއެއް.އިންތިހާބު  ކޮމިޓީން އެބަ އޮވޭ އަސާސީ ގަވާއިދުގެ ތެރެއިން ވަކި ކަންތައްތަކެއް މަތިކޮށްފަ. އަދި އޭގެ އިތުރަށް ވަކިވަކި އިންތިހާބްތަކާއި ގުޅޭގޮތުން ޕާޓީގެ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިންވެސް އެބަހުރި ކަންތައްތަކެއް މަތިކޮށްފަ.". ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ޕާޓީގެ ފަރާތުން މިހާރު މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއް ގެންގޮސްފައި ވަނީ ޕާޓީގެ އިންތިހާބް ކޮމިޓީއާ ބައި އިލެކްޝަންގެ ކޮމިޓީގެ ފަރާތުންކަމަށެވެ.
"ޕާޓީގެ އުފެދިގެން މިހާތަނަށް އައިއިރުގަ ގައުމީ ޖަލްސާއިން އިންތިހާބް ކޮމިޓީ ނެގިފަހުން 35 ވަރަކަށް އިންތިހާބް ބޭއްވިފައިވޭ.އެހެންވީމަ މި އިންތިހާބްގެވެސް ހުރިހާކަމެއް ގެންދަވާނީ ކޮމިޓީގެ ބެއްލެވުމުގެ ދަށުން އިންތިހާބް ކޮމިޓީއަށް ލިބިގެންވާ އަސާސީ ގަވާއިދު މަތިކޮށްފަ އިން ހުރިހާކަމެއް އަދި އޭގެ އިތުރަށް ހެދިފައި ހުރި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ޕާޓީގެ ރައީސްގެ ލަފާގެ މަތީން.". ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ގައުމީ އިންތިހާބްތަކުގައި ޕީޕީއެމް ތަމްސީލްކުރުމާއި ބެހޭ ގޮތުން ހެދިފައި އޮތް ގަވާއިދުގައިވެސް އިންތިހާބް ކަންކަން ވިލަރެސް ކުރާނެ މައި މުއްސަސާއަކީ އިންތިހާބް ކޮމިޓީކަން ބަޔާންކޮށްފައިވާކަމަށެވެ.
މި ގަވާއިދަކީ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ (17 ޖެނުއަރީ 2013)ގައި ފާސްކޮށްފައިވާ ގަވާއިދެކެވެ.
ރަޝީދު ވިދާޅުވީ އެހެން ބައެއް ދިމަދިމާލުން ފޯމް ބަލައިގަންނަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި،އެހެންނަމަވެސް ޕާޓީގެ އިތުރު އޮފީހެއް އިންނަކަމަށް "އަޅުގަނޑަށް" އެނގިފައިނުވާކަމަށެވެ.
"އެހެންވީމަ ޕާޓީގެ މައި އޮފީހަކީ މިއީ. އިންތިހާބުގެ ހުރިހާ ހަރަކާތެއް މިގެންދަނީ މި އޮފީހުގެ ތެރެއިން. އެހެންވީމަ މި އޮފީހަށް ޕާޓީގެ އާންމު މެމްބަރުން ފޯމަ ހުށަހަޅަން ގެންދަވަންވީ.". ރަޝީދު ވިދާޅުވިއެވެ.
ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ފޯމްލުމަށް މި މަހުގެ 6 ގައި އިއުލާނުކޮށްފައިވާއިރު، ފޯމް ހުށަހަޅާ އެންމެ ފަހު ތާރީހަކަށް އެ އިއުލާނުގައި އިނީ މި މަހުގެ 16 ވަނަ ދުވަހެވެ. އެހެންނަމަވެސް ޕާޓިގެ ބައެއް މެމްބަރުންގެ އެދުމުގެ މަތީން ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ފޯމްލުމަށް ދިން މުއްދަތު މި މަހުގެ 23 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ