ގްރޭޑް 10 ނިންމާ ކުދިންނަށް ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ފުޑް ސޭފްޓީ މޯލްޑިވްސް އިން އަންނަ މަހު ފަށަނީ

ގްރޭޑް 10 ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ފުޑް ސޭފްޓީ މޯލްޑިވްސް އިން އަންނަ މަހު އައްޑޫގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ. އެ ޖަމިއްޔާގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ފަށާ ކޯސްތަކަކީ ހަ މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ ކޯސްތަކެއް ކަމަށެވެ. އެގޮތުން ފްރޮންޓް އޮފީސް، އެފްއެންޑްބީ، ހައުސްކީޕިން، ވެއިޓާސް، ކަސްޓަމާ ކެއާ ޓެލެފޯނިން، ހިއުމަން ރިސޯސް އަދި ގްރޫމިން ސްޓެންޑަޑް ފަދަ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރީޒީ ވިދާޅުވި އެވެ. ކޯހުގެ ފީއަކީ މަހަކު 300ރ. އެވެ. "އަޅުގަނޑުމެން މިފަދަ ކޯސްތަކެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ 10 ނިންމާ ކުދިން ވަޒީފާ އަށް ނިކުތުމުގެ ކުރިން ނުވަތަ އޯލެވެލް އަށް ފަހު އޭލެވެލް އަށް ދާން ތައްޔާރުވާން ލިބޭ ވަގުތު ބޭނުންތެރި ގޮތުގައި ހިފޭނެ ގޮތްތަކެއް ފަހިކޮށް ދިނުން،" ރޯޒީ ވިދާޅުވި އެވެ. "މި ކޯސްތަކަކީ ހަމަ ދެ ޖިންސްގެ ކުދިންނަށް ހުޅުވާލެވިފައި ހުރި ކޯސްތަކެއް. ކޯސްތަކުގައި ބައިވެރިވުމަށް އަޅުގަނޑުމެންނާ ގުޅާލުމުން ރަޖިސްޓްރީ ކުރެވޭނެ މިހާރު." އޭނާ ވިދާޅުވީ ފުޑް ސޭފްޓީއާ ގުޅިގެން ކޯސްތައް ފުރިހަމަ ކުރާ ކުދިންނަށް ރިސޯޓްތަކުން ވަޒީފާގެ ފުރުސަތުތައް ވެސް ހޯދައި ދޭނެ ކަމަށެވެ. އެގޮތުން ކޯސްތައް ކުރިއަށްދާ އިރު، އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ޝަންގްރިއް-ލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ހެރަތެރަ ރިސޯޓްގައި ތަމްރީނު ހޯދޭނެ ގޮތްތައް ވެސް ހަމަޖައްސާނެ ކަމަށް ފުޑް ސޭފްޓީން މޯލްޑިވްސް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ