މިއީ ތަރައްގީގެ ހުރިހާ ދާއިރާއަކަށް އަމާޒުކޮށްފައިވާ ބަޖެޓެއް: ގާސިމް
އަންނަ 2016 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި ބަޖެޓްގައި ހުށަހަޅާފައިވާ ކަންތަކަކީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަރަށް އީޖާބީ ގޮތެއްގައި ސަރުކާރުން ހިމަނާފައިވާ ކަންތައްތަކެއް ކަމަށެވެ. އެއީ މިނިސްޓަރުންގެ ޖީބަށް ލާރި އަޅަން ހަދާފައި އޮތް ބަޖެޓެއް ނޫނެވެ. "މިއަދު މި ބަޖެޓަކީ ވަރަށް ޕޮޒިޓިވްކޮށް ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަން އެނގޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގައި ތިއްބެވި ބޭފުޅުން އެ ބޭފުޅުންގެ ޖީބުފުޅަށް ލާރި އަޅުއްވާކަށް ހުށަހަޅުއްވާފައި އޮތް ބަޖެޓެއް ކަމަކަށް އަޅުގަނޑު ނުދެކެން. ހަމަ ގައިމު ވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދިނުމަށް އަޅުގަނޑުމެންގެ ކުރިއެރުމަށް، ތަރައްގީ އަށް އިޖްތިމާއީ އިގްތިސޯދަށް އަދި ސިޔާސީ ގޮތްގޮތުން ވެސް އަޅުގަނޑުމެން ކުރިމަގަށް ދިއުމަށްޓަކައި ފެންނަން ހުރި ހުރިހާ ދާއިރާއަކަށް ވިސްނާވަޑައިގެން ކަނޑައަޅުއްވާފައި އޮތް ބަޖެޓެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުރިއެރުމާއި މުސްތަގުބަލަށް ވަރަށް މުހިންމު ދެ ޕްރޮޖެކްޓެއް ބަޖެޓްގައި ހިމަނާފައިވެ އެވެ. އެއީ ހުޅުމާލެ އާއި މާލޭގެ އިތުރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ގުޅުވައިދޭ ބްރިޖާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކަމަށް ވެސް ވިދާޅުވި އެވެ. "މިއަދު ވެސް އަޅުގަނޑުމެންގެ އެއާޕޯޓުން ދެވޭ ހިދުމަތްތައް މިވަނީ ވަރަށް ދަށު ދަރަޖައިގެ ފެންވަރުގައި. އެހެންވީމާ އެ މައްޗަށް ޖެއްސުމަށްޓަކައި އަދި ކުރިމަގަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ނަމޫނާ އެއާޕޯޓަކަށްވާ މިންވަރަށް އެތަން ތަރައްގީކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް. އެހެން މިދެންނެވީ ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ އާމްދަނީ ނިސްބަތްވެފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމްގެ މައްޗަށް. ... އެހެންވީމާ ދަންނަވާލަން ބޭނުންވަނީ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ގޮތުންނާއި ދެވޭ ލުއިފަސޭހަކަމާޢި ރައްކާތެރިކަމާއި ދަތުރުފަތުރުކުރުމުގެ ފަސޭހަކަމަށްޓަކައި ހުޅުލެ އާއި މާލެއާ ދެމެދުގައި މި އޮންނަ ބްރިޖް ކޮންމެހެން މުހިންމު އެއްޗެކޭ. އަޅުގަނޑު ދަންނަވާނީ މާ ބޮޑަށް ލަސްވެސް ވެފައި އޮތް ޕްރޮޖެކްޓެކޭ އެއީ،" ގާސިމް ވިދާޅުވި އެވެ. ދެން މާލެ އާއި ހުޅުމާލޭގެ ބްރިޖް. ކޮންމެ ސިފައެއްގައި ނަމަވެސް ހުޅުމާލެއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ގިނަ މީހުން ދިރިއުޅޭނެ އެންމެ ގިނަ ވަސީލަތްތައް ތަރައްގީކުރެވިގެން ދާނެ ތަނަކަށް ހަމަޖެހިގެން މިވަނީ ގޮސްފައި ގާސިމް ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ ބައެއް މަޝްރޫއުތައް އަންނަ އަހަރު މަޑުޖައްސާލާފައި ނަމަވެސް ބްރިޖްގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މާދަމާގެ މުސްތަގުބަލަށް ބޭނުންވާ ލާރި ލިބޭނީ އެ އިންވެސްޓްމަންޓްތައް ރާއްޖެ އައިސްގެން ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ހުރިހާ ކަމެއް ނުކުރެވުނު ކަމުގައި ވިޔަސް އަދި ހުރިހާ ކަމެއް ނުނިމުނު ކަމުގައި ވިޔަސް އެފަދަ ބޮޑެތި މަޝްރޫއުތައް ނިންމޭތޯ ބަލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފެނާއި ނަރުދަމާގެ ހިދުމަތާއި ސިއްހަތާއި ތައުލީމުގެ ހިދުމަތަކީ ކޮންމެހެން ބޭނުންވާ ކަންތައް ކަމުގައި ގަބޫލުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އެކަމަކު ވިދާޅުވެ ބައްލަވާ ކިހިނެއްތޯ އެއް ފަހަރާ އެއް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައި ހުރިހާ ކަންތައްތަކެއް އެއް ފަހަރާ ކުރާނީ. އެއީ ފައިސާ ހުރިކަމުގައި ވިޔަސް އެކަމެއް ނުކުރެވޭނެ. ހުއްޓަސް ނުކުރެވޭނެ، އެއީ އެވަރުގެ ވަސީލަތެއް ނެތް، އެވަރުގެ އަޅުގަނޑުމެންގެ ހުނަރެއް ވެސް ނެތް. އަދި އެ ވަރަށް ޕްރޮޖެކްޓެއް ނުވެސް ގެންދެވޭނެ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތައް ހިމަނައިގެން ވެސް ބައެއް މަޝްރޫއުތައް ފުރިހަމަ ނުވަނީ ތަފާތު ސަބަބުތައް މެދުވެރިވާތީ އެވެ. "ބަޖެޓްގައި ޖަހައިގެން އަޅުގަނޑުމެން ނިންމައިގެން ދައުލަތުގައި ލާރި ހުރި ކަމުގައި ވިޔަސް މަސައްކަތް ނުކުރެވިގެން އެބަދޭ. މަސައްކަތް ހަވާލުކުރާ ފަރާތްތަކުން ދެ އަހަރު ތިން އަހަރު ވެގެންދާ އިރު މަސައްކަތް ނުކުރެވިގެން އެބަދޭ މި ސަބަބާ ހެދި. އެއީ ސަރުކާރުގައި ލާރި ހުރެގެން ކަމުގައި ވިޔަސް ހަވާލުކުރެވޭ ފަރާތުން އެގްރީމެންޓާ ޚިލާފުވެގެން އެއް އަހަރު ވެގެން ދެ އަހަރު ވެގެން ތިން އަހަރުވެގެންދާ އިރު، އެއް ފަހަރު މުއްދަތު އިތުރުކޮށްދޭ އިރު ވެސް މަޝްރޫއުތައް ނުނިމި ދިގުލައިގެން،" ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ