ހޮސްޕިޓަލިޓީ ދާއިރާގެ ސެމިނާއެއް އައްޑޫގައި ބާއްވަނީ
ޓޫރިޒަމް ދާއިރާ އަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހޮސްޕިޓަލިޓީ ސެމިނާއެއް މާދަމާ އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ފުޑް ސޭފްޓީ މޯލްޑިވްސް އިން ބުނެފި އެވެ. އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފުޑް ސޭފްޓީ މޯލްޑިވްސްގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވީ ހިތަދޫ ސްކޫލްގައި ސެމިނާ އޮންނާނީ މާދަމާ ރޭ 00: 8 އިން 00: 12 އަށް ކަމަށެވެ. "މި ސެމިނާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ވަނީ ފުރުސަތު ހުޅުވާލެވިފައި. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އަށް ޝައުގުވެރިވާ ސްކޫލް ދަރިވަރުން ވެސް ހިމެނޭ،" ރޯޒީ ވިދާޅުވި އެވެ. "ސެމިނާގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދޭނީ ޓޫރިަމް ދާއިރާގެ އެންމެ މުހިއްމު ފަސް ސެކްޓަރާ ގުޅޭ ގޮތުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު ރިކްއެސްޓެއް މި ސެމިނާގައި ވީހާ ވެސް ގިނައިން މީހުން ބައިވެރިވުމަކީ." ފުޑް ސޭފްޓީ މޯލްޑިވްސް އިން ބުނީ ހޮސްޕިޓަލިޓީ ދާއިރާއާ ބެހޭ ސެމިނާއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ޓޫރިޒަމް ދާއިރާ އަށް ގިނަ ބަޔަކު ހޭލުންތެރިކޮށް، އެ ދާއިރާ އިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. އަންނަ މަހު ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ފަށަން ވެސް އެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ. އަދި އެކޯސްތަކަށް އެދުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. "ސެމިނާގެ ތެރޭގައި އަޅުގަނޑުމެން އިންތިޒާމުކޮށްފައި ހުންނާނެ އަންނަ މަހު ފަށާ ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފީ ބަލައި ގަތުމުގެ ކަންތައްތައް ވެސް،" 500ރ. ގެ ފީއެއް ނަގައިގެން ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯސްތަކާ ބެހޭ ގޮތުން ރޯޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ