"ހަވީރު"ގެ ރޯދަ ކަވަރޭޖް މި ފަހަރު ވެސް ބޮޑެތި އިނާމްތަކާ އެކު

ދީނީ މައުލޫމާތު، ޕްރޮފައިލް، ކުރު ވާހަކަ، ފޮޓޯ މުބާރާތް، ރެސިޕީ އަދި ކުއިޒް ފަދަ ތަފާތު ބައިތަކާ އެކު ރޯދަ މަހުގެ ހާއްސަ ކަވަރޭޖު "ހަވީރު"ން މާދަމާ ފަށާނެ އެވެ. ކިޔުންތެރިންނަށް ވަރަށް ބޮޑަށް ހުޅުވާލައިގެން އަދި ބޮޑެތި އިނާމްތައް ދޭ ގޮތަށް ކުރިއަށް ގެންދާ މި ކަވަރޭޖުގައި މުނިފޫހިފިލުވުމުގެ ގިނަ ކަންތައްތަކެއް މި އަހަރު ވެސް ހިމެނެ އެވެ. ރަންމުތް: އަގުހުރި ދީނީ އިރުޝާދު މި ރޯދަ މަހު ވެސް ހަވީރު ނޫހާއި ހަވީރު އޮންލައިންގެ ދީނީ ސޮފުހާ އަކީ "ރަންމުތް" އެވެ. ކޮންމެ ދުވަހަކު ވެސް ތަފާތު މައުލޫއެއް ގެނެސްދޭނެ އެވެ. ދީނީ މައުލޫތަކަށް "ހަވީރު"ގައި ލިޔުއްވާނީ ބައިނަލްއަގުވާމީ ޔުނިވަސިޓީތަކުން ދީނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރައްވާފައި ތިއްބެވި ރާއްޖޭގެ މަޝްހޫރު ފަސް އިލްމުވެރިއެކެވެ. އެއީ ސައުދުﷲ އަލީ، ހަސަން ތައުފީގު، އައިޝަތު ޚަލީލާ، އަހްމަދު ނިޒާމް އަދި ނަސްރުﷲ އަލީ އެވެ. ފޮޓޯ މުބާރާތް: މަޖާ ކަމަކުން ބޮޑު އިނާމެއް ރޯދަ މަހު ކުރާ ކަމެއް އާއްމުންނާ ހިއްސާކޮށްލަން ބޭނުން ހެއްޔެވެ؟ ކައްކާ އެއްޗެއް ދައްކާލަން ބޭނުންވޭ ހެއްޔެވެ؟ މި ރޯދަ މަހު "ހަވީރު"ން ބާއްވާ ފޮޓޯ މުބާރާތުގައި އަވަހަށް ބައިވެރިވާށެވެ. ރޯދަ މަހާ ގުޅޭ ކޮންމެވެސް ކަމެއްގެ ފޮޓޯ، 7901236 އަށް ވައިބާކޮށްލާށެވެ. "ހަވީރު"ގައި ގާއިމްކޮށްފައިވާ ހާއްސަ ސެކްޝަނަށް އެ ފޮޓޯ އެރުމުން، ރަށްޓެހިން ލައްވާ ފޭސްބުކްގައި ލައިކްކުރަން ފަށާށެވެ. އިނާމު ލިބޭނީ އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއަކަށެވެ. ފޮޓޯ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ސިމްޑީން 31،800 ރުފިޔާގެ އަގުހުރި ކެމެރާތަކެއް ހުށަހަޅާފައިވެ އެވެ. އެއީ: އެއްވަނަ އަށް: 12،500ރ ގެ ކެނަން އިއޮސް 700ޑީ، އީއެފްއެސް 18-55 އެމްއެމްގެ ލެންސެއް، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް. ދެވަނަ އަށް: 9،900ރގެ ކެނަން އިއޮސް 1200ޑީ، އީއެފްއެސް 18-55 އެމްއެމްގެ ލެންސެއް، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް. ތިންވަނަ އަށް: 9،400ރ ޕަވަޝޮޓް ޖީ16، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް. ހަވީރު ބަދިގެ: ރެސިޕީ އެކަންޏެއް ނޫން! މި ރޯދަމަހު ކައްކާނެ އެއްޗެއް ނޭނގިއްޖެއްޔާ "ހަވީރު ބަދިގެ" އަށް ވަދެލާށެވެ! އެތައް ބައިވަރު ރެސިޕީއެއްގެ އިތުރުން ކައްކާނެ ގޮތް ވެސް ފެންނާނެ އެވެ. "ޕިއްޒާ ބުއޯނާ" އިން ސްޕޮންސަކޮށްފައިވާ މި ބައިގައި، "ހަވީރު ބަދިގެ"ގެ ރެސްޓޯރެންޓް ޕާޓްނަރު ސިޓްރޮންގެ ކުޅަދާނަ ކެއްކުންތެރިން ރަހަތައް ހެޔޮވަރުކުރާ މަންޒަރު ވީޑިއޯ އިން ބަލައިލެވޭނެ އެވެ. ސިޓްރޮންގެ ހިތްގައިމު މާހައުލުގެ ރީތިކަން ވެސް ވީޑިއޯތަކުން ފެނެ އެވެ. ކުއިޒް: ފައިސާގެ ބޮޑު އިނާމެއް، މައުލޫމާތު މުއްސަނދިކޮށްލާނެ މި ރޯދަ މަހު "ހަވީރު އޮންލައިން" ކިޔުންތެރިންނާ ބައްދަލުކުރަނީ އަގުހުރި ފައިސާގެ އިނާމްތައް ލިބޭ ކުއިޒް މުބާރާތަކާ ވެސް އެކުގަ އެވެ. "ބީއެޗްއެމް ޓްރޭޑާސް" އިން ވަނީ "ހަވީރު ރޯދަ ކުއިޒް"ގެ އެއް ވަނަ އިނާމަކަށް 10،000 ރުފިޔާ، ދެވަނަ އަށް 5،000 ރުފިޔާ އަދި ތިންވަނަ އަށް 3،000 ރުފިޔާ ހުށަހަޅާފަ އެވެ. ކުއިޒްގައި ރާއްޖޭގެ ތާރީހީ، ކުޅިވަރު، މުނިފޫހިފިލުވުން އަދި "ހަވީރު"ގެ މާޒީގެ ލިއުންތަކުން މައުލޫމާތު ނަގާފައިވާނެ އެވެ. އެންމެ މަދުން މަސައްކަތްކޮށް، އެންމެ އަވަހަށް، އެންމެ ގިނަ ސުވާލު ރަނގަޅުކޮށްގެން ގަދަ ތިން ވަނަ އަށް ވާދަކުރެވިދާނެ އެވެ. ވާހަކަ މުބާރާތް: ލިޔަން ބޭނުންވާ ކިޔުންތެރިންނަށް ހަދިޔާއެއް "ހަވީރު" ގެ ކިޔުންތެރިން އަބަދުވެސް އެންމެ ބޮޑު ޝައުގުވެރިކަމެއް ދޭ އެއް ބަޔަކީ ވާހަކަ ސޮފްހާ އެވެ. އަދި ވާހަކަ ލިޔުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ހިތްވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. މި ދެ ސަބަބާ ހެދި ހަވީރުން ވަނީ ރޯދަމަހާ ދިމާކޮށް ކިޔުންތެރިންނަށް ޚާއްސަ ފުރުސަތެއް ދީފަ އެވެ. "ފިނި ހަވީރު" ވާހަކަ މުބާރާތް ހުޅުވާލީ އެއް ވަނަ އަށް 10،000 ރުފިޔާގެ އިނާމަކާއި "ހަވީރު"ގައި ދާއިމީކޮށް ވާހަކަ ލިޔުމުގެ ފުރުސަތާ އެކުގަ އެވެ. އެ މުބާރާތަށް ހޫނު ތަރުހީބެއް ލިބި، ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކިޔުންތެރިންގެ ވާހަކައެއް ގެނެސްދޭން "ހަވީރު" ވަނީ ތައްޔާރުވެފަ އެވެ. ޖަޖުން ހޮވާފައިވާ 30 ވާހަކަ ޝާއިއުކުރާ އިރު ތަފާތު ލިޔުންތެރިންގެ ތަފާތު ވާހަކަތަކަށް ކިޔާލުމުގެ ފުރުސަތު ލިބޭނެ އެވެ. "ނޮލެޖު ބުކްޝޮޕް"ގެ އެހީތެރިކަމާ އެކު ގެނެސްދޭ "ފިނި ހަވީރު" ގެ ދެވަނަ އަދި ތިން ވަނަ ވާހަކަ އަށް ވެސް ފައިސާގެ އިނާމު ދޭނެ އެވެ. އެއީ ދެވަނަ ވާހަކަ އަށް 5،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ވާހަކައަކަށް 3،000 ރުފިޔާ އެވެ. މީހުން: އެންމެ ޝައުގުވެރި އެއް ބައި އެކި ގޮތްގޮތުން ފާހަގަކުރެވޭ މީހުން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ހަވީރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. މި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އާ "މީހެއް" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ. ނުވަަތަ އެއް ފަހަރާ އެތައް ބައެއްގެ ޕްރޮފައިލް ވެސް ވަރަށް ތަފާތު ގޮތްގޮތަށް ފެނިދާނެ އެވެ. "އަލޯރާ" އިން ސްޕޮންސަކޮށްފައިވާ "މީހުން" ސޮފްހާ އިތުރަށް ފުރިހަމަކޮށްދެނީ ވީޑިއޯ އެވެ. ޕްރޮފައިލް ގެނެސްދޭ މީހުންގެ ވާހަކަ ކިޔާލައި ފޮޓޯ ފެނުމުގެ އިތުރުން ބައެއް މީހުންގެ އިންޓަވިއުތަކާއި މަސައްކަތްތައް ވީޑިއޯ އިން ވެސް ބަލައިލެވޭނެ އެވެ. ރޯދަ މެނޫތައް އެއް ތަނަކުން ރޯދަމަހުގެ ބައެއް ދުވަސްދުވަހު ރެސްޓޯރެންޓްތަކުން ރޯދަ ވީއްލުމަކީ ގިނަ ބައެއްގެ އުފަލެކެވެ. އާއިލާ އާއި ރައްޓެހިންނާއި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތަކަށް ވެސް އެކަން ވެ އެވެ. އެހެންވެ، ރޯދަ މެނޫތައް ބަލައިލަން އެންމެން ވެސް ތިބެނީ ބޭނުންވެފަ އެވެ. މި ރޯދަ މަހުގެ ރެސްޓޯރެންޓް މެނޫތައް "ހަވީރު އޮންލައިން" ގައި ކޮންމެ ދުވަހަކު ވެސް ޝާއިއުކުރަމުންދާނެ އެވެ. "ލިޓަސް މޯލްޑިވްސް" އިން ސްޕޮންސަކޮށްފައިވާ މި ބަޔަކީ އެއް ތަނަކުން ގިނަ މެނޫތަކެއް ބަލައިލަން ކިޔުންތެރިންނަށް ލިބޭ ފުރުސަތަކަށް ވާނެ އެވެ. މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކަށް ލިބެން ހުރި މެނޫތައް ބަލައިލެވޭ އިރު ރެސްޓޯރެންޓުތަކުން މެނޫތަކަށް ގެންނަ ބަދަލުތައް ވެސް ފެންނާނެ އެވެ. "މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އަޅުގަނޑުމެންގެ ކަވަރޭޖަށް އާއްްމުންގެ ފަރާތުން ލިބުނު ފަދަ ބޮޑު ތަރުހީބެއް މި ފަހަރު ވެސް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އިރާދަކުރެއްވިއްޔާ އެބައޮތް،" "ހަވީރު"ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ. "ހާއްސަކޮށް މިފަދަ އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައި އޮތީމާ ކުރީ ފަހަރު ވެސް އެތައް ބަޔަކު ބައިވެރިވެ އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ވަރަށް އުފަލާ އެކު އިނާމްތައް ގެންގޮސްފައި. މި އަހަރު ވެސް އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ އިނާމްތައް ހަވާލުކުރުމުގެ އެ ހަފްލާ އަށް." ފޮޓޯގެލަރީ: "ހަވީރު" ގެ އިނާމު ހަވާލުކުރުން 23 ފޮޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ