ކުޑަކުދިންނަށް ހަމަލާ އަމާޒުކުރަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ކަމަށް އދ. ގެ ތަހުގީގީ ކޮމިޝަނަކުން ބުނެފި

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދީ، ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި، ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމަށް އދ. ގެ ތަހުގީގީ ކޮމިޝަނަކުން ބުނެފި އެވެ.
މީގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.
ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުންނާއި ސަލާމަތީ ބާރުތަކުން ވަނީ "ފަލަސްތީނުގެ އެތައް ލައްކަ ކުޑަކުދިންނެއް މަރާލުމަށާއި، އެ ކުދިންގެ ހަށިގަނޑަށާއި ނަފްސަށް ބޮޑެތި ގެއްލުންތައް ދިނުމަށް ގަސްތުގައި އަމަލުތަކެއް ހިންގާފަ އެވެ."
އަދި މިދިޔަ އޮކްޓޯބަރު މަހު ޣައްޒާގައި އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް، ކުޑަކުދިން މެރުން ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، އިސްރާއީލުގެ މި އަމަލުތަކަކީ "ޣައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ފަލަސްތީނުގެ މުސްތަގުބަލު ދުއްވާލުމަށް ހިންގާ ވަކި ސިޔާސަތެއްގެ ދަށުން ކުރާ ކަންތައްތަކެއް" ކަމަށް ނިންމުމަށް އެކަށީގެންވާ ހެކި އެބަ ހުއްޓެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އެ ކޮމިޝަނުގެ ރިޕޯޓު "މުޅިން ދޮގުކޮށް"، އެއީ އަބުރު ކަތިލުމަށް ހިންގާ "އޮޅުވާލުމެއް" ކަމަށް ބުނެފަ އެވެ. އަދި އެއީ މީގެ ކުރިން ވެސް ނެރެފައިވާ ރިޕޯޓުތަކެކޭ އެއްފަދަ، އެއްވެސް ހަގީގަތެއް ނެތް "ޕްރޮޕެގެންޑާ" އެއް ކަމަށް ވެސް އިސްރާއީލުން ސިފަކޮށްފައިވެ އެވެ.
އިސްރާއީލު ސިފައިން ޣައްޒާއަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެވެ. 
މިހާތަނަށް މަދުވެގެން 73,035 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި 21,280 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، މި ތަފާސްހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ކަމަށް އދ. އިން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ