ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ޕެރިޓޯނިއަލް ޑައިލިސިސްއާއެކު ގުދުރަތީގޮތުން ކިޑްނީ ހަލާކުވަމުންދާ ނިސްބަތް ދަށްކުރެވޭކަމަށް އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އަޙްމަދު ޝިހާމް ވިދާޅުވިއެވެ. ކިޑްނީއަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް މުހިއްމު މަސައްކަތެއްކުރާ ގުނަވަނެކެވެ.
ކިޑްނީއަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ގުނަވަނެކެވެ. ކިޑްނީގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ގިނަ ސަބަބުތަކެއް ހުރިއިރު، ކިޑްނީ ފެއިލްވުމަށްފަހު އެއީ، ދިރިއުޅުން ނިމުމަކަށް އަންނަ ހިސާބުކަމަށް ނިންމުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެހާހިސާބުންވެސް ކިޑްނީއާއި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ހުންނާނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ސަބްސް-ޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އަޙްމަދު ޝިހާމް ވިދާޅުވީ، ކިޑްނީގެ ފަރުވާ ރާއްޖޭގައި ފުޅާވެފައިވާކަމަށެވެ.
ޑައިލިސިސްއަށް ބަލާއިރު ދެގޮތަކަށް ރާއްޖޭގައި މިހާރު ޑައިލިސިސް ހަދައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްވެގެން ހަދާ ހީމޯ ޑައިލިސިސްއާއި ގޭގައި ހެދޭ ޕެރިޓޯނިއަލް ޑައިލިސިސްގެ ޚިދުމަތް ހިމެނެއެވެ. އާންމުކޮށް ގިނަ ބަޔަކު ހޯދަމުންދަނީ ހޮސްޕިޓަލަށް ގޮސްގެން ހަދާ ހީމޯ ޑައިލިސިސްއެވެ.
ޑރ. ޝިހާމް ވިދާޅުވީ ރާއްޖެ ފަދަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގައި ކޮންމެ ރަށެއްގައި ޑައިލިސިސް ސެންޓަރެއް ތަރައްޤީކުރުމަކީ އެކަށީގެންވާކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ޕެރިޓޯނިއަލް ޑައިލިސިސްއާއެކު އަމިއްލަ ގޭގައި މިފަރުވާ ދެވޭނެއެވެ. މިއާއެކު ޞިއްޙީގޮތުން އެހެން ފައިދާތަކެއްވެސް ލިބޭކަން ޑރ. ޝިހާމް ފާހަގަކުރެއްވިއެވެ.
"ކިޑްނީ ބަލީގެ ސަބަބުން ކިޑްނީގެ ހަލާކު ނުވެ ހުންނަ މިންވަރު އެއީ 5 ޕަސެންޓުވިޔަސް 2 ޕަސެންޓުވިޔަސް އެބައި ސަލާމަތްކުރުމުގެ ފުރުސަތު އަދި ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ފުރުސަތު އެބަ ބޮޑުވޭ ހީމޯ ޑައިލިސިސްއަށްވުރެ ބޮޑަށް ޕެރިޓޯނިއަލް ޑައިލިސިސްއާއެކު." ޑރ. ޝިހާމް ވިދާޅުވިއެވެ.
ޕެރިޓޯނިއަލް ޑައިލިސިސްގައި ބަނޑަށް ލައްވާ ޚާއްސަ ޑިވައިސެއް ނުވަތަ ކެތީޓަރ އެއް ބަނޑަށް ލެއްވުމުން ހަށިގަނޑުން ބޭރުކުރަންޖެހޭ ދިޔާ ޖަރާސީމުގެ ބައި ބޭރުކުރުމަށް މިޑިވައިސް އެހީތެރިވެދެއެވެ. މިއީ އެއްފަހަރު ލެއްވުމަށްފަހު ޢުމުރަށް ބޭނުންކުރާ ޑިވައިސެކެވެ. އަދި ޑިވައިސް ބޭނުންކުރުމަށް ބަލި މީހާއަށް އަމިއްލައަށް ޑައިލިސިސް ހެދުމަށް ތަމްރީނުތަކެއް ދެވެއެވެ.
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި މިވަގުތު ސަރުކާރު ހޮސްޕިޓަލްތަކުގެ ތެރެއިން މި ޑައިލިސިސިސްގެ ޚިދުމަތް ފޯރުކޮށްދެނީ ހަމައެކަނި އައިޖީއެމްއެޗްގައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް މިޚިދުމަތް ލިބޭނެކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް ޕަރަޓޯނިއަލް ޑައިލިސިސްގެ ޚިދުމަތް ހޯދާފައިވަނީ ރަށްރަށުގައި އުޅޭ ޕޭޝަންޓުން. ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނަރުހުންނަށް ރާއްޖެއަދި އިންޑިއާގައިވެސްވާނީ ތަމްރީނުވަނީ ފޯރުކޮށް ދީފައި. ބަލި މީހުން އަމިއްލައަށް ދެން މި ޑައިލިސިސް ހަދަނީ." ޑރ.އަޙްމަދު ވިދާޅުވިއެވެ.
ޑރ. އަޙްމަދު ވިދާޅުވީ، ބަނޑަށް ގުޅާ ޑިވައިސް ބޭނުންކޮށްގެން ޑައިލިސިސް ހެދުމަށް ބަލި މީހުންނަށް ބޭނުންވާ ތަމްރީނު 5 ދުވަހަށް ދޭނެކަމަށެވެ. ބަލި މީހުން ވަރަށް އަވަހަށް ދަސްކުރާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.
ރާއްޖޭގައި ކިޑްނީގެ ބަލިތައް އާންމުވަމުންދާއިރު ދާއިމީ ބޮޑެތި ބަލިތަކުގެ ތެރެއިން އާސަންދަ މެދުވެރިކޮށް އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ އެއް ބައްޔަކީ ކިޑްނީ ބައްޔެވެ.
ޕެރިޓޯނިއަލް ޑައިލިސިސް: ކިޑްނީ ހަލާކުވާ ނިސްބަތް ދަށްކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ