އައު ކާރުޚާނާތަކާއެކު ބާނާ މަހުގެ %80 ޕްރޮސެސް ކުރެވޭނެ

ދަޅުމަސް ބަންދުކުރުމަށް މިހާރު ތަރައްޤީކުރާ ކާރުޚާނާތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ %80 ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ޤާއިމުކުރެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު ދަޅުމަސް ބަންދުކުރަނީ، ފެލިވަރު އަދި ކޫއްޑޫގައި ހުންނަ މަސް ޕްރޮސެސް ކުރާ ފެކްޓްރީގައެވެ. އަދި އަމިއްލަ ބައެއް ކުންފުނިތަކުން އެ މަސައްކަތް ކުޑަ ސްކޭލްއެއްގައި ކުރެއެވެ.
މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ ކެޕޭސިޓީއަށް ބަލާއިރު، ވެލިއު އެޑްކޮށްގެން ރާއްޖެއިން ބޭރުކުރަނީ، ބާނާ މަހުގެ %10-%15 މަހެވެ. ބާކީ މަހަކީ، ގަނޑުކުރި މަހުގެ ގޮތުގައި ބޭރު ކުރާ ބޮޑު އަދަދެވެ. މިއާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެންމެ އެކަށީގެންވާ މަންފާއެއް ނުލިބެއެވެ. މިކަމަށް ޙައްލެއް ގެނައުމަށް، މަހަށް އަގު އެއްކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ދަށުން ފ.ނިލަންދޫގައި 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއަކާއި، ގދ.ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެލިވަރުގެ މިހާރުގެ ކެޕޭސިޓީ 3 ގުނަ ކުރުމުގެ މަޝްރޫޢުވެސް ދަނީ ކުރިއަށެވެ.
"ފެލިވަރުގައި މިހާރު ހުރީ ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ ކެޕޭސިޓީ. 100ޓަނު ބަންދުކުރެވޭ އައު ފެސިލިޓީއެއް ދަނީ ހަދަމުން. ނިލަންދޫގެ 50 ޓަނުގެ ފެސިލިޓީ އަދި ފިޔޯރީގެ 100 ޓަނުގެ ކެޕޭސިޓީއާއި، އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާއެކު، ރާއްޖޭގައި ޕްރޮސެސް ކުރެވޭ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ." ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
ރާއްޖޭގައި އަހަރަކު އެވަރެޖްކޮށް 120،000 ޓަނުގެ މަސް ބާނައެވެ. އަދި ވަންނަ އާމްދަނީއަކީ، 98 މިލިޔަން ޑޮލަރުކަމަށް މުއްޠަލިބް ވިދާޅުވިއެވެ. އަލަށް ތަރައްޤީ ކުރާ ފެސިލިޓީތަކާއެކު ރާއްޖެ ވަންނަ އާމްދަނީ ބޮޑުތަނުން އިތުރުވެ، އޭގެ ހެޔޮ އަސަރު މަސްވެރިންނާއި މުޅި ސިނާއަތަށް ކުރާނެއެވެ.
މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތަކަށް ބަލާއިރު ފެލިވަރުގައި ކޯލްޑްސްޓޯރޭޖުގެ މަސައްކަތްތައް ނިމި، ކޭނިން ފެކްޓްރީގެ މަސައްކަތްތަކާ ހަމައަށް އާދެވިފަވާ ކަމަށް ވިދާޅުވިއެވެ. އަދި ނިލަންދޫގައިވެސް އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފަވާއިރު، ފިޔޯރީގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ޢަމާޒަކީ 2028 ހަމައަށް، މި ފެސިލިޓީތައް އޮޕަރޭޝަނަށް ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ