ރަމަޟާން މަހަކީ ނަފްސު ޠާހިރުކުރުމުގެ މޫސުން

ޠާހިރުކުރުން މިބަހުގެ އަޞްލަކީ ޢަރަބި ބަހުގެ "އައްތަޠްހީރު" މި ބަހެވެ. "އައްތަޠްހީރު" ގެ މާނައަކީ ފާފަ އިން އެއްކިބާވުމާއި ސާފުވެގެން ހުރުމެވެ. ޠާހިރުކުރުމުގެ މާނައިގެ ތެރޭގައި ހަޑިމުޑުދާރު ގޯސް ޢަމަލުތަކުން ނަފްސު ޠާހިރުކުރުމާއި ގޯސް އަޚްލާޤުން ނަފްސު ޠާހިރުކުރުމާއި ޝިރުކާއި ކުފުރުން ނަފްސު ޠާހިރުކުރުން ހިމެނެ އެވެ. ވީމާ، ނަފްސު ޠާހިރުކުރުމޭ ބުނުމުން އެއިން ދޭހަވަނީ ތިމާގެ ނަފްސު އެންމެހައި ފާފަތަކުން ދުރުހެލި ކުރުވުމާއި ހަށިގަނޑު ސާފުކޮށް ބެހެއްޓުމެވެ. އެހެންކަމުން ހިއްސީ ގޮތުންނާއި މަޢުނަވީ ގޮތުން ނަފްސު ޠާހިރުކުރަންޖެހެ އެވެ. ޙިއްސީ ގޮތުން ނަފްސު ޠާހިރުކުރުމަކީ ބޭރު ފުށުން ނަފްސު ޠާހިރުކުރުމެވެ. ސާފުކުރުމެވެ. ހަށިގަނޑާއި ފޭރާން ސާފު ތާހިރުކޮށް ރީތިކޮށް ބެހެއްޓުމަކީ ޙިއްސީ ގޮތުން ނަފްސު ޠާހިރު ކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އަދި ހަމައެޔާއެކު މީރުވަސް ދުވާ އަތަރެއް ބޭނުން ކުރުމަކީ ވެސް ޙިއްސީ ގޮތުން ނަފްސު ޠާހިރުކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މީރު ވަސް ދުވާ އެއްޗެހި ބޭނުންކުރުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ލޯބި ކުރައްވާ ކަމެކެވެ. މީރުވަސް ދުވާ އަތަރެއް އެކަލޭގެފާނު ރައްދެއްނުކުރައްވާ ކަމުގައިވެ އެވެ. މަޢުނަވީ ގޮތުން ނަފްސު ޠާހިރުކުރުމަކީ އެތެރެ ފުށުގެ ސާފުކަމާއި ތާހިރުކަމެވެ. އެގޮތުން މާތްﷲގެ ޙަޟްރަތަށް ކުއްތަން ވުމަށްޓަކައި ކުރެވޭ ހެޔޮ ޢަމަލުތައް ގިނަކުރަންވާނެ އެވެ. ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން ފަދަ ހެޔޮ ޢަމަލުތަކެވެ. ކެތްތެރިކަމާއި ރުޅިމަޑުކަމާއި ތެދުވެރިކަން ފަދަ އަޚްލާޤީ ރިވެތި ސިފަތަކެވެ. އަދި ﷲގެ ކޯފާއެއް ޢަޛާބެއް އަތުވެދާނެ ފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވާންވާނެ އެވެ. ނަމާދު އެޅުމާއި ވައްކަން ކުރުން ފަދަ ނުބައި ޢަމަލުތަކުންނެވެ. ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުރަގަނޅު އަޚްލާޤީ ސިފަތަކުންނެވެ. މަޢުނަވީ ގޮތުން ނަފްސު ޠާހިރުކުރުމަށްޓަކައި ކުރެވޭނެ މުހިއްމު އެއްކަމަކީ ތިބާގެ ނަފްސު ހިސާބު ކުރުމެވެ. މިކަމަކީ އިސްވެ ދެންނެވި ފަދަ ހެޔޮ އަމަލުތައް ކުރުމާއި މުންކަރާތްތަކުން ދުރުހެލިވުމަށް މަގުފަހިވާނޭ ކަމެކެވެ. ކަމުގެ މުހިއްމު ކަމުން ނަފްސު ހިސާބު ކުރުންވަނީ ނިދުމުގެ އަދަބުތަކުގެ ތެރޭގައި ލައްވަވާފައިވާ ކަމެކެވެ. ކޮންމެ ދުވަހަކު އެދުވަހެއްގެ ތިމާގެ އަމަލުތައް ހިސާބުކޮށް ރަނގަޅު ކުރުމަށްޓަކަ އެވެ. އެމީހެއްގެ ނަފްސު ޠާހިރުކޮށްފި މީހާ އަބަދު ވެސް ހެޔޮ ކަންތައްތައް ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އަދި ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އެ މީހެއްގެ ނަފްސު ޠާހިރުކޮށް ހެޔޮ ކަންތައްތައް ކުރުން މަތީ ދެމިހުރެ، އަދި ނުބައި ކަންތައްތަކުން އެއްކިބާވެގެން ހުންނަ މީހާއަކީ ކާމިޔާބު ވެގެންވާ މީހެކެވެ. އަދި ނުބައި ކަންތައްތައްކޮށް ރަނގަޅު ކަންތައްތަކާ ދުރުހެލިވެގެންވާ މީހާއަކީ ދުނިޔެ އާއި އާޚިރަތުގައި ވެސް އަބާއްޖަވެރިވެގެންވާ މީހެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެ ނަފްސު ޠާހިރުކޮށްފި މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ ނަފްސަށް އުނިކަންދީފި މީހާ ނާކާމިޔާބު ވެއްޖެކަން ކަށަވަރެވެ." (އައްޝަމްސު: 9-10) އަދިވެސް ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެމީހެއްގެ ނަފްސު ޠާހިރުކޮށްފި މީހާ ކާމިޔާބުވެއްޖެ އެވެ." (އަލްއަޢުލާ: 14) އެ މީހެއްގެ ނަފްސު ޠާހިރުކޮށް ހެޔޮ ކަންތައްތައް ކޮށް ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ގަދައަޅާ މަސައްކަތްކުރާ މީހުންނަށް ދުނިޔެމަތީގައި ލިބޭ މަންފާ ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ތިމަންރަސްކަލާނގެ މަގުގައި ޖިހާދުކުރި މީހުން ދަންނާށެވެ. ހަމަކަށަވަރުން އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގުދެއްކެވީމެވެ." (އަލްޢަންކަބޫތު: 69) މި އާޔަތުން އެނގިގެންދަނީ ހެޔޮ ކަންތައްތައްކޮށް ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ގަދައަޅާ މަސައްކަތްކުރާ މީހުންނަކީ ނަފްސުގެ ޖިހާދު ކުރާ މީހުންކަމެވެ. ނަފްސުގެ ޖިހާދު ކުރެވޭނީ ކެތްތެރިވެގެންނެވެ. ހެޔޮ އަމަލުތައް ކުރުން މަތީ ދެމިހުރުމަށް ކެތްތެރިވާންޖެހެ އެވެ. އަދި ހަމަ އެޔާއެކު މުންކަރާތްތަކުން ދުރުހެލިވެ ހުރުމަށް ކެތްތެރިވާން ޖެހޭނެ އެވެ. އަދި އެފަދަ މީހުންނަށް އާޚިރަތުގައި ލިބޭނޭ ދަރުމަ އާއި ސަވާބު ބަޔާންކުރައްވައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. "އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު ނުބައި އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އޭނާ އުޅޭނެ ތަނަކީ ސުވަރުގެ އެވެ." (އައްނާޒިޢާތި 41-42) އެ މީހެއްގެ ނަފްސަކީ ޠާހިރުވެގެންވާ ނަފްސަކަށް ހެދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންވާނެ އެވެ. ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމަށާއި މުންކަރާތްތަކުން ދުރުހެލިވެ ހުރުމަށް ކެތްތެރިވުމާއެކު، ނަސްފުގެ ޠާހިރުކަން އެނަފްސަށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވަން ވާނެ އެވެ. އެހެނީ ޚުދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ވަނީ އެކަލޭގެފާނުގެ ނަފްސަށް އެނަފްސުގެ ތަޤްވާވެރިކަމާއި ޠާހިރުކަން ދެއްވުން އެދި ﷲ އަށް ދުޢާ ކުރައްވާފަ އެވެ. އަޅުގަނޑުމެން އެފަދައިން އެދި ދުޢާ ކުރުން މާއައުލާކަން ބޮޑެވެ. އެކަލޭގެފާނު ކުރައްވާފައިވާ ދުޢާގެ މާނައިގައިވެ އެވެ. "މިއަޅާގެ ނަފްސަށް އެނަފްސުގެ ތަޤުވާވެރިކަން ދެއްވާފާނދޭވެ! އަދި އެނަފްސު ޠާހިރު ކޮށްދެއްވާފާނދޭވެ! އެ ނަފްސު އެންމެ ހެޔޮ ގޮތުގައި ޠާހިރު ކޮށްދެވޭނެ ފަރާތަކީ އިބަ ﷲ އެވެ. އަދި އެނަފްސުގެ ވަލީއަކީ އަދި ވެރިޔަކީ ވެސް އިބަ ﷲ އެވެ." އިސްލާމް ދީނުގައި ކަނޑަ އަޅާފައިވާ ކޮންމެ އަޅުކަމެއްގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ޙިކްމަތްތަކެއް ލައްވަވާފަ އެވެ. އެކަމުގެ ބޭނުމަކީ މީސްތަކުން އެކަންކަމުން ފައިދާ އާއި މަންފާ ލިބިގަތުމެވެ. އެގޮތުން ރޯދައިގަ ވެސް ވަރަށް ގިނަގުނަ ޙިކްމަތްތަކެއް ލައްވަވާފައިވެ އެވެ. އޭގެ ތެރޭގައި މާތް ﷲގެ އަމުރުފުޅުތަކަށް ބޯލަބައި ކިޔަމަންގަނެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކާ ދުރުހެލިވުން ހިމެނެ އެވެ. މުސްލިމުންގެ ރޫޙާނީ ބައި ވަރުގަދަ ކުރުމަށާއި ކެތްތެރިވުމުގެ ރީތި ސިފަ އަށަގެންނެވުމަށް ލިބޭ ފުރުސަތެއް ކަމުގައި ރޯދަވެ އެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ނަފްސު ޠާހިރުކުރުން ހިމެނޭކަމެވެ. ރޯދަމަހަކީ ނަފްސު ޠާހިރުކުރެވޭ މައްސަރަކަށް ވާއިރު އެމަހުގައި ނަފްސު ޠާހިރުކުރުމަށްޓަކައި އެންމެ އިސްކޮށް ކުރަންޖެހޭނެ ކަމަކީ، ތެދުވެރިކަމާއެކު ﷲ އަށް ތައުބާވުމެވެ. ތައުބާވެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަ ކޮށްގެންނެވެ. ފުރަތަމައީ ތިމާ އަށް ކުރެވުނު ކަންތަކާ މެދު ހިތާމަކުރުމެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘެއްގެ މާނާގައިވެ އެވެ. "ކުރެވުނު ކުށަށް ހިތާމަ ކުރުމަކީ ތައުބާ ވުމެކެވެ." ދެ ވަނައީ ކުރެވުނު ކުށުން ދުރުހެލިވެ އެއްކިބާވުމެވެ. ސަބަބަކީ ކުށަށް އަރައިގަތުން މަތީ ދެމިހުރިހާ ހިނދަކު ތައުބާ ނުވެވޭނެތީ އެވެ. ތިން ވަނައީ އެފަދަ ކުށަކަށް ދެން ދުވަހަކުވެސް އަރައިނުގަތުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑަ އެޅުމެވެ. މި ޢަޒުމް އާކުރުމާއެކު ޢަޒުމުގެ މަތީގައި ދެމިހުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ސަބަބަކީ ޝައިޠާނާ އަބަދުވެސް އިންސާނާގެ އުންމީދުތަކާއި ޢަޒުމްތައް ފުނޑުފުނޑު ކޮށްލަން މަސައްކަތް ކުރާތީ އެވެ. އެންމެ ފަހު ކަމަކަށް އޮތީ މީހެއްގެ ޙައްގަކަށް އަރައިގަނެވިފައިވަނީ ނަމަ އެ މީހެއްގެ ކިބައިން މައާފަށް އެދުން ނުވަތަ އެ ޙައްޤެއް އަދާކުރުމެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އެހެން މީހެއްގެ ޙައްގަކަށް ނުވަތަ އަބުރަށް އަރައިގަނެވި އަނިޔާވެރިވެވިފައިވަނީ ނަމަ ދީނާރެއް ދިރްހަމެއް ނުވާ ދުވަހު އެ މީހެއްގެ ހެޔޮކަމުން ނެގި އަނެއް މީހާ އަށް ލިބުނު އަނިޔާވެރިކަމާ ގުޅޭ ވަރަށް އޭނާގެ ހެޔޮކަމުން ދެވޭ ދުވަސް އައުމުގެ ކުރިން އެކަމެއް އަވަހަށް ނިންމާށެވެ. އެމީހެއްގެ ހެޔޮކަމެއްވާ ނަމަ އަނިޔާ ލިބުނު މީހާ އަށް އަނިޔާ އަށް ވާވަރަށް ލިބިދެވޭނެ އެވެ. ހެޔޮކަމެއް ނުވާނަމަ އަނިޔާ ލިބުނު މީހާގެ ނުބައިކަމުން އަނިޔާ އަށް ވާ ވަރަށް ކެނޑި އެބައި ބޮލު އަޅަން ޖެހިދާނެ އެވެ." ނަރަކައިގެ އަޛާބުން ދިންނެވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއީ ރަނުގެ ފުރުސަތެކެވެ. ކޮންމެ އާދަމުގެދަރިއަކީ ކުށަށް ހުށަހެޅިގެންވާ މީހެކެވެ. ކުށަށް އިޢުތިރާފުވެ ކުށް ޤަބޫލުކޮށް ތައުބާވާ މީހުންނަކީ އޭގެ ތެރެއިން އެންމެ ހެޔޮ މީހުންނެވެ. ކުށްފާފަތައް ކިތަންމެ ގިނަވިޔަސް ﷲގެ ރަޙްމަތުން އެދުންކަނޑައިލުމީ އަޅުތަކުންނަށް އޮތްކަމެއް ނޫނެވެ. އެފަދަ މީހުންނަށް މާތްﷲ އަންގަވާފައިވަނީ ﷲގެ ރަޙްމަތަށް އެދި ތައުބާވުމެވެ. މާތްﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފާފަކުރުމުގައި އިސްރާފުކޮށް އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރިވެ އުޅުނު ތިމަންރަސްކަލާނގެ އަޅުންނޭވެ! ﷲގެ ރަޙްމަތާ މެދު ތިޔަބައިމީހުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އެންމެހައި އަޅުތަކުންގެ ފާފަ ފުއްސަވަ އެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނަ އިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެ އެވެ." (އައްޒުމަރު:53) ރޯދަމަހަކީ ރަޙުމަތުގެ މަހެވެ. ފާފަ ފުއްސެވުމުގެ މަހެވެ. ނަރަކަ އިން ދިންނެވުމުގެ މަހެވެ. މިމަހުގެ މިފަދަ ދުވަސްތަކުގައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ ތައުބާވެއްޖެ މީހާގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވާނެ އެވެ. އެމީހެއްގެ ކުށްތައް އެކަލާނގެ ޢަފޫކުރައްވައި ފާފަ ފުއްސަވާނެ އެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައި ކުށްތައް ޢަފޫކުރައްވަނީ ހަމަ އެކަލާނގެ އެވެ. އަދި ތިޔަބައިމީހުން ކުރާ ކުށްތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެ އެވެ." (އައްޝޫރާ: 25) އަދިވެސް އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲ އަށް ތެދުވެރިކަމާއެކު ތައުބާވާށެވެ. ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހު ތިޔަބައިމީހުންގެ ކުށްތައް ޢަފޫ ކުރައްވާނެތެވެ. އަދި އެތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުރި ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާނެތެވެ." (އައްތަޙްރީމް:8) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. "ހަމަކަށަވަރުން މަތިވެރި ﷲ، އެ އިލާހުގެ ރަޙްމަތް ރޭގަނޑުގައި ބާވައިލައްވަ އެވެ. އެއީ ދުވާލުގެ ފާފަވެރިންނަށް ފުއްސެވުމަށްޓަކައެވެ. އަދި އެ އިލާހުގެ ރަޙްމަތް ދުވާލުގައި ބާވައިލައްވަ އެވެ. އެއީ ރޭގަނޑުގެ ފާފަވެރީންނަށް ފުއްސެވުމަށްޓަކަ އެވެ. ހުޅަނގުން އިރު އަރަންދެން މިގޮތަށް މެދުނުކެނޑި ރަޙްމަތް ބާވައިލެއްވުމުގައި އެ އިލާހު ދެމިވޮޑިގެންވެ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ