އަބްދުﷲ ރަޝީދުގެ އާއިލާއާއި އައިޝާ ބައްދަލުކުރައްވައިފި

ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވި އަބްދުﷲ ރަޝީދުގެ އާއިލާއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
އަބްދުﷲ ރަޝީދުގެ އާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން އެއާއިލާއާ އައިޝާ ބައްދަލުކުރެއްވީ މިއަދު ހަވީރެވެ. އެކަމަނާގެ އަރިހުގައި ޖޭޕީގެ ރައީސް އަލީ ވަހީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަޑައިގަތެވެ.
މިޒިޔާރަތުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވަނީ އަބްދުﷲ ރަޝީދުގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައި އާއިލާގެ ހާލުއަހުވާލު ބައްލަވާފައެވެ. އަދި އެއާއިލާއިން ތަހަންމަލްކުރަމުންދާ ވޭނާއި ކެކުޅުންތަކުގައި އެކަމަނާ ވެސް ބައިވެރިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބި ގ.ކީމަ، އަބްދުﷲ ރަޝީދު ނިޔާވެފައިވާއިރު، އާއިލާއަށް އިންސާފު ނުލިބޭތީ އެކަމާ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް، ދައުވާ އުފުލައި ހުކުމްކުރުމުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު ނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ.
އަބްދުﷲ ނިޔާވީ އޭނާއަށް ފަރުވާ ލިބުން ލަސްވެ، ކަރެކްޝަންސްގެ އިހުމާލުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަބްދުﷲ ނިޔާވިތާ މާދަމައަށް އަހަރު ދުވަސް ވާއިރު، މިމައްސަލައިގެ ތަހުގީގަށް ވީގޮތެއް ނޭގެއެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގެއް ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިކޮށްގެން ކުރުމަށް އިއްތިހާދުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އިންތިޚާބުގެ ކެމްޕޭނުގައި އިއްތިހާދުން ވީވައުދުތަކުގެ ތެރޭގައި މިފަދަ މަރުތަކަށް އިންސާފު ހޯދައިދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ