ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅާނަން: މެމްބަރު އަބްދުﷲ

ޕްރޮސެކިޔުޓަރ ޖެނެރަލް އައިޝަތު ބިސާމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ނެގީ އިތުރަށް އޭގައި ހިމަނަންޖެހޭ ކަންކަން ހުރުމުން ކަމަށާއި އެކަންކަން ހިމެނުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޖީ ބިސާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މި ނިމުނު ހަފްތާގެ ހޯމަ ދުވަހުއެވެ.
އެމައްސަލާގައި މެމްބަރު އަބްދުﷲ އަހުމަދު ފާހަގަކުރައްވާފައިވަނީ މައިގަނޑު 5 ކަމެކެވެ. މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮތީ، ނިމިދިޔަ ސަރުކާރުގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމެވެ.
މީގެ އިތުރަށް ޕްރޮސިކިއުޓާ ޖެނެރަލް، ބިސާމްގެ އަމަލުތައް ބެހެއްޓެވި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކޮށް، މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއް ނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއް ނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށް އެމައްސަލާގައި ވެއެވެ.
މިމައްސަލަ އަނބުރާ ނަގާފައިވަނީ އެމައްސަލަ ހުށަހެޅި ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަަލަ އަނބުރާ ނަގާފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކުރުމާއި ގުޅިގެން މައްސަލަ ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޖީ ބިޝާމް ބޭރުކުރެވޭނެ ކަމަށާއި މިކަންތައް އަދި ނުނިމޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ