މާޅެންދޫން ކަރަންޓް ކެނޑިފައި އޮންނަތާ 11 ގަޑި އިރުވެއްޖެ

ނ. މާޅެންދޫން މިއަދު ހެނދުނު 06:00 އިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ފަޔާޒު މިއަދު "ސަން" އަށް ވިދާޅުވީ ޑިސްޓްރިބިއުޝަން ބޮކްސްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު 06:00 އިން ފެށިގެން އެ ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"ޑިސްޓްރިބިއުޝަން ބޮކްސްއެއްގެ ބުޑުގައި ހުރި ނަރުތައް ބަޑިޖަހައިގެން ކަރަންޓު ކެނޑެން މެދުވެރިވީ. ވީހާވެސް އަވަހަކަށް ކަރަންޓު ލިބޭތޯ އަޅުގަނޑުމެން މިދަނީ ފެނަކައާ ގުޅިގެން މަސައްކަތް ކުރަމުން،" ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓު ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވެދާނެ ދަތިތަކަށް ބަލާފައި ސިއްހީ މަރުކަޒަށް ދޭތެރެ ދޭތެރެއިން ކަރަންޓު ދެމުން އަންނަ ކަމަށާއި އިރުއޮއްސެންވާ އިރަށް މުޅި ރަށަށް ކަރަންޓު ދޫކުރެވޭ ވަރު ވާނެ ކަމަށް ފެނަކައިން ބުނި ކަމަށް ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ އެރަށުން ކަރަންޓު ކެނޑޭ ކަމަށެވެ.
އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ