ޕީޕީއެމްގެ މައްސަލަ ސިވިލް ކޯޓުން ބެލުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންދިއުމަށްފަހު އެ މައްސަލަ ސިވިލް ކޯޓުން ބެލުން ހުއްޓުވައިފިއެވެ.އެ މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސްފައިވާއިރު އެމައްސަލައިގެ ލިޔުންތައް މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އިއްޔެގެ ވަގުތެއްގައި ވަނީ ހަވާލުކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގެ ލިޔުންތައް ގެންދިޔައީ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ޕީޕީއެމް ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ.ޕީޕީއެމް ރައީސް ޔާމީނާ ހަވާލުކުރި އަމުރުގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. އެ އަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފައެވެ.ސިވިލް ކޯޓުން ޕީޕީއެމް ރައީސް ޔާމީނާ ހަވާލުކުރިއިރު އެމަނިކުފާނަކީ އެޕާޓީގެ މުސްތަޝާރު ކަމަށް ވީ ނަމަވެސް، ޕީޕީއެމުން ދާދިފަހުން ބޭއްވި ކޮންގްރެސުގައި އެމަނިކުފާނު އެޕާޓީގެ ރައީސް ކަމަށް ވަނީ އިންތިޚާބުކޮށްފައެވެ. ޕީޕީއެމުން ބޭއްވި ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް އެޕާޓީގެ ކޮންގްރަސް ބޭއްވީ އިލެކްޝަން ކޮމިޝަނަށް އެންގުމަށްފަހު އެކޮމިޝަނުންގެ ލަފާގެ މަތިން ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ