އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މައުމޫން ފަސް ކުރައްވައިފި

އިންޑިއާގެ ކުރީގެ ރައީސް، ޑޮކްޓަރ އަބްދުލްކަލާމްގެ އުފަން ދުވަހުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުން ބާއްވާ ޚާއްސަ ހަފްލާއެއްގައި، ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މިއަދު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސް ކުރައްވައިފިއެވެ.
ރައީސް މައުމޫން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވާފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް، ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޕީޕީއެމްގެ ފުރިހަމަ ތާއީދުއޮތްކަން ރައީސް ޔާމީންއަށް ދައްކުވައިދިނުމުގެ ގޮތުން، އިންޑިއާގެ ބެންގަލޫރަށް މިއަދު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސް ކުރައްވާފައިވާ ކަމަށެވެ.
ނައިބު ރައީސް އަދީބު ހައްޔަރުކުރައްވާފައިވަނީ، ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވި ތަނާ، އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯރޓުންނެވެ. ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ތުހުމަތުގައެވެ.
ނައިބު ރައީސް އަދީބު ހައްޔަރުކޮށް، ދޫނިދޫއަށް ގެންދިއުމަށްފަހު ފުލުހުން މިހާރުދަނީ އެމަނިކުފާނާއި ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ