އިންޖީނުގެ ކައުންސިލާ ހަވާލުކޮށްފިނަމަ ރަނގަޅަށް ހިންގާލާނަން

އައްޑޫ ސިޓީގެ އިންޖީނުގެ ހިންގުން ކައުންސިލާ ހަވާލުކޮށްފިނަމަ ރަނގަޅަށް ހިންގާލާނެ ކަމަށް، ހިތަދޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ޔޫޓިލިޓީސް ހިދުމަތްދޭން ކުންފުންޏެއް ހަދަން ސަރުކާރުގައި އެދުމަށް ހުށަހެޅި މައްސަލާގައި ވާހަކަދައްކަމުން ޝިނާޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތު މިވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، ރައްޔިތުންނަށް ފުރިހަމަ އަށް ކަރަންޓު ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
މިފަދަ އަސާސީ ހިދުމަތްތައް ލިބޭނެކަން ޔަގީންކުރުމުގެ ޒިންމާ އޮތީ ކައުންސިލުގެ ބޮލުގައި އެޅިފައި ކަމަށާއި ސަރުކާރުން މިހާރުވެސް އައްޑޫ އިންޖީނުގެ ހިންގުން ކައުންސިލާއި ހަވާލުކޮށްފި ނަމަ މިއަށް ވުރެ ރަނގަޅު އަގެއްގައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން އައްޑޫ ރައްޔިތުންނަށް ދޭން ބޭނުން، މިވަގުތު ވެސް އައްޑޫގެ އިންޖީނުގެ ހަވާލުކޮށްފިނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މިއަށް ވުރެ ރަނގަޅު އަގެއްގައި، އައްޑޫ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. މިއީ ރޮކެޓް ސައިންސެއް ނޫން. މިކަން ވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ޝިނާޒު ވިދާޅުވި އެވެ.
ޝިނާޒު ވިދާޅުވީ މިކަމުގެ އެންމެ ރަނގަޅު އެއް ހެއްކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަދަން ޔޫޓިލިޓީސްގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ހިދުމަތް ދިން ދުވަސްވަރު ކަމަށާއި އޭރު ރައްޔިތުންނާއި ގާތުން މާ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ. އައްޑޫގެ ޔޫޓިލިޓީސް ހިދުމަތް ދޭން ވަކި ކުންފުންޏެއް ހެދިގެން ދިޔުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި މި ވާހަކަތައް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޝިނާޒު ވަނީ ފެނަކަ އަށް އައްޑޫގައި ހިންގާ އޮޕަރޭޝަން މެދުވެރިކޮށް 7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭއިރު ވެސް ރައްޔިތުންނަށް ހިދުމަތް ނުދެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ