ދިވެހިންނަކީ އަބަދުވެސް އިލްމަށް ލޯބިކުރާ ބައެކެވެ. އެ ޒަމާނަކާ އެކަށޭނަ ތައުލީމެއް ލިބިފައި ހުރުން މުހިންމުކަމަށް މި މުޖުތަމައުއިން އަބަދުވެސް ދެކެ އެވެ. މާ އިހު އެވޭލާ ޒަމާނުގައިވެސް އެކަން އޮތީ އެހެންނެވެ. ދިވެހިން ދެކި އުޅުނީ 'ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާކަމެއް' ކަމުގަ އެވެ. އެހެންވެ ޖާހިލުކަމުގެ އަނދިރިން އިލްމުގެ އައްޔަށް ނުކުތުމަށް ދިވެހިން އަބަދުވެސް ހިތްވަރު ދެ އެވެ.
މިކަމަށް ހުރި ބުނުންތައް ދިވެހިންގެ ތެރޭގައި ވަރަށް ގިނަ އެވެ. އެ ޒަމާނުގައި މީހަކަށް ވަނީ 'އުޑުހުރި ނަކަތްތައްވެސް ހުންނަގޮތް ދަނެގެންނެވެ.' 'ރަސްކަން ކުރާން އިންނަ މީހާއަށް ކޭލުފެންކައްކާގޮތް ނުއެނގުމަކީ ދެރަ ކަމެކެވެ'. އެ ޒަމާނުގައި ދިވެހިން ދަސްކޮށް އުޅުނީ ފަރުތަކާއި މާކަނޑާއި ހަލާއި ގިރިތަކުގެ މައުލޫމާތެވެ. އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކާއި، ނަކަތްތަކާއި، ދިވެހި ބަހެވެ. 'ކިރުނު' ފެލުމާއި 'ކިރު ނުފެލުން' ތަފާތުކޮށް ދަނޑިކޮށީގޭ ރަނަހަމައިދި ކަލޭފާނުން ދެއްކެވި ސަމާސަ ވާހަކަފުޅު އޭގެ އެތައް ޒަމާނެއް ފަހުން ހުސައިން ސަލާހުއްދީނު ލިޔުއްވާފައި އެއޮތީ ދިވެހިން ދިވެހި ބަހަށް ލޯބިކޮށް އޭގެ އިލްމު އުނގެނުނީތީ އެވެ. އާންމު މީހަކަށް ތަންދޮރު ފިލާފައި ހުންނަންވީވަރާއި، ދަންނަ ބޭކަލުންނާއި އިލްމުވެރިންގެ ދަތުމުގެ ދަރަޖަ ތަފާތުކުރެވި، ކޮންމެ މީހަކީ އެމީހާގެ ނިސްބަތުން ކަންކަން ފިލާފައި ތިބި މީހުންނަށްވި އެވެ. އެއީ އެޒަމާނެވެ. ކަޅު ކުލައިގެ ލައްގަނޑުތަކާއެކު ވިޔަސް އަޅުގަނޑުމެންނަށް ލިބިއޮތް، އަޅުގަނޑުމެންގެ ރީތި މާޒީ އެވެ.
އުޑިއަކީ ބިންބި ފަދަ އެއްޗެހި މުގުރުމަށް ހިލައިން ހަދާފައި ހުންނަ އެއްޗެކެވެ. މި ހުންނާނީ ވަށްބުރު ހަމަ ދެކިބަ އަށެވެ. އަދި އަޑީކިބައިގެ މެދުގައި މަތީކިބަ އެމުނޭނޭގޮތަށް ނާރެހެއް ހުންނާނެއެވެ. މަތީކިބައިގެމެދުގައި އެއްފަރާތުން އަނެއްފަރާތަށް ފޫގޮސްފައިވާ ލޯވަޅެއް ހުންނާނެއެވެ. އަދި މަތީކިބަ އެނބުރުމަށްޓަކައި ހިފަހައްޓާނެ މުށްގަނޑެއްވެސް ހަރުކޮށްފައި ހުންނާނެއެވެ. އުޑީގައި އޮންނާނީ ދެކިބަ އެވެ. އެއީ މަތީކިބައާއި އަޑީކިބަ އެވެ.
އުޑިކިބަ ފިލުމަކީ އިހަށް ދިވެހިންގެ ތެރޭގައި ކިޔައިއުޅޭ މިސާލު ބަހެކެވެ. މިބަސް އުފެދުނު ގޮތެއް އޮންނާނެތާ އެވެ. ވީ ގޮތެއް ކަމަށް ކިޔަނީ ރަސްކަލަކު އެރަސްގެފާނުގެ ދަރިކަލަކަށް ކިޔަވައިއަރުވައިދޭން އެދުރުބޭކަލަކާ ހަވާލުކުރެއްވީ ޔޯލަ އެވެ. އެދުރުބޭ ޒަމާނެއްގެ މިންނަތުން އެ މަސައްކަތް ނިންމައި އެ އަމީރާއެކު ގަނޑުވަރަށް ވަޑައިގެން ރަސްގެފާނަށް އެބަ ދަންނަވަ އެވެ. އަހުރެންނަށް އެނގިފައި ހުރިނަމަ ހުރި އިލްމެއް މި އަމީރަށް ކިޔަވައި އަރުވައި ނިންމައިފީމެވެ. ހިސާބުކިތާބާއި، ބަހާއި ދުނިޔެވީ އިލްމުތަކާއި، ވިސްނަންވީ ގޮތް އުނގަންނައިދީފީމެވެ.
ރަސްގެފާނު ވިދާޅުވި އެވެ. އަޖުމަ ބައްލަވަން ބޭނުންފުޅު ވެއެވެ. ދެން ރަސްގެފާނު އަމީރު އަރިހަށް ވަޑައިގެން ކަނާތްޕުޅު މުށްކަވާލައްވާފައި ވިދާޅުވި އެވެ. އަހަރެންގެ މުށުތެރޭގައި އެއްޗެއް އެބައޮތެވެ. އެއީ ވަށް އެއްޗެކެވެ. އެތެރޭގައި ބޮޑު ހޮޔެއް އެބައޮތެވެ. އޭގެ ކޮންމެވެސް އެއް ދިމާއަކުން ކުޑަތަންކޮޅެއް ބޭރަށް އުފުލާލައިފައި އެތަނަށްވެސް ކޮންމެވެސް އެއްޗެއް ޖަހާފައި އެބަހުއްޓެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟
އަމީރު ވަރަށް ރަނގަޅަށް ވިސްނަވަން ހުންނަވާފައި ވިދާޅުވި އެވެ. ތިޔަ ވިދާޅުވަނީ އުޑިކިބައެއްގެ ވާހަކަ އެވެ. އެ ވަށް އެތީގެ ހޮޔެއްހެން ތިޔަ އޮތީ ނާރެހެވެ. ބޭރަށް އުފުލިފައި ހުރީ އުޑި އަނބުރަން ހިފަހައްޓާ އަތްގަނޑު ޖަހާފައި ހުންނަ ތަނެވެ. ރަސްގެފާނު ކޯފާގެ ކޮޅަށް ކޯފާވެވަޑައިގެން ވިދާޅުވި އެވެ. އުޑިކިބައިގެ ސިފަތައް ތިޔަ ކިޔައިދިނީ ހަމަ ހެޔޮކޮށެވެ. ނަމަވެސް މަކޮޔާ ވިސްނަބަލާށެވެ. އުޑިކިބައެއް މުށަށް ލައި މުށްކެވޭނެ ހެއްޔެވެ؟ ބައްޕަ މިދެއްކީ އަނގޮޓިއެއްގެ ވާހަކަ އެވެ. ދެން އެދުރުބެއާ ދިމާލަށް އެނބުރިވަޑައިގެން ވިދާޅުވި އެވެ. އަދި ކަމަކު ނުދެ އެވެ. މީނާއަށް އުޑިކިބަ ފިލަންދެން ކިޔަވައި ދޭށެވެ. --- ކޮންމެ ކަމެއްގައިވެސް ކޮންމެހެން އެނގެން ބޭނުން މައުލޫމާތު އެނގިފައި ހުރުމަކީ އުޑިކިބަ ފިލާވަރުވުމެވެ.
ރަސްމީ ބަހުރުވައިގައި މި މިސާލުބަސް ބޭނުންކޮށް އުޅުނަސް، މި މާނައިގައި އެހެން ބަހުރުވަތަކުގައިވެސް މިސާލު ބަސްތައް އެބަހުއްޓެވެ. މިގޮތުން އަޅުގަނޑު އަޑުއެހި އެއް ބަހަކީ ޝަހާދަތުގެ ދުއްރަ-ދައްރަ ވަކިވުމެވެ. މި ބަސް އަޑުއިވުނީ ހުވަދޫ ބަހުރުވައިގެ ތެރެއިންނެވެ. އަޅުގަނޑު ދަންނަ ދެތިން އަދީބަކާއި، ބަސްވާރަކާ ވާހަކަ ދެއްކިއިރުވެސް މި މިސާލުބަސް އަޑުއައްސަވާފައިހުރި ބޭފުޅަކާ ދިމާނުވި އެވެ. އެހެންވީމާ މި ނިންމީ މިއީ ބައެއް ބަހުރުވަތަކަށް އެކަނި ހާއްސަ މިސާލުބަހެއް ކަމުގަ އެވެ.
އަޅުގަނޑާ ބައްދަލުވި މީހަކު ވާހަކަ ދައްކަމުން ގޮސް، ރާއްޖޭގައި ނަން މަޝްހޫރު ސިޔާސީ މީހަކަށް ނިސްބަތްކޮށް ބުނެ އެވެ. ތިމަންނާއަށް ދެރައީ ޝަހާދަތުގެ ދުއްރަދައްރަ ވަކިނުވާ މީހުން އިސްލާމް ދީނުގެ ވާހަކަ ދައްކާތީ އެވެ. ފުރަތަމަ އަޑުއަހާލިއިރު އެ ބުނީ ކީކޭ ކަމެއް ވިސްނައެއް ނުގަނެވުނެވެ. ޝަހާދަތުގެ ކޮން ދުއްރަދައްރައެއް ހެއްޔެވެ. އެކަމަކު ކުޑަކޮށް ސިކުނޑި ހިންގާލީމާ އެ ބުނި އެއްޗަކާއި، އޭގެ ސަބަބު ފަހުމު ވެއްޖެ އެވެ. އެކަމަކު އޭގެ ގަވާއިދު ދަސްވީ އިތުރު މަސައްކަތުންނެވެ.
ޝަހާދަތުގައި އަޅުގަނޑުމެން ކިޔައި އުޅެނީ لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ، أشهدُ أنْ لا إلهَ إلاَّ اللهُ وأشهدُ أنَّ محمّداً رسولُ الله މިހެންނެވެ. ޝަހާދަތުގެ ދުއްރަ-ދައްރަ ވަކިވުމޭ ކިޔައި އެ އުޅެނީ އަރަބި ބަހުގެ ގަވާއިދާ އެއްގޮތަށް ޝަހާދަތް ކިޔާންވެސް ނޭނގެޔޭ ބުނުމަށެވެ. އަރަބި ބަހުގެ ގަވާއިދާ ހިލާފަށް، ދުއްރަދައްރަ ވަކިނުވެ ޝަހާދަތްކިޔާނަމަ ތި ކިޔެނީ ގޯސްކޮށެވެ.
އަރަބި ބަހުގެ ގަވާއިދުގައި، އަލްމުބްތަދައު ވަލްޚަބަރު އަކީ އިސްމީ ޖުމުލައެއްގެ އެންމެ އަސާސީ ދެބަޔެވެ. އިސްމީ ޖުމުލައެއްގައި އާންމުކޮށް އޮންނާނީ މުބްތަދައު އަކާއި ޚަބަރެކެވެ. ނުވަތަ ނަމަކާއި، އެނަމަކާ ގުޅޭގޮތުން ދެވޭ ޚަބަރެވެ. މިސާލަކަށް محمدٌّ رسول الله، މި ޖުމުލައިގައި މުހައްމަދު އެއީ މުބްތަދު އެވެ. ރަސޫލުﷲ އެއީ ޚަބަރެވެ. އާންމު އުސޫލަކީ މުބްތަދައުގެ ގޮތުގައި އޮންނަ އިސްމުގެ ފަހަތު ފިލީގައި އުބުފުލި އޮތުމެވެ. ބައެއް މީހުން ޝަހާދަތުގެ ދެކަލިމަ ކިޔާއިރު، 'މުހައްމަދަށްރަސޫލުﷲ' އޭ އެ ކިޔާ ކިޔުން ގޯހެވެ. އެތަނުގައި ކިޔަންވާނީ 'މުހައްމަދުއްރަސޫލުﷲ' އެވެ. އެ ދިޔައީ ޝަހާދަތު އެބުނާ 'ދުއްރަ' އެވެ.
ދެން އޮތީ ޝަހާދަތުގެ 'ދައްރަ' އެވެ. ބަހުގެ ގަވައިދުގައި ފީ، ޢަލާ، މިން، އިލާ އަކީ ވެސް ޙަރުފެވެ. ނުވަތަ 'އަކުރެކެވެ'. އޭގެ ޒާތުން މާނައެއް ދޭހަނުވާ ކޮންމެ ލަފުޒަކީ އަކުރެކެވެ. މިގޮތުން إنَّ އަކީ ވެސް ޙަރްފެކެވެ. އަކުރެކެވެ. إنَّ: މި އަކުރު ގެނެވެނީ ތާކީދަށެވެ. ނުވަތަ ބުނާ ބަސް ވަރުގަދަކުރުމަށެވެ.
ދެން އޮތީ إنَّ އަދި أنَّ ގެ ތަފާތު ބަޔާންކުރުމެވެ. އެއް މާނައެއްގައި ބޭނުންކުރެވޭ މި ދެއަކުރުގެ ހަމައެކަނި ތަފާތަކީ އިންނަ ބޭނުންކުރާނީ ވާހަކައެއްގެ ފެށުމުގަ އެވެ. ވާހަކައެއްގެ މެދުތެރެއިން ނަމަ ބޭނުންކުރާނީ 'އަންނަ' އެވެ. وأشهدُ أنَّ محمدًّا رسولُ الله މިތަނުގައި އިންނަ އައިސްފައި މިއޮތީ ވާހަކައިގެ ޖުމުލައެއްގެ ކުރިޔަށް ނަމަވެސް މުޅި ވާހަކައިގެ ފެށޭ ތަނަކަށް ނޫނެވެ. އެހެންވީމާ ބޭނުންކުރަންޖެހެނީ އަންނައެވެ. މާނައަކީ އަހަރެން ހެކިވަމެވެ؛ ހަމަކަށަވަރުން މުޙައްމަދު (އެއީ) ﷲ ގެ ރަސޫލެވެ.
'އިންނަ' ނުވަތަ އެއާއިލާގެ އަކުރެއް ޖުމުލައެއްގެ ކުރިޔަށް އައުމުން ޖުމުލައިގެ މުބްތަދައުގެ ގޮތުގައި އޮންނަ އިސްމުގެ ފަހު އަކުރުގައި އަބަފިލިޖަހުވަ އެވެ. އަދި ޚަބަރުގެ ގޮތުގައި އޮންނަ ނަމުގައި ނުވަތަ ސިފައިގައި އުބުފިލިޖަހުވަ އެވެ. އެހެންވީމާ، وأشهدُ أنَّ محمدًّا رسولُ الله މިތަނުގައި محمد ގެ އިސްމު އައިސްފައި މިއޮތީ 'އަންނަ' ގެ ފަހަތަށް ކަމަށްވާތީ އެ އިސްމުގެ ފަހު އަކުރުގައި އޮންނާނީ އަބަފިއްޔެވެ. ޝަހާދަތުގެ 'ދައްރަ' އަކީ މިއެވެ.
މި މިސާލު ބަހަކީވެސް އިއްޔެއަކު މިއަދަކު އުފަންވި ބަހަކަށް ނުވާނެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި އުޅުނު ކަންކަން ދަންނަ ބޭކަލަކު، އޭނާގެ ދަރިވަރުންނަށް އޮޅުންފިލުވައި ދީފައި އޮތްގޮތް ކަމަށް މެނުވީ ނުވާނެ އެވެ. އެއްގޮތަކަށްވެސް އަރަބި ބަސް ނުދަންނަ ދިވެހިންނަށް، އަރަބި ބަހުގެ ގަވާއިދު ދަސްކޮށްދިނުމެއްނެތި، ރަނގަޅަށް ޝަހާދަތް ކިޔާން ދަސްކޮށްދޭ ދިވެހި ދަންނަ ބޭކަލަކު ދަސްކޮށްދޭނީ މިހެންނެވެ. ފުރަތަމަ އޮންނާނީ 'ދައްރަ' އެވެ. ދެން އޮންނާނީ 'ދުއްރަ' އެވެ. މިހެން ބުނެދިނީމާ ދަސްކުރާ މީހާއަށް ފަސޭހަ ވެއެވެ. ދަސްކޮށްދޭ މީހާއަށްވެސް ލުއި ވެއެވެ. މިއީ މިގޮތުން އުފެދުނު މިސާލު ބަހެއް ކަމުގައި ހިތަމެވެ.
މި ލިޔުން ނިމެންދެން ފޫހިކަމެއް ނެތި ކިޔައިފިނަމަ.. މަރުހަބާ އެވެ. މިހާރު ތިޔައީ ވެސް ޝަހާދަތުގެ 'ދުއްރަ-ދައްރަ' ވަކިވެފައިހުރި އިންސާނެކެވެ. އެއީ ކުރިން އެކަން ފިލާފައި ނެތްނަމަ އެވެ.
އުޑިކިބަ ފިލުމާއި ޝަހާދަތުގެ 'ދުއްރަ-ދައްރަ' ވަކިކުރަން އެނގުން! އުޑިކިބަ ފިލުމާއި ޝަހާދަތުގެ 'ދުއްރަ-ދައްރަ' ވަކިކުރަން އެނގުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ