މޭޔަރުކަމަށް ޓެސްޓަކަށްވެސް އާޒިމް ނޫނީ ހޮވަންކަމުދާ މީހަކުނެތް

މާލެ ސިޓީއަށް ހިދުމަތް ކުރާނެ މޮޅު ޕްރޮޑަކްޓް ހޯދަން އިތުރު ބަޔަކު ޓެސްޓްކުރުމުގެ ބޭނުމެއް ނެތެވެ. ޓެސްޓްކޮށް ފާސްވެ ކަށަވަރު ޕްރޮޑަކްޓެއް މާލެ ސިޓީއަށް ލިބިފައި އެބައޮތެވެ. މޭޔަރ އާޒިމް ދޫކޮށް ޓެސްޓަކަށްވެސް ހޮވަން ކަމުދާވަރު މީހަކު މާލެސީޓީ މޭޔަރު ކަމަކަށް މިފަހަރަކު ވާދައެއް ނުކުރެއެވެ. 
މާލެސިޓީ ރައްޔިތުން އެއްރޫހެއްގައި ނިކުމެ ވޯޓުދީގެން މޭޔަރުކަމަށް ދެންވެސް ގެންނަން އޮތް ހިދުމަތްތެރިއަކީ އާދަމް އާޒިމެވެ. ގޮތްބަލަން އެހެން މީހުން ހޮވައިގެން ވަގުތު ނަގާލެވޭ ވަރަށްވުރެ މާލޭގައި ހައްލުކުރަން ހުރި މަސްސަލަތައް ގިނައެވެ. ރަނގަޅުގޮތް އޮއްވާ އޮތްގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅުމުން ދިވެހީން ވަނީ ލައްކަ ބޮނޑި ބޮއެފައެވެ. 
މާލެ ސިޓީގެ 17 މެންބަރުންގެ ތެރެއިން 14 މެންބަރުންނަކީ ރައީސް މުއިއްޒުގެ ޕީއެންސީ މެންބަރުންނެވެ. ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ކައުންސިލް ހިނގުމުގައި އެމީހުން މޭޔަރަށް އެއްބާރުލުމެއް އެހީތެރިކަމެއް ނުދެއެވެ. މޭޔަރަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވެފައި ހުރި މީހަކަށް ވާތީއެވެ. 
14 މެންބަރުންގެ ބޮޑު މެޖޯރިޓީއެއް އޮތް މާލެ ސިޓީ ކައުންސިލުން ދެ އަހަރުތެރޭގައި ހޯދި ބޮޑެތި ކާމިޔާބެއް ހޯދުނީ މޭޔަރގެ ކުޅަދާނަކަމާއި ކެތްތެރިކަމާއި ދުރުވިސްނުމާ ނަތީޖާ ނެރެދިނުމުގެ ގާބިލްކަން ބޮޑުކަމުންނެވެ. ތަފާތު ފިކުރުގެ މީހުންނާ އެކުގައި ގުޅިގެން އުޅުމުގެ ހިތްވަރު ކުރީމައެވެ. 
މާލެ ސިޓީ ރައްޔިތުން ދިން ޓެސްޓުން ފާސްވެ އާދަމް އާޒިމު ވަނީ އޭ ސްޓަރ ހޯދާފައެވެ. ބަހަނާ ނުދައްކާ މައްސަތައް ހައްލުކުރާނެ މީހަކަށް ވޯޓުނުދީ ވޯޓުދޭން އޮތީ ކާކުހެއްޔެވެ. ސިވިލިއަނުންގެ ވިސްނުމުން ސިވިލިއަނުންނަށް ހިދުމަތްދެވޭނީ ހީވާގި ސިވިލިއަނަކަށެވެ. ކުށްހޯދާ ކުށްދައްކަންއުޅޭ އޮޑިޓަރުންނާއި މިލިޓަރީ ކޮމާންޑަރުންނަކަށް ސިވިލިއަނުންގެ އިހުސާސެއް ނޭގޭނެއެވެ. 
ލަންބާ ޗޯލާ ވާހަކަތަކަށް ނުހެއްލި އާދަމް އާޒިމަށް ވޯޓުދީ މެޔަރުކަމަށް ހޮވަމާ ހިނގާށެވެ. މާލެ ސިޓީއަކީ ފަސޭހަ ރައްކާތެރި ހިންގައިމު އަމާން ސިޓީއަކަށް ހެދުމަށެވެ. އެދޭ ހެޔޮބަދަލު މާލެ ސިޓީން ފެނިގެންދާނީ އޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ