ވަޓްސްއެޕްގެ ފޭކް އެޕަކަށް ސަމާލުވުމަށް މެޓާއިން އަންގައިފި
ފޭކު ވަޓްސްއެޕް އެޕަކަށް ސަމާލުވުމަށް މެޓާއިން އެންޑްރޮއިޑް އަދި އައިފޯނު ޔޫޒަރުންނަށް އަންގައިފިއެވެ. ޖާސޫސްކުރުމަށް (ސްޕައިވެއާގެ ގޮތުގައި) ބޭނުންކުރާ ފޭކު އެޕްލިކޭޝަނެއް މެދުވެރިކޮށް ހެކުކުރުމުގެ އަމަލުތައް، ގާތްގަނޑަކަށް 200 އެއްހާ މީހުންނަށް އަމާޒުކޮށްފައިވާއިރު، މީގެ ތެރޭގައި ގިނައީ އިޓަލީގެ ޔޫޒަރުންނެވެ. ރިޕޯޓުތައް ބުނާގޮތުން މި ފޭކު އެޕްލިކޭޝަން އުފައްދާފައި ވަނީ އިޓަލީގެ ސިއޯ ސްޕާ ގްރޫޕްގެ ބައެއް ކަމަށްވާ 'އެސިޖިންޓް' އިންނެވެ. މެޓާއިން ބުނާ ގޮތުގައި ހެކަރުން ވަނީ އޮޅުވާލައިގެން (ސޯޝަލް އިންޖިނިއަރިން އުކުޅުތައް ބޭނުންކޮށްގެން) އަސްލު ވަޓްސްއެޕްގެ ގޮތުގައި މި އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށް މަދު ބަޔަކަށް މަޖުބޫރުކުރުވާފައެވެ. އެފަރާތްތަކުގެ މައިގަނޑު ބޭނުމަކީ ޔޫޒަރުންގެ އެކައުންޓުތަކާއި ޑިވައިސްތަކުގެ ކޮންޓްރޯލް ދުރުގައި ތިބެގެން ހޯދުމެވެ. މެޓާއިން މިހާރު ވަނީ މިކަމުގެ އަސަރުކޮށްފައިވާ އެކައުންޓުތައް ބްލޮކްކޮށް، އޭގެ ޝިކާރައަކަށްވި ފަރާތްތަކަށް ސެކިއުރިޓީ ރިސްކްތަކާ ގުޅޭ ގޮތުން އިންޒާރުދީފައެވެ. އަދި މި ނުރައްކާތެރި އަމަލުތައް ހުއްޓާލުމަށް އެސިޖިންޓް ކުންފުންޏަށް ރަސްމީކޮށް އެންގުމަށް ވެސް މެޓާއިން ދަނީ ތައްޔާރުވަމުންނެވެ. https://sun.mv/219058 މެޓާއިން ޔަގީންކޮށްދޭ ގޮތުގައި މިއީ ވަޓްސްއެޕްގެ ރަސްމީ އެޕްލިކޭޝަން ނުވަތަ އޭގެ ސެކިއުރިޓީ ސިސްޓަމަށް ދިމާވި މައްސަލައެއް ނޫނެވެ. އެހެންކަމުން ރަސްމީ އެޕްލިކޭޝަން ބޭނުންކުރުމަކީ ރައްކާތެރި ކަމެކެވެ. ނަމަވެސް، ފޭކު އެޕްލިކޭޝަން ޑައުންލޯޑުކޮށްފައިވާ ފަރާތްތަކުގެ މެސެޖުތަކާއި ޒާތީ މައުލޫމާތުތައް ހެކަރުންނަށް ފެނުމުގެ ނުރައްކާ ބޮޑެވެ. ސަބަބަކީ ފޭކު އެޕްގައި އަސްލު ވަޓްސްއެޕްގައި ހުންނަ 'އެންޑް-ޓު-އެންޑް އެންކްރިޕްޝަން' ނުހުންނާތީއެވެ. މީގެ ސަބަބުން ޑިވައިސްގައި ހުންނަ ޕްރައިވެޓް ޑޭޓާތަކާއި ޕާސްވޯޑް ފަދަ މައުލޫމާތުތައް ހެކަރުންނަށް ފަސޭހައިން ލިބުމުގެ މަގުފަހިވެއެވެ. މިފަދަ ނުރައްކާތަކާ ކުރިމަތިވަނީ ރަސްމީ އެޕް ސްޓޯރުތައް ފިޔަވައި އެހެން ގޮތްގޮތުން (ސައިޑްލޯޑް ކޮށްގެން) އެޕްލިކޭޝަންތައް ފޯނަށް އަޅާތީއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ ދަށުން، އެޕަލްއިން ވަނީ އީޔޫގެ 27 ގައުމެއްގައި ތާޑް-ޕާޓީ އެޕް ސްޓޯރުތަކުން އައިފޯނަށް އެޕް އެޅުމުގެ ހުއްދަ 2024 ވަނަ އަހަރު ދީފައެވެ. އެންޑްރޮއިޑް ފޯނުތަކުގައި ކުރިންސުރެ ސައިޑްލޯޑް ކުރުމުގެ ފުރުސަތު އޮވެއެވެ. އީޔޫއިން ގަބޫލުކުރާ ގޮތުގައި އެޕަލް އަދި ގޫގުލްއިން ހަމައެކަނި އެމީހުންގެ އަމިއްލަ އެޕް ސްޓޯރުތައް ބޭނުންކުރަން މަޖުބޫރުކުރުވުމަކީ މާކެޓުގެ މޮނޮޕޮލީއެކެވެ. ނަމަވެސް ތާޑް-ޕާޓީތަކުން އެޕް އެޅުމަކީ ސެކިއުރިޓީގެ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން މި ހާދިސާއިން ވަނީ ދައްކުވައިދީފައެވެ. ރައްކާތެރިކަން ކަށަވަރުކުރުމަށް މެޓާއިން އިރުޝާދު ދެނީ ހަމައެކަނި ރަސްމީ ޕްލެޓްފޯމްތަކުން އެޕްތައް ޑައުންލޯޑް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ