ޓޮރޮންޓޯގައި "ސްވިމްބާޕޭ"ގެ ނަމުން މަޝްހޫރުވެފައިވާ ކުޑަކުޑަ އޮރެންޑާ ގޯލްޑްފިޝްއެއް، ފެނުގެ އަޑީގައި ތައްޔާރުކޮށްފައިވާ ފުޓްބޯޅަ ދަނޑެއްގައި ކޮންމެ ދުވަހަކު ވޯލްޑް ކަޕް މެޗުތަކުގެ ނަތީޖާ ދިމާކުރަމުން ދިއުމާއެކު، އެ ސިޓީގެ ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހޯދާފަ އެވެ.
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ނަމާ ގުޅުވައިގެން ނަން ދީފައިވާ މި މަސް ދިރިއުޅެނީ ކެނެޑާގެ ޓޮރޮންޓޯގެ ޑައުންޓައުންގައި ހުންނަ އޮފީސް އިމާރާތެއްގެ ބޭރުގައި ބަހައްޓާފައިވާ، ފުޓްބޯޅަ ދަނޑެއްގެ ސިފަޔަށް ފަރުމާކޮށްފައިވާ މަސްޓޭންކެއްގަ އެވެ.
ކޮންމެ ދުވަހަކު ވެސް، އޮރެންޖު ކުލައިގެ މި މަސް ދަނޑުގެ މެދުގައި މަޑުކޮށްލައިގެން ހުންނަނީ އެ ދުވަހަކު ކުޅޭ މެޗުތަކުން މޮޅުވާނެ ޓީމުތައް އަންދާޒާ ކުރުމަށެވެ.
މަސްޓޭންކުގެ މަތީގައި ކުޅޭ ދެ ޓީމުގެ ދިދަ ހަރުކޮށްފައި ހުންނައިރު، އެތަނަށް އެއްވެފައިވާ އާންމުން ކައުންޓްޑައުންއެއް ކިޔުމުން، ސްވިމްބާޕޭ ކަނާތް ފަރާތަށް ނުވަތަ ވާތް ފަރާތަށް ފަތައި ގޮސް މޮޅުވާނެ ޓީމެއް ކަނޑައަޅަ އެވެ.
މިހާތަނަށް ސްވިމްބާޕޭ ވަނީ 14 މެޗެއްގެ ނަތީޖާ ރަނގަޅަށް ދިމާކޮށްފަ އެވެ. ނުބައިކޮށް ދިމާވީ އެންމެ ހަތަރު މެޗެވެ. އަދި 10 މެޗެއް އެއްވަރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
"މެޗުތައް އެއްވަރުވާނެކަން އޭނާގެ މަސް ހަށިގަނޑުން އަހަރެމެންނަށް ބުނެދިނުމަކީ އޭނާއަށް ކުޑަކޮށް އުނދަގޫ ކަމެއް،" ސްވިމްބާޕޭގެ މި ހަރަކާތް އުފެއްދި 'ވަން މެތަޑް' ގެ ކްރިއޭޓިވް ޑައިރެކްޓަރު ޓިމް ގްލެން ބުންޏެވެ.
ސްވިމްބާޕޭ މި ކުރިއަށް ގެންދަނީ މީގެ ކުރިން ވޯލްޑް ކަޕްތަކުގައި ނަތީޖާ އަންދާޒާކުރި ޖަނަވާރުތަކުގެ ސަގާފަތެވެ. މީގެ ތެރޭގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ މެޗުތަކުގެ ނަތީޖާ ހައިރާންކުރުވަނިވި ގޮތަކަށް ދިމާކޮށްގެން މަޝްހޫރުވި "ޕޯލް ދަ އޮކްޓޮޕަސް" ހިމެނެ އެވެ. މީގެ އިތުރުން އޮރެންގްއުޓާން އާއި އެތް ފަދަ ޖަނަވާރުތައް ވެސް މީގެ ކުރިން މިފަދަ ކަންކަމުގައި ބޭނުންކޮށްފައިވެ އެވެ.
ފުޓްބޯޅައަށް ލޯބިކުރާ ގްލެން ބޭނުންވީ މި އަހަރުގެ ވޯލްޑް ކަޕް ތެރޭގައި އާންމުންގެ ޝައުގުވެރިކަން ހޯދާނެ ކަމެއް އުފެއްދުމަށެވެ. އެގޮތުން އޭނާގެ ޓީމުން 100 އެއްހާ ނަންތައް ދިރާސާކުރުމަށް ފަހު، "ފައިނަލްޑޯ" ފަދަ ނަންތައް ދޫކޮށްލައި، އެންމެ ފަހުން "ސްވިމްބާޕޭ" އިޚްތިޔާރު ކުރީ އެވެ.
"މިއީ ޓޮރޮންޓޯ ސިޓީއަށާއި ކެނެޑާއަށް މިވަގުތު އައިސްފައިވާ މި ބޮޑު ސަގާފީ ހަރަކާތުގައި (ވޯލްޑް ކަޕްގައި) އަހަރެމެން ބައިވެރިވާ ގޮތް،" ގްލެން ބުންޏެވެ.
މި މުބާރާތުގައި އެކި ޖަނަވާރުތައް ދަނީ މަޝްހޫރުކަން ހޯދަމުންނެވެ. މެކްސިކޯ ސިޓީގައި، މެކްސިކޯގެ ކުޑަ ޖާޒީއެއް ލައްވައިގެން މަގުމަތީގައި ހިނގާފައި ދިޔަ "މާލިން" ނަމަކަށް ކިޔާ އަސްދޫންޏެއް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. އަދި ރޯޑް އައިލެންޑްގެ ޕްރޮވިޑެންސްގައި ބޭއްވި ހަރަކާތެއްގައި "ޑޯން" ނަމަކަށް ކިޔާ އަސްދޫންޏެއް ސްކޮޓްލޭންޑްގެ ސަޕޯޓަރުންނާ އެކު ބައިވެރިވެފައިވެ އެވެ.
ސްވިމްބާޕޭ ބަލާލުމަށް އެ ސަރަހައްދުން ހިނގާފައިދާ މީހުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.
ޓޮރޮންޓޯގައި ފުޓްބޯޅަ މެޗުތަކުގެ ނަތީޖާ ދިމާކުރާ "ސްވިމްބާޕޭ" އަށް ބޮޑު ސަމާލުކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ