އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - މުޅިން އަލަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށް ފުރަތަމަ ދެ މެޗުން ދެ ޕޮއިންޓް ހޯދުމަށް ފަހު، މިހާރު ކޭޕް ވާޑްގެ އަމާޒުހުރީ މި މުބާރާތުގައި އެ ޓީމަށް، "ނުވާނެއޭ ބުނި ކަންތައް" ހާސިލްކުރުމަށް ކަމަށް ކޭޕް ވާޑްގެ ކޯޗު، ބުބިސްޓާ ބުނެފި އެވެ.
ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު މި ފަހަރު މުޅިން އަލަށް ހޯދި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ގޮތުން، ކޭޕް ވާޑް ކުޅުނު އެންމެ ފުރަަތަމަ މެޗުގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ތަށި އުފުލާލި ސްޕެއިނާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި، ރޭ ކޭޕް ވާޑް އިން ވަނީ 2-2 އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އުުރުގުއޭއާ އެއްވަރުކޮށްފަ އެވެ.
ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން، ވަރުގަދަ އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި. މިއީ ކޭޕް ވާޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިނާ އެއްވަރުކުރުމަށްފަހު، ހޯދި ދެ ވަނަ ނަތީޖާ. އުރުގުއޭ ކައިރީގައި ފުރަތަމަ ލީޑުނަގައި، މެޗުގެ ނަތީޖާ އެ ޓީމުން އަނބުރާލުމުން، ދެ ވަނަ ހާފުގައި އަރައި ލަނޑު ޖަހައި، ކޭޕް ވާޑުން އެއްވަރުކުރި،
ބުބިސްޓާ ބުނީ، ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ގޯލެއް ޖަހައި، މުޅި މެޗުގައި ހިތްވަރު އެލުވައިނުލައި ޓީމު އެކުވެގެން ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ވަރަށް އުނދަގޫކޮށް ތިބެގެން އަހަރެމެން މި މެޗު ނިންމާލަން ޖެހުނީ. ވަރަށް ގިނަ ކުޅުންތެރިން އަކުނިވަޔަށް ދެމުމާއި މަސްގުޅަ ކެއުމުގެ ކަންކަން ދިމާވެފައި އޮތީ. އެކަމަކު މި ކަންކަމަށް ނުވިސްނައި ވަރަށް ކެތްތެރިކަމާ އެކު ހިތްވަރު މަސައްކަތްކޮށް އެތައް ބަޔަކަށް ހިނިތުންވުން ލިބޭނެ ނަތީޖާއެއް މި ހޯދީ،" ބުބިސްޓާ ބުންޏެވެ.
ގްރޫޕް އެޗްގައި، ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސައުދީ އަރަބިއްޔާ އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އުރުގުއޭ އިން ސްޕެއިނާ ކުޅޭއިރު، ކޭޕް ވާޑުން ކުޅޭނީ ސައުދީއާ އެވެ. ސައުދީ އަތުން މޮޅުވެގެން، ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދޭނެ އެވެ.
ބުބިސްޓާ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަކީ ކޭޕް ވާޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނި ކަމަށެވެ.
"އަހަރެމެން މިހާރު މި ތިބީ ނުކުރެވޭނެއޭ ބުނި ކަންތައް ކުރެވޭނެ ހިސާބުގައި. އުންމީދަކީ ދެން އޮތް މެޗުގައި ނަތީޖާ ނެރެގެން، ގްރޫޕް ސްޓޭޖުން ދެން އޮތް ބުރަށް ދަތުރުކުރުން،" ބުބިސްޓާ ބުންޏެވެ.
އުރުގުއޭ ކޮޅަށް ކޭޕް ވާޑުން ފުރަތަމަ ލަނޑު ޖެހި 21 ވަނަ މިނިޓަކީ އަބަދުވެސް ކޭޕް ވާޑްގެ ސަޕޯޓަރުން ހަނދާން ހުންނާނެ މިނިޓެއް ކަމަށް ބުބިސްޓާ ބުންޏެވެ. އެއީ، އެ ގައުމުގެ ފުޓްބޯޅައިގައި ހާއްސަ ވަގުތެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.
ކޭޕް ވާޑްގެ އަމާޒުހުރީ ވޯލްޑް ކަޕްގައި "ނުވާނެއޭ ބުނި ކަންތައް" ހާސިލްކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ