ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ
ތެރެއިން ދެވަނަ ކޭމްޕް، ލ. ގަމުގައި ނިމިދިޔަ ހަފްތާ ބަންދުގައި ކާމިޔާބުކަމާއެކު
ނިންމާލައިފި އެވެ.
ޓްރީ ޓޮޕުން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލާއި، ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި ޖުމްލަ 465 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާދެވުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ކޭމްޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ
ފެންވަރުގެ ސްޕެޝަލިސްޓް ސިއްހި ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން
ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށްް ޓްރީ ޓޮޕުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ ކޭމްޕްގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ސްޕެޝަލިސްޓުންގެ ލަފާ ލިބޭ ކަމަށެވެ.
ގަމުގައި ބޭއްވި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި
ހޯމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ
ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން
ބަލައި، ސިއްހީ ސްކްރީނިންގް އާއި
ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ
ދިރިއުޅުމަކަށް ބާރުއެޅުމަށާއި ސިއްހީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ
ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ
ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށްޓަކައި ހާއްސަ
ތަމްރީނު ސެޝަނެއް ވެސް ވަނީ ބާއްވާފަ އެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި
18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ
ބާއްވާފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު
ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ސިއްހީ ދާއިރާގެ
ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
ޓްރީ ޓޮޕުން ލ. އަތޮޅުގައި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ