އެމެރިކާ-އީރާން ސުލްހައިގެ މަޝްވަރާތަކުގައި "އުންމީދީ ކުރިއެރުމެއް"

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް އައުމަށް ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތައް ނިމުނީ "އުންމީދީ ކުރިއެރުންތަކަކާއެކު" ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި ޕާކިސްތާނުން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ދެ ގައުމުގެ ދެމެދުގައި ވެވުނު ވަގުތީ އެއްބަސްވުމަށް ފަހު، މި މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށާފައިވަނީ  އާދީއްތަ ދުވަހު އެވެ.
ގަތަރާއި ޕާކިސްތާނުން ހޯމަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި މަގުޗާޓެއް އެކުލަވާލުމަށް އިސް ފަންތީގެ ކޮމިޓީއަކުން އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ނިޔަލަށް ފަންނީ ދާއިރާތަކުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވި އެމެރިކާގެ ޑިޕްލޮމެޓަކު މީގެ ކުރިން ވިދާޅުވީ، މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމާ ގުޅޭ ގޮތުން އީރާނުން ދެމުންދާ އޮޅުންބޮޅުން ބޮޑު މެސެޖުތައް ސާފުކުރުމުގެ މައްޗަށް ކަމަށެވެ.
މެދުވެރިންގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުއާމަލާތް ކުރުމުގައި ދިމާވާ މައްސަލަތަކާއި ހާދިސާތައް ހުއްޓުވުމަށްޓަކައި "ކޮމިއުނިކޭޝަން ލައިން" އެއް ނުވަތަ ގުޅުން ބަދަހިކުރާނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ ޑިޕްލޮމެޓް އިތުރަށް ވިދާޅުވި ގޮތުގައި، ނިއުކްލިއާ އެއްބަސްވުމުގެ ބައެއް މުހިންމު ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. އަދި ސްވިޒަލޭންޑުގެ ލޫސާންގައި ބައްދަލުކުރި ދެ ގައުމުގެ ވަފުދުން ވެސް، މިއަދުގެ މަޝްވަރާތަކަކީ ކުރިއަށް އޮތް ފަންނީ ވާހަކަތަކުގެ ފެށުން ކަމުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ވެވުނު ވަގުތީ އެއްބަސްވުމުގައި، 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އައުމަށް އިގުރާރުވުމުގެ އިތުރުން، ލުބުނާނު ހިމެނޭހެން "ހުރިހާ ފްރަންޓެއްގައި" ކުރާ ހަނގުރާމަ ހުއްޓާލުމަށާއި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ ހިމަނާފަ އެވެ.
ނަމަވެސް، އެ އެއްބަސްވުމަށް ފަހު ލުބުނާނުގެ ދެކުނުގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންގެ މެދުގައި ދޭ ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. އަދި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ލުބުނާނުގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ