ޕެނަންކާ ޕެނަލްޓީ އަށް ބައި ގަރުނު؛ އެންޓޮނިން އަށް ދެރައީ ފައިސާ ނުލިބޭތީ!

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕެނަލްޓީ، ޕެނަންކާ އަށް 50 އަހަރު ފުރިފައިވާއިރު، އެ ސްޓައިލުގެ ޕެނަލްޓީ ވުޖޫދުކުރި ޗެކޮސްލޮވާކިއާ (މިހާރުގެ ޗެކް ރިޕަބްލިކް)ގެ ތަރި އެންޓޮނިން ޕެނަންކާ، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފި އެވެ. 
މީގެ 50 އަހަރު ކުރިން، 1976 ވަނަ އަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލު މެޗު، ޖޫން 20 ވަނަ ދުވަހު ކުޅުނުއިރު، ވެސްޓް ޖާމަނީ އަތުން ޕެނަލްޓީ ޖަހައިގެން ޗެކޮސްލޮވާކިއާ މޮޅުވިއިރު، އެ މެޗުގެ މޮޅުވި ޕެނަލްޓީ ޖެހީ އެންޓޮނިން ޕެނަންކާ އެވެ. ވެސްޓް ޖާމަނީ ގޯލްކީޕަރު، ސެޕް މައިއާ ސިއްސުވާލުމަށް ފަހު، ބޯޅަ މެދުތެރެއަށް ފޮނުވާލައިގެން އެންޓޮނިން ޕެނަންކާ ޖެހި ޕެނަލްޓީ، ބަދަލުވީ، "ޕެނަންކާ" ޕެނަލްޓީ ސްޓައިލަށެވެ. އެ ހިސާބުން އެ ވައްޓަފާޅި އަށް ފޮނުވާލީ ޕެނަލްޓީ އަށް ނަން ދެވުނީ "ޕެނަންކާ"ގެ ނަމުންނެވެ. 
ޕެނަންކާ ޕެނަލްޓީ އަށް ބައިގަރުނު ވެފައިވާއިރު، ދާދި ފަހުން ދިން މީޑިއާ އިންޓަވިއުއެއްގައި އެންޓޮނިން ބުނެފައިވަނީ، އޭނާގެ ވިސްނުމާ އެއްގޮތަށް އައި ޕެނަންކާ ޕެނަލްޓީ މިހާރު ވެސް ފެންނަމުން އަންނާތީވެ. ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބޭ ކަމަށެވެ. 
"ވަރަށް ތަފާތު އުފަލެއް ކުރެވެނީ މިހާރުގެ ކުޅުންތެރިން އަހަރެންގެ އެ ސްޓައިލްގެ ޕެނަލްޓީ ޖަހައި އެކަން ދިރުވާތީ. އެކަމަކު، ހިތާމަ އަކީ، އެކަމުން އަހަންނަށް ލިބޭ މާލީ މަންފާއެއް (ރޯޔަލްޓީއެއް) ނެތުމުން،" އެންޓޮނިން ޕެނަންކާ ބުންޏެވެ. 
އޭނާ ބުުނީ، ފުޓްބޯޅައިގެ ޓްރޭޑްމާކް ކަންކަމަކީ އޭގެއިން މާލީ މަންފާ ހޯދުމުގައި މިހާރު ވިޔަަފާރި ވިސްނުމުގައި ކަންކަން ކުރަމުން އަންނަ އުސޫލު ކަމަށެވެ. 
"އަަހަންނަށް ވަަރަށް ގިނަ ފަހަރު ވިސްނޭ މިކަމާ މެދުގައި. ކޮންމެ ފަހަރަކު މި ޕެނަލްޓީ ޖަހާއިރު އަަހަންނަށް ފައިސާ ދައްކާނަމައޭ. ކުރިން އަހަރެމެންގެ ކޮމިއުނިސްޓު ދުވަސްވަރު، ޗެކޮސްލޮވާކިއާގައި އަހަރެން ބައެއް އޮފީސްތަކުގައި އުޅުނު ރައްޓެހިންނާ ވާހަކަ ވެސް ދެއްކިން. އަދި، މި ޕެނަލްޓީ އެ ގޮތަށް ރަޖިސްޓްރީ ކުރަން ވެސް މަސައްކަތްކުރިން. އެކަމަކު، އެ މީހުން ބުނީ، މިއީ ނުވާނެ ކަމެކޭ. އެއީ ލަދުވެތި ކަމެއް،" އެންޓޮނިން ޕެނަންކާ ބުންޏެވެ.
އޭނާ ބުނީ، ފުޓްބޯޅައިގެ ތާރީހާ ގުޅޭ ކަމެއްގައި އޭނާގެ ނަން ޝާމިލުވެ އޮތުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ