އައްޑޫއިން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަންގެ ކޭބަލަކަށް ގެއްލުންދޭން މީހަކު އުޅުމުގެ ތެރެއިން: ފެނަކަ

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑިފައިވަނީ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރެއިން ޝޯޓެއް ހިނގައިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ މެންދަމު ގާތްގަނޑަކަށް 2:40 ހާއިރު، ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫ ސިޓީގެ ގުޅިފައިބާ ރައްތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުކަނ ސަމާލުކަމަށް އައި ކަމަށެވެ. އެހެންކަމުން ވީ އެންމެއަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކޮށް އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވި ކަމަށެވެ. އަދި މުޅި ސިޓީއަށް އަލުން ކަރަންޓުގެ ހިދުމަތް 5:55ގައި ފޯރުކޮށްދީފައިވާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
މައްސަލަ ދިމާވީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް ގެއްލުންދޭން އުޅުމުގެ ތެރެއިން ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނެފައި ވަނީ މައްސަލަ ބެލުމަށް ކަމާ ބެހޭ މުވައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ފެނަކައިން ބުނެފައިވަނީ އެފަދަ އަމަލުތަކުގެ ސަބަބުން ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާއްމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން އެފަދަ އަމަލެއް ކުރާ ފަރާތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނަޔަށް ނުރައްކާވެދާނެ ކަމަށެވެ. އެހެންކަމުން ކުފުނިންވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާޒް ކުރައްވާފައެވެ.
ފެނަކައިން ވަނީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް އަލިއަޅުވާލައިފައެވެ. އެގޮތުން އެ މައްސަލަ ހައްލު ކުރުމަށްޓަކައިވެސް ކުންފުނިން މަސައްކަތް ކުރަމުންގެންދާ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ