ފީފާ ވޯލްޑްކަޕުގައި މިރޭ ގަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ފަހުވަގުތު ޖެހި ގޯލާއެކު ގަތަރުން ސްވިޒަލޭންޑް ސިއްސުވާލާ ޕޮއިންޓެއް ހޯދައިފި އެވެ.
މިރޭ ގަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގައި 94 ވަނަ މިނެޓުގައި ހޮމާމް އެލް އެމިން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބުއަލޭމް ކޯކީ ގަތަރަށް ނަތީޖާ އެއްވަރުކޮށްދީ ސްވިޒަލޭންޑް ވަނީ ސިއްސުވާލާފަ އެވެ.
ގަތަރުން 1 - 1 ން މެޗު އެއްވަރުކުރުމާއެކު ސްވިސް ޓީމަށް ބޮޑު ސިހުމެއް ލިބިގެންދިޔައިރު މިމެޗުން އެއްވަރުކޮށް ގަތަރުން މިވަނީ ވޯލްޑްކަޕެއްގައި އަލަށް ޕޮއިންޓެއް ހޯދާފަ އެވެ. ކޯކީގެ ލަނޑާއެކު ހުލެން ލޮޕެޓީގުގެ ޓީމުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗު އެއްކޮށްހެން ސްވިޒަލޭންޑުން ލީޑު ކުރިއިރު މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލްކޮށްފައިވަނީ ވެސް ސްވިޒަލޭންޑުންނެވެ.
އެމްބޯލޯ ޕެނަލްޓީ ގޯލަށް ފޮނުވާލަނީ--- ފޮޓޯ: އެމިލީ ޗިން/ގެޓީ އިމޭޖަސް
އެހެންނަމަވެސް ގިނަ ބަޔަކަށް ސިހުން ގެނުވާ ގަތަރުން މިވަނީ ފަހުވަގުތު ޖެހި ލަނޑާއެކު އެގައުމުގެ ވޯލްޑްކަޕް ތާރީހުގައި ބޮޑު މޮޅެއް ހާސިލްކޮށްފަ އެވެ. ސްވިޒަލޭންޑުން މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ގަތަރުގެ ގޯލްކީޕަރު މަހްމޫދް އަބޫނާދާ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ޓީވީ ރިޕްލޭތަކުން ދައްކާ ގޮތުގައި ސްވިސް މިޑްފީލްޑަރު ރެމޯ ފްރުއެލާއަށް ފައުލްކުރި ވަގުތު އޭނާ އޮތީ އޮފްސައިޑްގަ އެވެ. ފައުލާ ހަމައަށް ދިޔަ ކުޅުން އުފެދިގެން އައިއިރު ފްރުއެލާ އޮތީ ބޮޑު ތަނުން އޮފްސައިޑް މަގާމެއްގައި ކަމަށް ޓީވީ ރިޕްލޭތަކުން އަދި ގިނަ ޕަންޑިތުން ވެސް ފާހަގަކުރި އެވެ. އެހެންނަމަވެސް ދިގު ވީއޭއާރު ރިވިއުއަކަށްފަހު ރެފްރީ ނިންމީ ފައުލެއް ކަމަށެވެ. އަދި އެމްބޯލޯ ވަނީ ކާމިޔާބުކަމާއެކި މި ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލާފަ އެވެ.
އެޕެނަލްޓީއާ ހަމައަށް މުރާތު ޔަކިންގެ ސްވިސް އޮތީ ގްރޫޕް ބީގެ އެންމެ ކުރީގަ އެވެ. އެއީ މިގްރޫޕްގެ ފުރަތަމަ މެޗުގައި ކެނެޑާއާއި ބޮސްނިއާ އެންޑް ހެޒެގޮވީނާ އެއްވަރުވެފައި އޮތުމުންނެވެ. އަދި ސްވިސްއަށް ކުރިއަށް އޮތީ ވެސް ވަރުގަދަ ޗެލެންޖުތަކެކެވެ. ދެން އޮތް ދެ މެޗުގައި ނުކުންނާނީ ބޮސްނިއާ އަދި ކެނެޑާއާ ދެކޮޅަށެވެ.
ގަތަރުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ--- ފޮޓޯ: ރޫޓާސް
މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނުކަމުގައިވީ ނަމަވެސް ސްވިޒަލޭންޑަށް ފުރުސަތުތައް ނިންމައެއް ނުލެވުނެވެ. ސްވިސްއަށް ކުޅޭ ނޮޓިންހަމް ފޮރެސްޓްގެ ފޯވާޑް ޑަން އެންޑޯޔޭއަށް ލަނޑު ޖަހަން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބި ގޯލަށް ނިންމާނުލެވިފަ އެވެ. އަދި އެމްބޯލޯއާއި ރޫބެން ވާރގަސްއަށް ލިބި ނާކާމިޔާބުވި ފުރުސަތުތައް ވެސް ފާހަގަކޮށްލެވެ އެވެ.
އަދި މިކަމުގެ ސަބަބުން ގިނަ ވަގުތު ޑޮމިނޭޓްކޮށްގެން ކުޅުނު ސްވިޒަލޭންޑް އަތުން ބޮޑު ބައެއް ދަށް ކުޅުމެއް ދެއްކި ގަތަރު މިވަނީ އެންމެ ހީނުކުރި ހާލަތުގައި ޕޮއިންޓެއް ހޯދާފަ އެވެ. ގަތަރުން މިހޯދި ކާމިޔާބީއަކީ އެމީހުންގެ ފުޓްބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. މީގެ ހަތަރު އަހަރު ކުރިން އެގައުމުން ހޯސްޓްކޮށްގެން 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވިއިރު އެގައުމުން ވަނީ ގިނަ ބޭކާރު ރެކޯޑްތަކެއް ވެސް ހަދާފަ އެވެ.
އެފަހަރުގެ ވޯލްޑްކަޕުގައި ގަތަރު ވެގެންދިޔައީ މުބާރާތް ހުޅުވި މެޗުން ބަލިވި ފުރަތަމަ ގައުމަށެވެ. އަދި ދެ މެޗަށް ފަހު މުބާރާތުން ކެޓި ފުރަތަމަ ޓީމަށްވީއިރު ކުޅުނު 3 މެޗުން ބަލިވި ވެސް ފުރަތަމަ ޓީމެވެ. އެންމެ ގޯލެއް ޖެހުނުއިރު އެޓީމު ކޮޅަށް 7 ލަނޑު ވަނެވެ. އަދި އެޓީމު ވެގެންދިޔައީ ސްޓެޓްސްތަކުން ބަލާއިރު މުބާރާތުގެ އެންމެ ދަށް ޓީމަށެވެ.
އަދި މިރޭގެ މެޗުން ވެސް ގަތަރު ޓީމުން ފެނިގެންދިޔައީ ހަމަ އެކަހަލަ ކުޅުމެކެވެ. ހުރިހާ ސްޓެޓްސްއަކުން މިރޭގެ މެޗު ލީޑު ކޮށް ޑޮމިނޭޓްކުރީ ސްވިޒަލޭންޑުންނެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ހުރިހާ ލޮޖިކެއްގެ ބޭރުން ގަތަރުން ވަނީ މެޗު އެއްވަރުކޮށްލާފަ އެވެ. އަދި ކޯކީގެ ލަނޑަކީ ގިނަ ބަޔަކު ދެކޭގޮތުގައި ގަތަރު ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ވަގުތެވެ. އަދި އެންމެ ބޮޑު ކާމިޔާބީ އެވެ.
"އަހަރެންގެ ޓީމާމެދު ވަރަށް ފަހުރުވެރިވޭ، އަހަރެން ބުނިން އެމީހުން ގާތު މިއަދު ލަނޑު ނުޖެހުނަސް އަދި އެއްވަރު ނުވިއަސް އެމީހުން ދެއްކި މެންޓާލިޓީއާއި އަހުލާގާމެދު އަހަރެން ފަހުރުވެރިވާކަމަށް." މެޗަށްފަހު ގަތަރަށް ކޯޗުކަން ކޮށްދެމުން އަންނަ ސްޕެނިޝް ކޯޗު ލޮޕެޓީގް ބުނެފައިވެ އެވެ.
އަދި ނަސީބު ދިމާކުރިގޮތުން ލަނޑުޖަހާ އެއްވަރުކުރެވިއްޖެކަމަށާއި އެއީ ތާރީހީ ވަގުތެއް ކަން އޭނާ ފާހަގަކުރި އެވެ. އަދި މިރޭގެ މެޗުން ކުޑަކޮށް ނަމަވެސް ނަސީބު ރަނގަޅުވީ ކަމަށާއި އެހެންނަމަވެސް ވާނެކަން ކުޅިވަރުގައި ނަސީބަކީ ވެސް ވާނެކަން ގަބޫލުކޮށް އިތުބާރުކޮށްގެން މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އަދި ކުޅުންތެރިނަށްޓަކާ ވަރަށް އުފާވާކަން އޭނާ ފާހަގަކުރި އެވެ.
މިއަދު ކުޅެވޭ އެހެން މެޗުތަކަށް ބަލާއިރު މިވަގުތު ކުޅެވެމުން ދަނީ ބްރެޒިލާ މޮރޮކޯ ބައްދަލުކުރާ މެޗެވެ. މިއަދު ހެނދުނު 6 ޖަހާއިރު ހައިޓީއާއި ސްކޮޓްލޭންޑް ބައްދަލުކުރާއިރު މިއަދު 9 ޖަހާއިރު އޮސްޓްރޭލިއާއިން ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އަދި މިރޭ 10 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ކުރަކާއޯ އެވެ.
ފަހުވަގުތު ޖެހި ލަނޑާއެކު ގަތަރުން ސްވިޒަލޭންޑް ސިއްސުވާލާ ޕޮއިންޓެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ