އީދު ދުވަހު ހަވީރު މަނާކޮށްފައިވާ ވަގުތު ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާ ކޮށްފި

ބޮޑު އީދާ ގުޅިގެން ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މާލެއާއި ވިލިމާލޭގައި މަނާކޮށްފައި އޮތް ވަގުތު، ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ހަވީރުގެ އެ ވަގުތުގައި އުޅަނދު ދުއްވަން ހުއްދަ އޮންނަނީ އާންމުދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި، އެމަޖެންސީ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލްތަކަށެވެ. މިއާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ދީފައިވެއެވެ.
އެއާއެކު ފުލުހުން ބުނީ އެ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދިން ކަމަށެވެ. ޖޫރިމަނާކޮށްފައިވަނީ 11 މީހެކެވެ.
މީގެ އިތުރުން، ނުރައްކާތެރިކޮށް ދުއްވައިގެން އެއް ވެހިކަލާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެން ވެހިކަލަކާއި، އެއްވެސް ލައިސެންސެއް ނެތި ދުއްވައިގެން ވެހިކަލެއް ހިމެނޭހެން ޖުމްލަ ތިން ވެހިކަލް ޓޯކުރިކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރީގައިވެސް އީދު ދުވަސްފަދަ ހާއްސަ މުނާސަބާތަކާ ގުޅިގެން މާލޭ، ވިލާމާލޭގައި އެއްގަމު އުޅަނދު ދުއްވުން ވަކި ގަނޑިއަކަށް މަނާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ