މަޖީދީމަގު ހީނާމާގެ ޕާކިންޒޯނާ ޖެހިގެން ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް)ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ވަގަށް ނަގާފައިވަނީ އެ މިސްކިތުގެ ސައުންޑް ސިސްޓަމަށް ބޭނުން ކުރާ 50 ފޫޓުގެ ކަރަންޓް ކޭބަލެކެވެ.
މި ވައްކަމާ ގުޅިގެން މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ރޭގެ ފަތިސް ނަމާދު އެ މިސްކިތުގައި ކޮށްފައިވަނީ ސައުންޑް ސިސްޓަމާ ނުލައި ކަމަށެވެ. ނަމަވެސް މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކޭބަލް އަލުން އެޅުމުގެ މަސައްކަތް ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކޮށްފައެވެ. މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ އަމަލުތަކުގެ ސަބަބުން މިސްކިތްތަކުން ދޭ ހިދުމަތްތަކަށް ބުރޫއަރައި، ކައުންސިލަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
"ދެބުރި" މިސްކިތުގެ ސައުންޑް ސިސްޓަމްގެ ކޭބަލް ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ