މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 345 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިއްކާފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ފަސް މަސް ދުވަހު ވިއްކި ޑޮލަރުގެ ތެރެއިން 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފައި ވާއިރު، ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.
އެ މުއްދަތުގައި ވިޔަފާރިތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު މަހަކު 47 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ފަސް މަސް ދުވަހު ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 15 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެ އަދަދު ވަނީ 29 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކަށް ވިއްކި އަދަދު ވެސް ވަނީ 33 މިލިއަން ޑޮލަރުން މިއަހަރު 40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ 21 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައިވާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން 3.1 މިލިއަން ޓްރާންސްކްޝަން ޑޮލަރުން ވަނީ ހަދައިފަ އެވެ.
ބީއެމްއެލްއިން ބުނިގޮތުގައި އެ ބޭންކުން އަބަދުވެސް އިސްކަންދެނީ ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ 6.6 ޕަސެންޓްގެ ޝޯޓް ޕޮޒިޝަނެއްގައި ކަމަށް އެ ބޭންކުން ބުންޏެވެ.
އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުން ލާޒިމްކުރާ މިންގަނޑުގައި ހިފެހެއްޓިފައިވާ މިންވަރެއް ކަމުގައި ވީނަމަވެސް، ބޭންކަށް ގަންނަން ލިބުނު ޑޮލަރަށް ވުރެ 69 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައިވާކަން ފާހަގަކޮށްދޭ ޕޮޒިޝަނެކެވެ.
ބީއެމްއެލްއިން ފަސް މަސް ދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ