ސަން ސިޔާމް އިރުފުށީގައި ވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ބާއްވައިފި

ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ގްރޫޕުން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޚާއްސަ ހަރަކާތް، ސަން ސިޔާމް އިރުފުށީގައި މިއަދު ބާއްވައިފިއެވެ. މެއި މަހުގެ އަށް ވަނަ ދުވަހަކީ ސަން ސިޔާމް ރިސޯޓްގެ އަހަރީ ދުވަހާއި ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. އެހެންވެ، އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. މި އަހަރު ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށީ އޮޅުވެލިންނެވެ. އެ ރިސޯޓުގެ އިތުރުން އިރުވެއްޔާއި ސިޔާމް ވޯލްޑްގައި މިހާތަނަށް ވަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވައިފައެވެ. މިއަދު އިރުފުށީގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފައްޓަވައިދެއްވީ ރިސޯޓުގެ އިސްވެރިންނެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަަދައްކަވަމުން ސަން ސިޔާމް އިރުފުށީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް، ޑޮރޮތީ ބަހާތީ ވިދާޅުވީ، ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މި އަހަރު ވެސް ބާއްވަނީ އެ ރިސޯޓުގެ މުވައްޒަފުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮވެގެން ކަމަށެވެ. ސަން ސިޔާމް އިރުފުށީގައި ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ސަން ސިޔާމް އިރުފުށި އޭނާ ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފުންގެ ޓީމަކީ މެހުމާނުންނަށް އުފާވެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އިތުރަށް، މުޖުތަމައަށް ވެސް އެހީތެރިވެ ދިނުމުގެ ރޫހެއް އަށަގެންފައިވާ ބަދަހި ޓީމެއް ކަމަށެވެ. ލޭ ހަދިޔާކުރުމުގެ މި ޚާއްސަ ހަރަކާތަކީ އެގޮތުގެ މަތިން ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ނުހަނު ބޮޑު ޝައުގުވެރިކަމަކާ އެކުގައި ސަން ސިޔާމް އިރުފުށިން ބާއްވާ ހަރަކާތެއް ކަމަށް ބަހާތީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަހަރު އެ ހަރަކާތުގައި ވަރަށް ގިނަ އަންހެން މުވައްޒަފުންނާއި އަލަށް ލޭ ހަދިޔާ ކުރާ މުވައްޒަފުން ވެސް ބައިވެރިވި ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވި އެންމެންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ. ސަން ސިޔާމް އިރުފުށީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް، ޑޮރޮތީ ބަހާތީ -- ފޮޓޯ/ ސަން ސިޔާމް އިރުފުށި "އުންމީދުކުރަނީ އަޅުގަނޑުމެންގެ ޓީމު މެންބަރުންގެ މި އިންސާނީ އެހީގެ ސަބަބުން ތެލެސީމިއާ ބަލި ތަހަންމަލު ކުރަމުންދާ ގިނަ ކުދިންތަކެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދެވޭނެ ކަމަށް،" ބަހާތީ ވިދާޅުވިއެވެ. ސަން ސިޔާމް އިރުފުށީގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ހިއުމަން ރިސޯސަސް މެނޭޖަރު އަހުމަދު ވަހީދު ވިދާޅުވީ، ލޭ ހަދިޔާކުރުން ފަދަ ހަރަކާތްތަކަކީ ރިސޯޓުތަކުން މުޖުތަމައަށް ކޮށްދެވޭނެ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށެވެ. އެފަދަ ހަރަކާތަކުން، ޓީމް މެންބަރުންގެ މެދުގައި އެކުވެރިކަމާއި އިހުސާންތެރިކަމާއި އިންސާނިއްޔަތަށް ޚިދުމަތް ކުުރުމުގެ ރޫހު އާލާވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ސަން ސިޔާމް އިރުފުށީގެ ހިއުމަން ރިސޯސަސް މެނޭޖަރު އަހުމަދު ވަހީދު -- ފޮޓޯ/ ސަން ސިޔާމް އިރުފުށި "މި އަހަރުގެ ލޭ ހަދިޔާކުރުމުގެ ކޭމްޕްގައި 120 ޓީމް މެންބަރުން އިރުފުށިން ބައިވެރިވާކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. މިފަދަ ހަރަކާތްތަކަކީ ހޮސްޕިޓާލިޓީ އިންޑަސްޓްރީން ގައުމީ ތަރައްގީގައި ބައިވެރިވުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެން،" ވަހީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ މިފަދަ ހަރަކާތްތައް އެހެން ރިސޯޓުތަކަށް ވެސް ބޭއްވޭނެ ކަމަށާއި އެއީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދުމަތެއް ކަމަށެވެ. އަދި މި ހަރަކާތް ސަން ސިޔާމް ރިސޯޓުތަކުގައި އިންތިޒާމުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ބްލަޑް ސާވިސަސްއާއި ސަން ސިޔާމް އިރުފުށީގެ އިސް މެނޭޖްމެންޓުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ވަހީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އެ ހަރަކާތް ފެއްޓުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ މެޑިކަލް އޮފިސަރު ޑރ. ސާތިއާ މޫސާ ރަޝީދު ވިދާޅުވީ، ރާއްޖެއަކީ ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމުކަމަށާއި، އޭގެ ސަބަބުން އާބާދީއާ ބަލާއިރު ތެލެސީމިއާ ހުންނަ މީހުންގެ އަދަދު ގިނަ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ތެލެސީމިއާ ބަލި ހުންނަ ކުދިންނާއި މީހުންގެ އަދަދު 665އަށް އަރާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ފަރުވާ ހޯދަމުން އަންނަނީ މޯލްޑިވްސް ބްލަޑް ސާވިސަސްގައި ކަމަށް ޑރ. ސާތިއާ ވިދާޅުވިއެވެ. މޯލްޑިވްސް ބްލަޑް ސާވިސަސްގެ މެޑިކަލް އޮފިސަރު ޑރ. ސާތިއާ މޫސާ ރަޝީދު -- ފޮޓޯ/ ސަން ސިޔާމް އިރުފުށި އޭނާ ވިދާޅުވި ގޮތުގައި، ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ގިނަ ކުދިންނަށް ކޮންމެ 10-14 ދުވަހުން ލޭ އަޅަންޖެހެއެވެ. އެއާ އަޅައިބަލާއިރު، ދުޅަހެޔޮކޮށް ހުންނަ މީހަކަށް ލޭ ހަދިޔާ ކުރެވެނީ ކޮންމެ 90 ދުވަހުން އެއް ދުވަހެވެ. އެހެންކަމުން ލޭ ހަދިޔާކުރާ މީހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑރ. ސާތިއާ ވިދާޅުވިއެވެ. ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައި، ޑރ. ސާތިއާ ވަނީ، ސަން ސިޔާމް ގުރޫޕުން 2015 ވަނަ އަހަރުން ފެށިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕްތަކަށް ބާއްވަމުން އަންނާތީ ޝުކުރު އަދާކުރައްވައިފައެވެ. "ވަކިން ޚާއްސަކޮށް، އަބަދުވެސް އެއަށް ބަރޯސާވާން ޖެހޭ ބްލަޑް ޑޯނާ ރަޖިސްޓްރީން އެހީއަށް އެދި އާދޭސް ކުރުން ނޫން އެހެން ގޮތަކުން ލޭ ހޯދޭނެ ގޮތެއް ތެލެސީމިއާ ހުންނަ ކުދިންނަށް ފަހިކޮށްދީފައިވާތީ ހުރިހާ ޑޯނަރުންނަށް ޝުކުރު ދަންނަވަން،" ޑރ. ސާތިއާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ، ލޭ މައްޗަށް ދިޔުމާއި ހަކުރު ބަލި ފަދަ މައްސަލަތައް ހުންނަ މީހުންނަށް ވެސް، ބަލި ކޮންޓްރޯލް ކުރުމަށް ފަހު ލޭ ހަދިޔާކުރެވޭނެކަން ފާހަގަކުރައްވައިފައެވެ. ސަން ސިޔާމް ގުރޫޕްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް އިންތިޒާމްކުރެއްވުމުގައި އިސް ދަައުރެއް އަދާކުރައްވާ އައްޒަ ހަމީދު -- ފޮޓޯ/ ސަން ސިޔާމް އިރުފުށި މި ހަރަކާތް އިންތިޒާމްކުރެއްވުމުގައި ސަން ސިޔާމް ކުންފުނީގެ ފަރާތުން އިސްކޮށް އުޅުއްވާ އައްޒަ ހަމީދު މިއަދު ވިދާޅުވީ، އެއީ ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު ޚާއްސަ އިސްކަމެއް ދެއްވާ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންނާއި މީހުންނަށް ލޭ ފޯރުކޮށްދިނުން ކަމަށެވެ. ލޭ ހަދިޔާކުރުމަކީ ވަރަށް މާތް ކަމެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، ނުވެސް ދަންނަ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިދިޔަ އަހަރު ލޭ ހަދިޔާކުރި ބައެއް މުވައްޒަފުން، މި އަހަރު ވެސް މި ހަރަކާތުގައި ބައިވެރިވެފައިވާކަން އައްޒަ އުފަލާއެކު ފާހަގަކުރެއްވިއެވެ. "މިދިޔަ އަހަރު 465 މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާއިރު، މި އަހަރު ލޭ ހަދިޔާކުރާ މުވައްޒަފުންގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ،" އައްޒަ ވިދާޅުވިއެވެ. ސަން ސިޔާމް ރިސޯޓްސްގެ ބާނީ ސިޔާމްއަކީ ވިޔަފާރީގެ ކާމިޔާބީއާ އެކު މުޖުތަމައަށް ފައިދާހުރި، އިންސާނީ އެހީތެރިކަމުގެ މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް އަބަދުވެސް ބާރުއަޅުއްވާ ބޭފުޅެކެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހީތެރިކަން ބޭނުންވާ މީހުންގެ ދުޅަހެޔޮކަމަށް އެހީވުމުގައާއި، ކުޑަކުދިންނަށް އެކި ދާއިރާތަކުން މަންފާ ކުރަނިވި ކަންކަން ކޮށްދެއްވުމުގައި ސިޔާމްއަކީ ނަމޫނާ ބޭފުޅެކެވެ. ސަން ސިޔާމް ގުރޫޕުގެ ލޭ ހަދިޔާކުރުމުގެ ކޭމްޕްގެ އެންމެ ފަހު ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މޯލްޑިވްސް ބްލަޑް ސާވިސަސްގައި، ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރައްވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ