ހިސާބު އިލްމުގެ ބައިނަލްއަގްވާމީ މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް އެއްވަނަ ހޯދައިފި

ހިސާބު އިލްމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް ރަން ވަނަތަކެއް ހޯދައިފި އެވެ. 
އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" މުބާރާތުގެ ތިން އުމުރުފުރައިން ވެސް ދިވެހި ދަރިވަރުންތަކެއް އެއް ވަނަ ހޯދާފައިވާ ކަމަށެވެ. އެއީ، މުބާރާތުގެ ތާރީހުގައި ވެސް އެއް ގައުމަކުން އެންމެ ފަހުރުވެރި ވަނަތައް ހޯދި ފުރަތަމަ ފަހަރު ކަމަށް މިނިސްޓްރީން ބުންޏެވެ.
އިނގިރޭސިވިލާތުގެ އަމިއްލަ ރިސާޗު އިންސްޓިޓިއުޓެއް ކަމަށްވާ "މެތްސްތްރޫސްޓޯރީސް.އޯގް"ގެ އެ މުބާރާތް ބަހާލާފައިވަނީ 4 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރު ފުރަ އާއި 8 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރު ފުރާ އަދި 12 އަހަރާއި 16 އަަހަރާ ދެމެދުގެ އުމުރުގެ ކުދިންގެ އުމުރު ފުރާއަށެވެ.
އެ މުބާރާތުގައި 34 ގައުމަކުން ދަރިވަރުން ބައިވެރިވި އެވެ. އަދި ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއަށް އަހުލުވެރިކުރުވާ އެ މުބާރާތުގައި ބައިވެރިވެވޭނީ އެ ދަރިވަރެއްގެ މަސައްކަތް އޮންލައިންކޮށް ހުށަހަޅައިގެންނެވެ. މި އަހަރުގެ މުބާރާތަށް މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ދަރިވަރެއްގެ އުފެއްދުން ހުށަހަޅަންޖެހެ އެވެ.
މިނިސްޓްރީން ބުނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ދަރިވަރުންނަށް ފައިތިލަ ސާބިތު ކުރެވޭނެ ފަދަ ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޔޫ އަދި އެންއައިއީ ގުޅިގެން ހިންގި ޕްރޮގްރާމްތަކުގައި ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު އިލްމު ކިޔަވައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް ޓީޗަރުން ވަނީ ތަމްރީނުކޮށްފަ އެވެ.
ވާހަކައިން ހިސާބު ދަސްކުރުމުގެ އެ މުބާރާތް ބާއްވަން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި އޭގެފަހުން މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން އެ މުބާރާތުގައި ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ