މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު އާޢްމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ޖުމްލަ 345 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ. މިއީ، ދިވެހި ރުފިޔާއިން ބަލާނަމަ 5 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މިއީ 2025ގައި މުޅި އަހަރު އެއްކޮށް ވިއްކި އަދަދަށްވުރެ މަހަކަށް ބަލާއިރު 69 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ބޭރު ފައިސާ ދޫކުރި މިންވަރުވަނީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެެވެ. ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރުން ކުރާ ކާޑުގެ މުޢާމަލާތްތަކަށް 2025 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 566 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެއީ، އެވްރެޖްކޮށް މަހަކަށް ބަލާނަމަ 47 މިލިއަން ޑޮލަރެވެ.
ބީއެމްއެލްއިން ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި އެބޭންކުން ދޫކުރި ޑޮލަރުގެ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެބޭންކުން ވަނީ، 345 މިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ، އެވްރެޖްކޮށް މަހަކަށް 69 މިލިއަން ޑޮލަރެވެ.
ވަކިވަކި ބޭނުންތަކަށް ޑޮލަރު ވިއްކި ގޮތަށް ބަލާލާއިރު، ރާއްޖެއިން ބޭރުން މުދާ ގެނައުމަށް މިދިޔަ އަހަރު ވިޔަފާރިތަކަށް ދޫކޮށްފައިވަނީ، 175 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް 147 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ، އެވްރެޖްކޮށް މަހަކަށް ބަލާނަމަ 29 މިލިއަން ޑޮލަރެވެ.
ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުގެ މުއާމަލާތްތަކަށް ވިއްކި ޑޮލަރުގެ އަދަދަށް ބަލާލާއިރު މިދިޔަ އަހަރު އެއްކޮށް ޖުމްލަ 390 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ މެއި މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ، މަހަކަށް ބަލާނަމަ އެވްރެޖްކޮށް 40 މިލިއަން ޑޮލަރެވެ.
މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ކާޑުން 3.1 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހަދާފައިވާއިރު، 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައެވެ.
މިދިޔަ މަހުގެ ނިޔަލަށް އެބޭންކުގެ އެމެރިކާ ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ، 6.61- އިންސައްތައިގައެވެ. މިއީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޤަވާއިދުން ލާޒިމްކުރާ މިންގަނޑުގައި ހިފެހެއްޓިފައިވާ މިންވަރެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެ ބޭންކަށް ގަނެފައިވާ ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
ފުރަތަމަ 5 މަހު ބީއެމްއެލްއިން 345 މިލިޔަން ޑޮލަރު ވިއްކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ