އައްޑޫގައި ވިޔަފާރިތަކަށް ދޫކޮށްފަ ހުރި ބައެއް ބިންތަކުން ކުލި ނުލިބޭތާ ދިހަ އަހަރު ވެއްޖެ

އައްޑޫ ސިޓީ ކައުންސިލުން ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފަ ހުރި ބައެއް ބިންތަކަށް ކުލި ނުދައްކާ ތަންތަނުގެ ލިސްޓު ހާމަކުރިއިރު، ކުލި ނުލިބޭތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަން ވެސް ހިމެނޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ. 
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައްޑޫ ކައުންސިލުގެ ތިން އަހަރެއްގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކައުންސިލުން ކުއްޔަށް ދޫކޮށްފަ ހުރި ބައެއް ބިންތަކަށް އެއްވެސް ކުއްޔެއް ނުލިބެ އެވެ. އަދި، ބައެއް ތަންތަނުގެ ރެކޯޑުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން ލިބެން ޖެހޭ ކުލީގެ އަދަދު ކަށަވަރު ވެސް ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 
އައްޑޫ ކައުންސިލުން ތައްޔާރުކޮށްފައިވާ ލިބެން ޖެހޭ ފައިސާގެ ރެކޯޑުގައިވާ ގޮތުގައި ޑިސެމްބަރު 31، 2024 ގެ ނިޔަލަށް ކުލީ ބިންތަކުން ލިބެން ޖެހޭ ފައިސާގެ އަދަދަކީ 13.9 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއީ ސައްހަ އަދަދެއް ނޫން ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
ކައުންސިލުގެ ރެކޯޑުތައް ސައްހަ ނޫން ކަމަށް އޮޑިޓުގައި ކަނޑައެޅީ، ކުއްޔަށް ދޫކޮށްފައިވާ 14 ބިމަކަށް ފައިސާ ދައްކަމުން އަންނަ ގޮތުގެ ރެކޯޑުތައް ނުބަލަހައްޓާތީ އެ ތަންތަނުން ލިބެން ޖެހޭ އަދަދެއް ކަށަވަރު ނުކުރެވޭތީ އާއި ލިބެން ޖެހޭ ބައެއް ފައިސާ ކައުންސިލުގެ ރެކޯޑުތަކުގެ ހިމަނާފަ ނެތުމުންނެވެ. 
ލިބެން ޖެހޭ ނަމަވެސް ކައުންސިލުގެ ރެކޯޑުތަކުގައި ހިމަނާފައި ނުވާ ފައިސާތަކަކީ:
އޮޑިޓުގައި ހުރި އަދަދުތައް އެއްކޮށްލުމުން، އައްޑޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ރެކޯޑު ނުކުރާ އަދަދުގެ ޖުމްލަ 6.4 މިލިއަން ރުފިޔާއަށް އަރަ އެވެ. 
ރެކޯޑުގައި ހިމަނާފައި ހުރި ތަންތަނުގެ ތެރެއިން ކުލި ނުލިބޭތީ ގިނަ ދުވަސްތަކެއް ވެފައިވާ ބިންތަކުގެ އަދަދު 54 އަށް އަރަ އެވެ. ކުލި ނުލިބޭތާ ދުވަސްވެފައިވާ ބިންތަކުގެ ތެރޭގައި ކުލި ނުދައްކާތާ ތިން މަސްވެފައިވާ ބިންތަކުން ފެށިގެން ގޮސް ކުލި ނުލިބޭތާ 11 އަހަރާއި 10 މަސް ވެފައިވާ ބިމެއް ވެސް ހިމެނެ އެވެ. މި ބިންތަކުން ލިބެން ޖެހޭ ފައިސާގެ އަދަދު 7.6 މިލިއަން ރުފިޔާއަށް އަރަ އެވެ. 
ނަމަވެސް، މީގެ 13 ބިމަކަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 986،365ރ. މިދިޔަ އަހަރުގެ ތެރޭގައި ދައްކާފައިވާތީ، އޮޑިޓު ކުރި ތާރީހާ ހަމައަށް (މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް) މިހެން ހުރި ތަންތަނުން ލިބެން ޖެހޭ ޖުމްލަ އަދަދު ވަނީ 6.6 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.
ކުލި ނުލިބޭ ދުވަސްވެފައިވާ ތަންތަނުން ލިބެން ޖެހޭ ފައިސާ ހޯދަން ކައުންސިލުން ކުރި ކަންތައްތަކުގެ ތެރޭގައި ޖޫރިމަނާ މާފުކޮށްދީގެން ކުލި ހޯދަން މަސައްކަތް ކުރުމާއި ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުން ހިމެނެ އެވެ. މިހެން ނަމަވެސް، ދައުލަތުގެ މާލިއްޔަތު ބަޔާންކޮށްފައިވާ އިތުރު ފިޔަވަޅުތައް އެ ފިޔަވަޅުތައް އަޅަން ޖެހޭ މަރުހަލާތަކުގައި އަޅާފައި ނުވާ ކަމަށް އޮޑިޓުން ދައްކަ އެވެ.
ކައުންސިލުގެ ރެކޯޑުތަކާއި އޮޑިިޓަށް ފާހަގަކުރެވުނު އެހެން ފައިސާތައް ހިމަނައިގެން، އައްޑޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއާ ގާތްކުރެ އެވެ. 
މި ފައިސާތަކުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ވަނީ، މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތަށް އެ މުއްދަތަކުގެ ތެރޭގައި ފިޔަވަޅުތައް އެޅުމަށް ލަފާ ދީފަ އެވެ.
އޭގެ އިތުރުން، މި ފައިސާތައް ގަވާއިދުން ހޯދަން ގަވާއިދާ އެއް ގޮތަށް މަސައްކަތް ނުކުރުމަކީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ، އެ ކަމުގައި ޝާމިލުވާ މީހުންގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ބަޔަކު ކަނޑައެޅިއްޖެ ނަމަ، އެ މީހުންނަށް ފިޔަވަޅު އަޅަން ވެސް އޮޑިޓުގައި ލަފާ ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ