ދަތުރުތަކުން ސާފުވަނީ، ޕާޓީގެ މަތިފަނޑިއަށް ބޭނުންވަނީ ޒުވާން ޖީލެއްކަން: މީކާއިލް

އެމްޑީޕީގެ ޗެއާޕާސަން ކެމްޕެއިންގައި ރަށްތަކަށް ވަޑައިގަތުމުން ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ލިބޭ މެސެޖަކީ، އެ މެންބަރުން ބޭނުންވަނީ ޕާޓީގެ ލީޑާޝިޕަށް އާ ޖިލެއް ގެނައުން ކަމަށް އެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - މީކާއިލް 32، މިގޮތަށް ވިދާޅުވީ، ޗެއާޕާސަން ކެމްޕެއިންނަށް ހުވަދު އަތޮޅަށް ކުރެއްވި ދަތުރަށް ފަހު، މިއަދު ލ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ހުންނަވައި، ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ކުޑަ ވިޑިއޯ މެސެޖްގަ އެވެ.
ތަފްސީލު - އެ ވީޑިއޯގައި މީކާއިލް ވިދާޅުވީ، މި މި ކެމްޕެއިންގައި ރަށްރަށުން އޭނާއާ ބައްދަލުވާ ކޮންމެ މެންބަރެއްގެ ފަރާތުން ވެސް ލިބޭ ޔަގީންކަމަކީ، އެމީހުން ތިބީ އޭނާ ނިސްބަތްވާ 'އިތުބާރު' ޓީމާ އެކު ކަމަށެވެ. އަދި އެއީ މިވީ ދުވަހު ޕާޓީއާ އެކު ދެ ގޮތެއް ނުވެ ތިބި ޓީމުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
"މި އަރާ ކޮންމެ ރަށަކުން އަދި ޒިޔާރާތްކުރާ އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އިތުބާރަކީ، އަޅުގަނޑުމެންނަށް ލިބޭ ޔަގީންކަމަކީ، އެމްޑީޕީގެ އާންމު މެންބަރުން ކުރިއަށްދާން ބޭނުންވަނީ މި ޕާޓީއާ އެކު ދެގޮތެއް ނުވެ ދެމިތިބި ފަރާތްތަކާ އެކުއޭ،" ޗެއާޕާސަން ރޭހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 59،އާ ވާދަކުރައްވާ މީކާއިލް ވިދާޅުވި އެވެ.
"މި ޕާޓީގެ މެންބަރުން ކުރިމަގު ބައްޓަން ކުރަން ބޭނުންވަނީ، އާ ޒުވާން ޖީލަކާ އެކުއޭ. މި ޕާޓީގެ މަތިފަނޑިއަށް އާ ޒުވާން މޫނުތައް ޖީލެއް ގެންނަން ބޭނުންވެއޭ."
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު އޮތީ މި މަހު 12 ވަނަ ދުވަހު އެވެ. މީކާއިލް ވިދާޅުވި ގޮތުގައި އާންމު މެންބަރުން އެ ދުވަހު ލާނެ ވޯޓަކީ، ޕާޓީގެ މުސްތަގުލަށް، އިތުބާރަށް ލާނެ ވޯޓެކެވެ.
"އަޅުގަނޑުމެންނަށް ލިބޭ ޔަގީންކަމަކީ، މި ޕާޓީގެ މުސްތަގުބަލަށްޓަކައި 12 ޖޫންގައި މި ޕާޓީގެ އާންމު މެންބަރުން ވޯޓު އަޅަން ތިބީ އިތުބާރަށޭ،" މީކާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ