ހިސާބު އިލްމުގެ ބައިނަލްއަގުވާމީ މުބާރާތެއްގައި، ތިން އުމުރުފުރާއެއްގެ އެއްވަނަ ދިވެހި ދަރިވަރުންނަށް
ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" މުބާރާތުން ދިވެހި ދަރިވަރުން ރަން ވަނަތަކެއް ހާސިލްކޮށްފިއެވެ. ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް (ވައިއެމްއެސްއޭ) މުބާރާތަކީ، ހިސާބު އިލްމު އުނގެނޭ, އުމުރުން ހަތަރު އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީއާއިން، މާނަފުން އަދި ޝައުގުވެރި މާހައުލެއްގައި ހިސާބުގެ ތަސައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގްވާމީ މުބާރާތެވެ. އިނގިރޭސިވިލާތުގައި ހިންގާ މެތުސް ތުރޫ ސްޓޯރީޒް އޯގަނައިޒޭޝަނުން އިންތިޒާމުކުރާ އެ މުބާރާތް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރަކީ އެ މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ގައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެ މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ އުމުރުފުރާއިންވެސް އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ ކުދިންގެ މައުލޫމާތު އެ މިނިސްޓްރީން ހިއްސާނުކުރެއެވެ. އެ މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، އެއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެއްކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވެސް ވަނީ ރާއްޖޭގެ ދަރިވަރުން އެ މުބާރާތުގައި ދެއްކި އާދަޔާޚިލާފު އުފެއްދުންތެރިކަމާއި ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ މިއީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ބައިވެރިވި އެ މުބާރާތުގައި ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެރިވެފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ދަރިވަރުންނަށް ފައިތިލަސާބިތު ކުރެވޭނެ ފަދަ ފަހި މާހައުލެއް ގާއިމުކޮށްދީފައި ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، އެމްއެންޔޫ އާއި އެންއައިއީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެއްކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީން ވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު އިލްމު އުނގަންނައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުވާފައިވާކަން ފާހަގަކޮށްފައެވެ. މެތްސް ތުރޫ ސްޓޯރީޒް އޯގަނައިޒޭޝަންގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ދިވެހިރާއްޖޭގެ މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ވެސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ