ލަންކާގައި މެނިންޖައިޓިސްގެ ކޭސްތައް އިތުރުވެ 243އަށް، ގިނައީ ސްކޫލް ކުދިން
ސްރީލަންކާގައި މެނިންޖައިޓިސްގެ ކޭސްތައް އިތުރުވެ 243އަށް އަރައިފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ސްކޫލް ކުދިން ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. ލަންކާގެ ޑެއިލީ މިރާގައިވާ ގޮތުން، މެނިންޖައިޓިސްގެ ކޭސްތައް ފެނިފައިވަނީ މަތަރަ، ކެންޑީ، ނޫރަލިޔާ އަދި ބަދުއްލާ ޑިސްޓްރިކްޓުންނެވެ. އެ ބަލީގެ ކްލަސްޓާ އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މަތަރަގެ ސްކޫލަކުން ކަމަށް އެ ނޫހުގައިވެއެވެ. އެ ކްލަސްޓާ ފެނުމާއެކު، ބަލި ފެތުރޭ މިންވަރު ބެލުމަށް ގައުމީ ފެންވަރުގައި ސަވެއިލެންސް މަސައްކަތް ފެށި ކަމަށް ޑެއިލީ މިރާގައިވެއެވެ. އެ ބައްޔާ ގުޅޭ ގޮތުން، ލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓްގެ ކޮންސަލްޓެންޓް ކޮމިއުނިޓީ ފިޒީޝަން، ޑރ. ތުޝާނީ ޑަބަރެރާ ވިދާޅުވީ، މެނިންޖައިޓިސްގެ ކޭސްތައް ކޮންމެ އަހަރަކު ވެސް އެ ގައުމުގައި ރިޕޯޓުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރު އެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށާއި، ބަލި ޖެހުނު ކަމަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލް ކުދިންނަށް ކަމަށެވެ. ޑރ. ތުޝާނީ ވިދާޅުވީ ބަލި އާންމުކޮށް ފެތުރެނީ އެ ބަލީގެ އަސަރު ހުންނަ ކާބޯތަކެއްޗާއި އެހެނިހެން ތަކެތިން ކަމަށެވެ. ޑެއިލީ މިރާގައި ވަނީ މިދިޔަ މަހުގެ ނިޔަލަށް، މެނިންޖައިޓިސް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔައީ 59 މީހުން ކަމަށާއި އެހެން މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އެ ނޫހުގައިވާ ގޮތުން މިދިޔަ އޭޕްރިލް މަހު އެންމެ ފުރަތަމަ ބަލި ފެތުރުނީ ބަލީގެ އަސަރު ހުރި ފެނުންނެވެ. އެހެންވެ، ހެލްތު މިނިސްޓްރީއާއި ނެޝަނަލް ވޯޓާ ސަޕްލައި އާއި އެހެނިހެން ފަރާތްތައް ގުޅިގެން، ފެނަށް ކްލޮރިން އެޅުމުގެ މަސައްކަތް އަވަސް ކުރަމުން އަންނަ ކަމަށް ޑެއިލީ މިރާގައިވެއެވެ. މެނިންޖައިޓިސް ފެތުރުން މަދުކުރުމަށް، ލަންކާގެ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ވަނީ ޚާއްސަ ގައިޑްލައިންތަކެއް ފޮނުވައިފައެވެ. އެގޮތުން ފެނާއި ސައިބޯނިން ރަނގަޅަށް އަތް ދޮވުމަށާއި، ބޯފެނުގެ ސާފުތާރިހުކަން ކަށަަވަރު ކުރުމާއި، ފާޚާނާ ކޮންމެ ދުވަހަކު ވެސް ސާފު ކުރުމަށް ގައިޑްލައިންގައިވެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުންނަ ކުދިންނާ ގާތް ނުވުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އެޅުމަށް ގައިޑްލައިންގައިވެއެވެ. އެ ބައްޔާ ގުޅޭ ގޮތުން ޑރ. ތުޝާނީ ވަނީ، އާންމު ރައްޔިތުން މާސްކް އަޅައިގެން އުޅޭ ހިސާބަށް އަދި ނުދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބަލި އިތުރަށް ފެތުރެމުންދާނަމަ، އާންމު ރައްޔިތުން ވެސް މާސްކް އަޅައިގެން އުޅެން ޖެހޭ ހިސާބަށް ގޮސްދާނެ ކަމަށް، އެހެން ޑޮކްޓަރަކާ ހަވާލާދީ ޑެއިލީ މިރާގައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ