ކައިވެންޏާ ދެކޮޅުހެދުމަށްވުރެ މަރާލުން މާ ފަސޭހަ: ސިޔާ

މަހާރާޝްތުރާގެ ލޯގަޅުފޯޓުގައި ކެތަން އަގަރްވާލް މަރާލި މައްސަލައިގައި އިސްކޮށް ތުހުމަތުކުރެވޭ ސިއާ ގޯޔަލް، ފުލުހުންގެ ބަންދުގައި ހުރެ ދީފައިވާ ބަޔާނުން ބިރުވެރި ހަގީގަތްތަކެއް ހާމަވެއްޖެއެވެ.
"މަރާލުން މާ ފަސޭހަވި"
ޕޫނޭ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކެތަން އަގަރްވާލް މަރާލި މައްސަލައިގެ ތަހުގީގަށް ސިއާ ގޯޔަލް ދިން ބަޔާނުގައި ބުނެފައިވަނީ އޭނާ ކެތަން އަގަރުވާލާ ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ އާއިލާއަށް ކިޔައިދިނުމަށްވުރެ، ކިތަން މަރާލުން "މާ ފަސޭހަ" ކަމަށެވެ.
ފުލުހުންގެ ބަންދުގައި ހުރެ ސުވާލުތަކަށް ޖަވާބު ދެމުން ސިއާ ގޯޔަލް ބުނެފައިވަނީ، ކެތަން ބޮލުގައި ވިގް ޖަހާތީ އޭނާ ދެކެ ފޫހިވާ ކަމަށެވެ. ކައިވެނި ކުރަން ބޭނުންނުވާކަން އާއިލާއަށް ނޭންގީ ކީއްވެގެންތޯ ސުވާލު ކުރުމުން، އާއިލާގެ ހިތުގައި ޖައްސަން ބޭނުންނުވީ ކަމަށް ސިޔާ ގޯޔަލް ބުނެފައިވެއެވެ. އާއިލާއާ ކުރިމަތިލާ ކައިވެނި ހުއްޓާލުމަށްވުރެ، ލޯގަޅުފޯޓުގެ ފުން ގުންޑަކަށް ކެތަން ވައްޓާލުން މާ ފަސޭހަ ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް ސިޔާ ބުނެފައިވެއެވެ.
ރޭވުން ރޭވީ ލޯބިވެރިޔާއާ ގުޅިގެން
ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ ކެތަން ގާތު ސިޔާ ބުނުމުންވެސް، ކެތަން އެކަމަށް އިންކާރުކޮށް ކައިވެނި ކުރިއަށް ގެންދަން ބޭނުންވިއެވެ. އެހެންކަމުން، ސިއާ އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީއާ ގުޅިގެން ކެތަން މަރާލުމަށް ރޭވީއެވެ.
ކެތަންގެ ބައްޕަ ވިޝާލް އަގަރްވާލް ބުނިގޮތުގައި އޭނާގެ ދަރިފުޅު ކުޑަ "ހެއާރ ޕެޗް" އެއް ބޭނުން ކުރާކަން ކައިވެނި ހަމަޖެހުމުގެ ކުރިންވެސް ސިއާގެ އާއިލާއަށް އެނގޭނެ ކަމަށެވެ. "ބޮލުގައި ވިގެއް ޖަހައިގެން ހުރުމަކީ އަހަރެންގެ ދަރިފުޅު މަރާލަންޖެހޭ ސަބަބެއް ނޫން،" ކަމަށް ކޭތަންގެ ބައްޕަ ބުންޏެވެ. 
އާއިލާގެ މެންބަރުންނާ ސުވާލުކުރުން
މައްސަލައިގެ ތަހުގީގުގެ ތެރެއިން ޕޫނޭ ރޫރަލް ޕޮލިހުން ހުކުރު ދުވަހު ވަނީ ސިޔާ ގޯޔަލްގެ ކޮއްކޮ، ސާހިލް ގޯޔަލް ޑިސްޓްރިކްޓް ޕޮލިސް ހެޑްކުއާޓަރަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ތަހުގީގު އިދާރާތަކުން ބަލަމުންދަނީ، މި މައްސަލައިގައި ދެން ތުހުމަތުކުރެވޭ ޗެތަން ޗައުދަރީއާއި ސިޔާ ގޯޔަލްއާ ދެމެދު އޮތް ގުޅުމުގެ މައުލޫމާތު ސާހިލްއަށް އެނގޭތޯއާއި، އެކަން އާއިލާގެ އެހެން މެންބަރުންނަށް އޭނާ ހިއްސާކޮށްފައިވޭތޯއެވެ.
ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި، ޖެނުއަރީ މަހު ބޭއްވި ކްރިކެޓް މުބާރާތެއްގެ ތެރެއިން ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީއާ ދެމެދު އޮތް ގާތް ގުޅުން އާއިލާއަށް ވަނީ ފަޅާއަރާފައެވެ. ތަހުގީގު އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ދެ އާއިލާގެ މާލީ ތަފާތުތަކުގެ ސަބަބުން، ސިޔާގެ އާއިލާއިން ވަނީ އޭނާ ކެތަން އަގަރްވާލްއާ ކައިވެނިކުރުވަން ނިންމާފައެވެ.
މަރުގެ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ސާފުކުރުމަށްޓަކައި، ފުލުހުން ދަނީ އާއިލާގެ މެންބަރުންނާއި ގާތް ފަރާތްތަކާ ސުވާލުކޮށް، ތަހުގީގު އިތުރަށް ކުރިއަށް ގެންދަމުންނެވެ.
މަރުގެ ރޭވުން ރާވާފައިވާ ގޮތް
ފުލުހުން ހާމަކުރި ގޮތުގައި، މި ޖަރީމާ ހިންގުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ އެކި ފަހަރު މަތިން އެކަމަށް މަސައްކަތް ކޮށްފައެވެ.
ތަހުގީގުން އެނގޭ ގޮތުގައި، މެއި މަހުގެ 31 ވަނަ ދުވަހު ސިޔާ ގޯޔަލް ވަނީ އަގަރްވާލްއާއެކު ލޯގަޅުފޯޓަށް ގޮސް، މި އަމަލު ހިންގާނެ އެކަހެރި ސަރަޙައްދެއް ބަލައި ފާހަގަކޮށްފައެވެ. އަދި ޖޫން 4 ވަނަ ދުވަހު އެ ތަނަށް ދިއުމަށް ރޭވި ދަތުރު ކެންސަލް ކުރަން ޖެހުނީ، އަގަރްވާލްގެ މަންމަ އެކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
ފުލުހުން އިތުރަށް ތުހުމަތުކުރާ ގޮތުގައި، ޖޫން މަހުގެ 14 ވަނަ ދުވަހު ގޯޔަލް ވަނީ އަގަރްވާލް ފަރުބަދައަކުން ވައްޓާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެ ފަހަރު އޭނާ ސަލާމަތްވީ ގަސްބޮނޑިއެއްގައި ހިފެހެއްޓުމުންނެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، އެއީ އިއްތިފާގުން ހިނގި ހާދިސާއެއްކަމަށް ބުނެ ސިޔާ ގޯޔަލް އޭނާއަށް އޮޅުވާލައި، އަލުން އިތުބާރު ހޯދިއެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާވެސް އޭނާއާއެކު އެ ފޯޓްއަށް ދިޔައެވެ.
ފުލުހުންގެ މައުލޫމާތަށް ބަލާއިރު، ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ ގުޅިގެން ރޭވި ރޭވުން ތަންފީޒުކޮށްފައިވަނީ ޖޫން 18 ވަނަ ދުވަހުއެވެ. އެ ދުވަހު، މަހާރަޝްތުރާގެ މާވަލް ތާލޫކާގައި ހުންނަ ލޯގަޅުފޯޓްގެ 350 ފޫޓު ފުން މިނުގެ ފުން ވަޅުގަނޑަކަށް، އުމުރުން 25 އަހަރުގެ އަގަރްވާލް ވައްޓާލައި އޭނާ މަރާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، މި ކުށަށް ތައްޔާރުވުމުގެ ގޮތުން ޖޫން 6 ވަނަ ދުވަހު ކެތަން އަގަރްވާލްގެ ޕާސްޕޯޓްވެސް ސިޔާ ގޯޔަލް އެއްލާލާފައިވާ ކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައި ޗެތަން ޗައުދަރީގެ ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފެއްގެ ބަޔާންވެސް ފުލުހުން ވަނީ ނަގާފައެވެ. އޭނާ ބުނި ގޮތުގައި، ކެތަން މަރަލިކަމަށް ތުހުމަތުކުރެވޭ ދުވަހު ޗެތަން ޗައުދަރީ ފޯޓަށް ދިޔައީ އަމިއްލަ ފޯނު ބާއްވާފައި އެ މުވައްޒަފުގެ ފޯނު ހިފައިގެންނެވެ.
ޕޫނޭގެ ކެފޭއަކުން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، މޭ 31 އާއި ޖޫން 4 އާ ދެމެދު ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ އެތައް ފަހަރަކު ބައްދަލުކޮށްފައިވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ފުލުހުން ދަނީ އެ ބައްދަލުވުންތަކާ ގުޅޭގޮތުން ތުހުމަތުކުރެވޭ ދެ މީހުންނާ ވެސް ސުވާލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ