ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅަމުންދާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެކަމުގެ ޔަޤީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ދެއްވައިފިއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަމުން އަންނަ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާނެފަދަ ގޮތަކަށް މާލީ އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ. އެގޮތުން، ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހެނީ އިޤްތިޞާދީ ޙަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެގޮތަކަށް ބަލައިގެން ކަމަށާއި އަސާސީ ކަންތައްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން މުންދު ފާހަގަކުރެއްވިއެވެ.
މުންދު އިތުރަށް ވިދާޅުވޫ، ބޭރުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި ދަރަނި ނުދެއްކި ޑީފޯލްޓްވުމަކީ މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ.
މީގެއިތުރުން، ތެލާއި މުސާރަ އަދި އާސަންދަ ފަދަ ޒަރޫރީ ޚަރަދުތައް ހަމަޖައްސަނީ ފަތުރުވެރިކަމާއި އެހެނިހެން އާމްދަނީގެ ވަސީލަތްތަކުންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެތެރޭގެ ދަރަނި އުންމީދުކުރި މިންވަރަށްވުރެ މަތީގައި ހުރިނަމަވެސް، އެކަން ހައްލުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ޑޮމެސްޓިކް ޑެޓް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށްވުރެވެސް މާ ހައި. އެކަމަކު އެ މެނޭޖްކުރެވޭނީ ގްރޭޖުއަލީ އިން ސްޓޭޖަސް. އަޅުގަނޑުމެންގެ އެކްސްޓާނަލް ޑެޓް ކުރިން އޮތް ހިސާބުން ޑޮމެސްޓިކް ޑެޓަށް ބޮޑެތި ޗޭންޖެސް ގެނެސްގެން ކުރިޔަށް ގެންދަން އުދަގޫވީސް، ބޮޑެތި ކަންތައްތަކެއް ސަރުކާރުން ކުރަންޖެހޭ. ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންތައްތައް ހުއްޓާލަން އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުގެ ލަފަޔާއެކު ޚަރަދު ކުޑަކުރި ނަމަވެސް، އާންމުންނާ ގުޅުންހުރި ކަންކަމަށްވުރެ ބޮޑަށް އުނިކުރާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ކަމަށެވެ. އަދި ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން ދެއްވަމުން، މިހާރު ފަށާފައިވާ އިޞްލާޙީ މަސައްކަތްތަކާއެކު ކުރިއަށް އޮތްތަނުގައި ދައުލަތުގެ ޚަރަދުތައް ކުޑަވެ، މާލީ ހާލަތު ރަނގަޅުވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
މާލީ ހާލަތު ރަނގަޅު ކުރަން އަސާސީ ޚިދުމަތްތައް ހުއްޓައެއް ނުލާނަން: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ